މިއަދަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

image ރަމަޟާން މަހުގައި ލިބިފައިވާ ރަނުގެ ފުރުސަތު ނަގައި ނުލައި ބޭނުން ކުރައްވާ

މިއަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އާދެ، މުލަ ރޯދަ ދުވަހެވެ. ރަމަޟާން މަހަކީ ކޮންމެ އަހަރަކު އަޅުގަނޑުމެންނާ ބައްދަލު ކުރާ އުފާވެރި މައްސަރެކެވެ. އުފާވެރި މައްސަރަކަށް ވަނީ އެ މައްސަރުގައި އަޅުގަނޑުމެންނަށް ލިބޭ ރަނުގެ ފުރުޞަތެއްގެ ސަބަބުންނެވެ.

ﷲ ވަޙީ ކުރައްވައިފައިވާ ގޮތުގައި ރަމަޟާން މަސް އަޅުގަނޑުމެންނަށް ދެއްވައިފައި ވަނީ އަޅުގަނޑުމެން ތަޤްވާވެރި ވުމަށްޓަކައެވެ. ތަޤްވާވެރި ވުމަކީ ކޮބައިތޯއެވެ؟ ތަޤްވާވެރިވުމަކީ ﷲ ހަނދުމަ ކުޅައުމާއި، އެ ކަލާނގެއަށް ބިރުވެތި ވުމެވެ. އަޅުކަން ކުރުމާއި، ފާފަ ފުއްސެވުމަށް އެދުމާއި، ތައުބާ ވުމެވެ.

އިންސާނާއަކީ ކުށް ކުރާ އަދި ކުށް ކުރެވޭނޭ މަޚްލޫޤެކެވެ. ތައުބާ ވުމާއި، މަޢާފަށް އެދުން ލެއްވި ސަބަބަކީ އެއީއެވެ. ކުށުން ބަރީއަ ވެގެން ވުމަކީ ރަސޫލު ބޭކަލުންނާއި، ނަބީ ބޭކަލުން ފިޔަވައި އެހެން އެއްވެސް އިންސާނަކަށް ލިބިފައިވާ ދަރަޖައެއް ނޫނެވެ.

ފާފައިން ސަލާމަތް ވުމުގެ ދޮރު އަބަދުވެސް އޮންނަނީ ހުޅުވިފައެވެ. އެކަމަކު އެކަމަށް ޚާއްޞަ މޫސުމެއް ކޮންމެ އަހަރަކު އެއް ފަހަރު އާދެއެވެ. އަދި ޢުމުރުން އެއް ފަހަރު އަންނަ މޫސުމެއްވެސް އޮވެއެވެ. ޢުމުރުން އެއް ފަހަރު އަންނަނީ ޙައްޖު މޫސުމެވެ. އަހަރަކު އެއް ފަހަރު އަންނަ ޚާއްސަ މޫސުމަކީ ރޯދަ މަހެވެ.

ﷲ އަށް ހިތް ނިޔަތް ޚަލާސް ކޮށްގެން ހުރެ ހެޔޮ ގޮތުގައި ރޯދަ މަހުގެ ހުރިހައި ރޯދައެއް ހިފައިފި މީހެއްގެ ވޭތުވެ ދިޔަ ހުރިހައި ފާފައެއް ފުއްސަވާނެ ކަމަށް ވާރިދު ވެފައި ވެއެވެ. ރޯދަ މަހުގެ ރޭ ތަކުގެ ތެރޭގައި ގަދަރު އުފުލިގެންވާ ރެއެއް ވަނީ ލައްވައިފައެވެ. އެއީ ލައިލަތުލްޤަދްރި އެވެ. އެރޭ އަޅުކަމުގައި ދެމި ހުރެއްޖެ މީހަކަށް އެ އޮތީ އާޚިރަތް ލިބިފައެވެ.

ވުމާއެކު ރޯދަ މަހަކީ ކުޅިވަރާއި މަޖަލުގެ މައްސަރެއް ކަމަށް ނުހަދައި އަޅުކަމަށް ޚާއްޞަ މައްސަރެއް ކަމަށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި މައްސަރުގެ ފައިދާ އަޅުގަނޑުމެންނަށް ނުލިބޭނޭ ގޮތް ހެދުމަށްޓަކައި ޝައިޠާނާ ވަރަށް ބޮޑަށް މަސައްކަތް ކުރާނެއެވެ. އެކި ކަހަލަ ކުޅިވަރާއި މަޖަލުގެ ތެރެއަށް އަޅުގަނޑުމެން ގެންދެވޭތޯ ހިންމަތް ކުރާނެއެވެ.

ރޯދަ މަހަކީ ކުޅިވަރުގެ މައްސަރަކަށް ހަދައިފިނަމަ އެ ގެއްލުނީ ވަރަށް އަގުހުރި ފުރުސަތެކެވެ. ﷲ ގެ ރަޙްމަތުން ދެއްވި ބޮޑު ނިޢުމަތެއްގައި ކޮޅުފައިން ޖެހުނީއެވެ. އެހެންވީމާ އެހެން ނުހަދައި، ނަމާދު ކުރުމާއި، ތައުބާ ވުމާއި، ޒިކުރު ކުރުމުގެ ތެރޭގައި ހޭދަ ކުރާ މައްސަރަކަށް ރޯދަ މަސް ހަދަމާ ހިންގަވާށެވެ. ދިވެހި ހަރު ބަހެއްގައި އޮންނަ ފަދައިން ވެހޭތާ ފެން ނަގަމާ ހިންގަވާށެވެ. މިއީ ވެއްސަވާ މޫސުމެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް