އެއްބައިވަންތަ ކަމުގެ ދުވަސް
މިއަދަކީ "އެއްބައިވަންތަކަމުގެ ދުވަސް" ގެ ގޮތުގައި ރާއްޖޭގައި ފާހަގަ ކުރަމުންދާ ދުވަހެވެ. މިދުވަސް ރާއްޖޭގައި ފާހަގަ ކުރަން ފަށާއިފައިވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ސުނާމީ ކާރިސާއަށް ފަހުގައެވެ. އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި 26 ޑިސެމްބަރ ފާހަގަ ކުރަނީ ރާއްޖެއަށް ސުނާމީއެރި ދުވަހު ދިވެހި ރައްޔިތުން ސާބިތުކޮށްދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ރޫޙު ދިރުވައި އާލާކުރުމަށްޓަކައެވެ.
އެދުވަހަކީ ދިވެހި ތާރީޚުގައި ދިވެހިރާއްޖެއަށް އެންމެ ބޮޑުހިތާމައެއް މެދުވެރިވި ދުވަހެވެ. މިކާރިސާގައި ރާއްޖެއަށް ލިބިފައިވަނީ ވަރަށް ބޮޑެތި ގެއްލުންތަކެކެވެ. މިކާރިސާގައި ރާއްޖޭގައި އޭރު މީހުން ދިރިއުޅުނު 190 ރަށަށް ސުނާމީ އަސަރުކޮށްފައިވެއެވެ. އަދި 5 ރަށް މުޅިން ހަލާކުވެގެންދިޔައެވެ. 15،000 މީހުންގެ ގެދޮރު ގެއްލިގެން ދިޔައެވެ. 13 ރަށަކުން މީހުން ހުސްކުރަން ޖެހުނެވެ. އަދި އެމީހުން އެހެން ރަށްރަށަށް ބަދަލުކުރިއެވެ. މިކާރިސާގައި ދިވެހި އާބާދީގެ ތިންބައިކުޅައެއްބައި މީހުންނަށް ސީދާ ގޮތުން އަސަރުކުރިއެވެ. މިކާރިސާއާ ގުޅިގެން ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 62 އިންސައްތަ ގެއްލުން ލިބުނެވެ. މި ކާރިސާގައި 38 ކުދިންނާއި 44 މީހުން މިދުނިޔެ ދޫކުރި. 26 މީހުންވަނީ ގެއްލިފައެވެ
އެއްބައިވަންތަ ކަމުގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު އެދުވަހާ ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ "ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖޭގެ ރައްޔިތުން ދެއްކެވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ގައުމީ ނަމޫނާ މިއަދުވެސް އަޅުގަނޑުމެންގެ ހިތްތަކަށް ގެންނަންޖެހޭ. ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް އަދި ކޮންމެ ރަށަކުންވެސް ފެނިގެންދިޔައީ، މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވާ އަޚުވަންތަކަމާއި އެކުވެރިކަމާއި، ލޯބީގެ މަތިވެރި ގުޅުން،" ކަމަށެވެ.
ހިތާމައިގެ ވަގުތަކީ އެހެން މީހުންގެ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންވާނެ ވަގުތެވެ. ނަމަވެސް ސުނާމީ ކާރިސާއަކީ އެއްވެސް މީހެއްގެ އާރެއް ބާރެއް އޮވެގެން ނުވަތަ ބަޔަކު ކުރިކަމަކުން ދިމާވި ކަމެއް ނޫނެނެވެ. އެކަމުގައި ފޮރުވިފައިވާ ހިކުމަތަކާއި، ސިއްރު ދެނެވޮޑިގެންވަނީ އާލަމްތަކުގެ ވެރި ﷲ އެވެ.
ހަމަގައިމުވެސް ﷲ ގެ ކުޅަދުންވަންތަ ކަމުގެ މަތިން ވިސްނާލުމުގެ ފުރުސަތު ލިބުނެވެ. އެއާއެކު ގެއްލުން ލިބުނު ރަށްރަށުގައި އަލަށް ގެދޮރު ބިނާކުރެވުނެވެ. ހިތި ހަނދާންތަކެއް އަރުތެރޭގައި ހުއްޓަސް ބައެއް ރަށްރަށުން ކުރިން ނުލިބޭ ތަރައްގީގެ ވަސީލަތްތައް ލިބެން ފެށިއެވެ. އަދި ކުރިއަށްވުރެ އުފާވެރި، ތަނަވަސް ދިރިއުޅުމެއް އުޅުމުގެ މަގު ތަނަވަސްވިއެވެ. ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުން ގެންދަވަނީ ފަސޭހަ ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައި ދިނުމަށް މަސައްކަތް ކުރަމުންނެވެ.
މިކާރިސާއަށް ނިސްބަތް ކުރާއިރު 9 އަހަރަކީ ދިގު މުއްދަތެއް ނޫނެވެ. އެއީ ކުރުމުއްދަތެކެވެ. އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެންވެސް މިއަދު ރަމްޒީ ގޮތުން އަތުކުރި އޮޅާލީމުއެވެ. މިގުޅާލި ގުޅާލުމަކީ ދާއިމީ ގުޅާލުމަކަށް ނުވާ ކަމަށްވާނަމަ އެއީ އެއްވެސް ބޭނުންތެރި ކަމެއްނޫނެވެ. އެގުޅާލި ގުޅާލުމަކީ ހިތާރޫހުން، ލޮލާއި ބޮލުން އެދިގެން އިޚުލާސްތެރި ކަމާއެކު ގުޅުނު ގުޅުމަކަށް ނުވާކަމަށް ވާނަމަ އެއިން ކުރާނެ ފައިދާއެއް ނެތެވެ.
މިފަދަ ދުވަސްތައް ފާހަގަ ކުރުމުގެ ބޭނުމަކީ އިބްރަތްތައް ލިބިގަތުމެވެ. އެދުވަހުގެ ހަނދާންތައް އާކުރުމެވެ. ބޭނުމަކީ ދުރާލައި ތައްޔާރުވާން ފުރުސަތު ހޯދުމެވެ. ދުންޔަވީ ގޮތުންނާއި އުޚުރަވީ ގޮތުންނެވެ.
ދުންޔަވީ ގޮތުން ތައްޔާރުވާންވީ ގޮތަކީ އެފަދަ ކާރިސާތަކުން ރަށްރަށް ސަލާމަތް ކުރުމަށް ކުރީބައިގައި ފިޔަވަޅު އެޅުމެވެ. މިފަދަ ކާރިސާ ތަކަކީ ގުދުރަތީ ގޮތުން ދިމާވާ ކަންކަމަށްވާތީ އަބަދުވެސް އިސްލާމްދީނުގައިވާ ގޮތުގެ މަތިން އެންމެންވެސް އުޅުމަށް އާދަކުރުމެވެ. މަރު އެއީ އެންމެ އަވަހަށް އިންސާނާއާ ބައްދަލު ކުރާނެ އެއްޗެކެވެ. އެހެން ކަމުން އެއްބައިވަންތަ ކަމުގެ ދުވަސް ނޫނަސް އަބަދުވެސް އެއްބައިވަންތަ ކަމާއެކު މުސްލިމުންގެ ގޮތުގައި ތިބެ ދުނިޔެ ދޫކުރުމުގެ އަޒުމުގައި ތިބެންޖެހެއެވެ.
ކިޔުންތެރިންގެ ހިޔާލު