މިއަދަކީ މާތްވެގެންވާ ޙައްޖު ދުވަހެވެ.

މިއަދަކީ މާތްވެގެންވާ ޙައްޖު ދުވަހެވެ. ނުވަތަ ޢަރަފާތް ދުވަހެވެ. މިދުވަހުގެ ހެޔޮކަމުގެ ބޮޑުކަމާއެވެ. ޢަރާފާތުގެ އަހުލުވެރިންނަށް ﷲ ދެއްވާ ސަވާބުގެ ގިނަކަމާއެވެ.

މިއީ އަޅުގަނޑުމެން މުސްލިމުން އެއްގޮތަކަށްވެސް ނަގައިލައިގެންވާނެ ފުރުސަތެއް ނޫނެވެ. ޢަރަފާތް ދުވަހަކީ މާތްވެގެންވާ ދުވަހެކެވެ. ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި މިއަދަކީ ﷲއަށް ދަންނަވާ ދުޢާ އިޖާބަކުރައްވާނެ ދުވަހެކެވެ. މިއަދަކީ ﷲގެ އަޅުތަކުންނަށްޓަކައި މަލާއިކަތުންގެ އަރިހުގައި ﷲ ސުބުޙާނަހޫވަތަޢާލާ ފަޚުރުވެވޮޑިގަންނަވާ ދުވަސް ކަމަށްވެސް އިލްމުވެރިން ވިދާޅުވެފައިވެއެވެ.

މިއަދަކީ އަޅުގަނޑުމެންގެ މައްޗަށް ﷲ ރަހުމަތެއް ކަމުގައި ބާވައިލެއްވި އިސްލާމް ދީން ފުރިހަމަ ކުރެއްވި ދުވަސްވެސްމެއެވެ. މިއަދަކީ އެންމެ ގިނައިން ފާފަފުއްސަވައި ނަރަކައިން މުއްތިކުރުމުގެ ދުވަސް ކަމަށްވެސް އިލްމުވެރިން ވިދާޅުވެއެވެ.

މިފަދަ މާތްދުވަހެއް ﷲ އިސްލާމުންގެ މައްޗަށް ލެއްވުމުން އެދުވަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭނެއެވެ. މިއަދު ހިފާ ރޯދައަކީ ދެއަހަރުގެ ކައްފާރާ ކަމަށްވެސް ދަންނަ ބޭކަލުން ވިދާޅުވެއެވެ. އެހެން ކަމުން ޙައްޖުވެރިން ފިޔަވާ މިއަދު ރޯދަހިފުމަކީ ކޮންމެ އިސްލާމެއްގެ މައްޗަށް އޮތް ސުންނަތެކެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެން ހިފަމުންދާ ރޯދައާއި ﷲ އަށް ދަންނަވާ ދުޢާ އިޖަބާކޮށް ދެއްވާށިއެވެ.

މާތﷲ އެކަލާނގެ އަޅުތަކުންނަށްޓަކައި އެކަލާނގެ ނިޢުމަތްތައް ފުރިހަމަ ކުރެއްވި މިދުވަހުގެ ހުރުމަތާމެދު އަޅުގަނޑުމެންވިސްނާލަން އެބަޖެހެއެވެ. އަދި އެއިން އިބްރަތް ލިބިގަންނަން ޖެހެއެވެ. މިފަދަ މާތްވެގެންވާ ދުވަހެއް އަޅުގަނޑުމެންގެ މައްޗަށް ﷲ ލައްވާފައިވާއިރު އަޅުގަނޑުމެންގެ އަމަލްތައް ހުރީ ﷲ އެންގެވި ގޮތަށްތޯ ސުވާލު ކުރަން ޖެހެއެވެ. ތިމާގެ އަމަލު ތަކާމެދު ސުވާލު އުފެއްދުމަށްފަހު އަމަލުތައް ﷲ ރުހިވޮޑިގަންނަވާ ގޮތަށް ބަދަލު ކޮށް އެކަލާނގެ ލޯތްބާއި، ރުހިވޮޑިގަތުން ހޯއްދެވުމަށް އެންމެން މަސައްކަތް ކުރަމާތޯއެވެ.

މިއަދު މާތްވެގެންވާ މައްކާގެ ފަޒާވަނީ ޙައްޖާޖީންގެ ތަލްބިޔާގެ އަޑުން ގުގުމައިލާފައެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާގެ މާތްބިމަށް ދެމިލިއަނަށްވުރެ ގިނަމީހުންވަނީ ޖަމާވެފައެވެ. ކަޢުބަތުﷲ އަށް އަޅުގަނޑުމެންނަށް ނުދެވުނު ކަމަށްވިޔަސް އަމިއްލަ ފަސްގަނޑުގައި ތިބެގެން ﷲއަށް ދުޢާދަންނަވާށެވެ. ކުރެވިފައިވާ ފާފަތަކުގެ މައްޗަށް ހިތާމަކޮށް އަފޫކޮށް ދެއްވުމަށް އެދި ދީލަތިވަންތަ ﷲގެ ޙަޟުރަތުގައި އެދި ދަންވާށެވެ.

ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް އުމުރުން އެއްފަހަރު އަދާ ކުރުމަށް ﷲ ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. މިއަޅުކަން އަދާ ކުރުމަށް ދުނިޔޭގެ އެކިކަންކޮޅު ތަކުން އެތައްސަތޭކަ ބަޔަކު ކޮންމެ އަހަރަކު މައްކާ ގައިހުންނަ ގެފުޅަށް ޖަމާވެއެވެ. މިއީ ދުނިޔޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއްވުމެވެ. މިއެއްވުން ދުނިޔެ ދެމިއޮތްހާ ދުވަހަކު ތަކުރާރު ވަމުން ދާނެއެވެ. މިއެއްވުމުގައި ތަފާތު ގައުމުތަކުން ތަފާތު ނަސްލުތަކުގެ މީހުން އެއްވެސް ތަފާތު ކުރުމެއްނެތި ބައިވެރި ވަމުންދެއެވެ. މިއަޅުކަމަކީ ހަމަހަމަ ކަން ވަރަށް ރަނގަޅަށް ހާމަވެގެންވާ އަޅުކަމެކެވެ.

ﷲގެ ޙަޟުރަތުގައި އެއްވެސް މީހަކު ތަފާތު ކުރުމެއްނެތެވެ. އެމީހެއްގެ ތަފާތުކަމެއް އޮންނާނީ އެމީހެއްގެ ކިޔަމަންތެރިކަމާއި ތަގުވާވެރި ކަމުގެ މައްޗަށެވެ. ޙައްޖުގެ އަޅުކަމަކީ އިސްލާމީ ޒިކުރާ އާކޮށްދޭ ކެމެކެވެ. އިބްރާހީމްގެ ފާނުގެ މާތްވެގެންވާ ޒިކުރާއާވެސް ގުޅިފައިވާ ކަމެކެވެ. ގެފުޅު ބިނާ ކުރެއްވުމަށްފަހު އެކަލޭގެ ފާނު ކުރެއްވި ދުޢގެ ހަނދާންތައްވެސް އާވެގެންވާ ދުވަހެކެވެ.

މިހަދާންތަކާއެކު އިޚުލާސްތެރި ކަމާއެކު ތައުބާ ވަމާ ހިނގާށެވެ. މަތިވެރި ދަރުމަ އާއި ސަވާބު ﷲ ގެ ޙަޟުރަތުން ލިބޭތޯ ދުޢާ ދަންނަވަން ހިނގާށެވެ. ހައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް ގޮސްތިބި ޙައްޖާޖީންގެ ފާފަތައް ފުއްސަވައި އެމީހުންނަށް ޙައްޖުގެ ސަވާބައި ދަރުމަ ދެއްވާށިއެވެ. އަދި އަޅުގަނޑުމެންގެ ފާފަފުއްސަވައި އަޅުގަނޑުމެންނަށްވެސް ހެޔޮ ތައުފީގު ދެއްވާށިއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް