ތުރުކީގައި ކުރަމުން އަންނަ ހަޅުތާލުގައި 12 މީހުން މަރުވެއްޖެ

image

ތުރުކީގައި ކުރުދީން ކުރަމުން އަންނަ ހަޅުތާލުގައި 12 މީހުން މަރުވެއްޖެއެވެ.

ބައެއް މީހުން މަރުވެފައިވަނީ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައެވެ. އަނެއް ބަޔަކު މަރުވެފައިވަނީ މީހުން ދިރިއުޅޭ ގެތަކާ ވެހިކަލްތަކުގައި ހަޅުތާލުގެ ބައިވެރިން އަލިފާން ޖެހުމުގެ ސަބަބުންނެވެ.

ހަޅުތާލުތައް އެންމެ ގަދައަށް ކުރިއަށް ދަނީ ތުރުކީގެ ވެރިރަށް އަންކަނާ އާއި އެ ގައުމުގެ އެންމެ ބޮޑު ސިޓީ އިސްތަންބޫލުގައިއެވެ. "އަލް ޖަޒީރާ" އިން ބުނީ އެ ހަޅުތާލަކީ ސީރިއާގެ ކޮބާންގައި ދިރިއުޅޭ ކުރުދީންގެ ހައްގުތައް ހިމާޔަތްކުރުމަށް ތުރުކީ ސަރުކާރަށް ޕްރެޝަރުކުރުމަށް ހަޅުތާލެއްކަމަށެވެ.

ހަޅުތާލުތަކުގައި ބައިވެރިވާ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެއެވެ. އޭގެ އިތުރުން 30 މީހުންނަށް އެކިވަރުގެ އަނިޔާ ވެފައިވެއެވެ. ޒަހަމްވީ މީހުންގެ ތެރޭގައި ފުލުހުން ވެސް ހިމެނޭކަމަށް ތުރުކީ ސަރުކާރުން ބުނެއެވެ.

ތުރުކީގެ ރައީސް ތައްޔިބް އާގަޑަން ވަނީ ސީރިއާގެ ކޮބާން އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށަށް ދަމުން އަންނަކަމަށް ވިދާޅުވެފައެވެ. އައިއެސްއާ އަދި އެ ސަރަހައްދުގައި ހިމެނޭ ޓެރަރިސްޓު ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަކުރުމަށް ތުރުކީ ސިފައިން ސީރިއާއާއި އިރާގަށް ފޮނުވާނެކަމަށް ތައްޔިބް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން އައިއެސްގެ އިތުރުން މި ސަރަހައްދުގައި ހިމެނޭ ޓެރަރިސްޓު ޖަމާއަތްތަކާ ހަނގުރާމަކުރާނީ ވިސްނުންތެރިކަމާއެކު،" ތުރުކީގެ މަޖިލިސް ހުޅުވުމަށް ދެއްވި ބަޔާނުގައި ތައްޔިބު ވިދާޅުވިއެވެ.

އައިއެސްގެ ހަނގުރާމަވެރިން ތުރުކީގެ ބޯޑަރާ ކައިރިވެފައި ވީނަމަވެސް ތުރުކީ ސިފައިންނާ އެ ޖަމާއަތާ ދެމެދު ކުރިމަތިލުންތަކެއް އަދި ނުހިގައެވެ. ތުރުކީއަކީ އެމެރިކާއިން އައިއެސްއާ ދެކޮޅަށް ހަދާފައިވާ ބައިނަލްއަގުވާމީ ކޯލިޝަނުގައި ބައިވެރިވެފައިވާ ގައުމެއްނޫނެވެ. 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް