އައިސިސްގެ ޙަރަކާތްތައް އިންޑޮނޭޝިއާ ގައި ހިންގުން މަނާކޮށްފި
އިސްލާމިކް ސްޓޭޓް އޮފް އިރާޤް އަދި ސީރިއާ (އައިސިސް) ގެ ޙަރަކާތްތައް އިންޑޮނޭޝިއާގައި ހިންގުން އެ ޤައުމުގެ ސަރުކާރުން ރަސްމީކޮށް މަނާކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު މިކަން މަނާކޮށްފައިވަނީ އިންޑޮނޭޝިއާ މީހަކު ޔޫޓިއުބް ގައި ޢާއްމުކުރި ވީޑިއޯއަކަށްފަހުގައެވެ. މި ވީޑިއޯގައި އިންޑޮނޭޝިއާގެ މުސްލިމުންނަށް އެމީހާ ގޮވާލާފައިވަނީ އައިސިސް އާއި ގުޅުމަށްކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެއެވެ. އިންޑޮނޭޝިއާ ސަރުކާރުގެ މިޓިސްޓަރ ފޮރ ޕޮލިޓިކަލް، ލީގަލް އަދި ސެކިއުރިޓީ އެފެއަރޒްގެ ކޯޑިނޭޓިން މިނިސްޓަރ ޖޯކޯ ސުޔަންޓޯ އައިސިސް މަނާކުރިކަން އިޢުލާނުކޮށްފައިވަނީ އެ ޤައުމުގެ ރައީސް ސުސިލޯ ބަންބަންގް ޔުދޮޔޯނޯ އާއިއެކު ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.
"އައިސިސް އިން ދަސްކޮށްދޭ ކަންކަމަކީ ދީނާއި ގުޅޭ ކަންކަމެއް ނޫން." ޖޯކޯ ސުޔަންޓޯ ހާމަކުރެއްވިއެވެ. "އައިސިސްގެ ޙަރަކާތްތައް އިންޑޮނޭޝިއާގައި ފެތުރުން ސަރުކާރާއި ދަޢުލަތުން މަނާކުރަން. އަދި އައިސިސްގެ ޙަރަކާތްތައް ކުރިއަރުވަން ކުރާ ކޮންމެ މަސައްކަތެއް ހުއްޓުވަން ޖެހޭނެ. އިންޑޮނޭޝިއާއަކީ އެފަދަ ކަންކަން ކުރިއަރުވާ ތަނަކަށް ވިޔަދީގެން ނުވާނެ." ސުޔަންޓޯ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އައިސިސް ތަމްސީލުކުރުމަށް މަސައްކަތްކުރާ ފަރާތްތައް ހުއްޓުވާނެކަމަށާއި އަދި އެޤައުމުގެ މިނިސްޓަރ އޮފް ރިލީޖިސް އެފެއަރޒް އާއި ދީނީ ލީޑަރުންނަށް ދަންނަވައިގެން އައިސިސްގެ ނުރައްކާތެރިކަން ޢާއްމުންނަށް ވިސްނައިދިނުމަށް ހޭލުންތެރިކުރުވާނެކަމަށެވެ.
އަމިއްލަ އިސްލާމީ ޚިލާފަތެއް އިއުލާންކޮށްފައިވާ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ އައިސިސްގެ ނަންވަނީ ދާދިފަހުން އިސްލާމިކް ސްޓޭޓް ގެ ނަމަށް ބަދަލުކޮށްފައެވެ. މި ޖަމާޢަތުން މިދިޔަމަހުވަނީ އިރާޤާއި ސީރިއާގެ މުހިންމު ސަރަޙައްދުތަކެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
އިންޑޮނޭޝިއާގެ ނޫސްތައް ބުނާގޮތުން އިސްލާމިކް ސްޓޭޓުން ކުރިސްޓިއަނުންނާއި ޝީޢީ މުސްލިމުންނާއި ދެކޮޅަށް އެތައް ކެމްޕޭންތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެމީހުންގެ ހަރުކަށި ކަމުގެ ސަބަބުން އަލް-ޤައިދާއިންވެސް މިދިޔަ ފެބްރުއަރީމަހު އެމީހުންނާއި ގުޅުން ކަނޑާލާފައިވާކަމަށްވެސް ބުނެއެވެ.
މީގެއިތުރުން ސުޔަންޓޯވަނީ އިޖްތިމާޢީ މީޑިއާ ބޭނުންކޮށްގެން އައިސިސް ޕްރޮމޯޓްކުރުމަށް ކުރާ މަސައްކަތްތައް ބްލޮކް ކުރުމަށް އިންޑޮނޭޝިއާގެ މުވާޞަލާތާއި ބެހޭ މިނިސްޓަރަށްވެސް ވަނީ އަންގަވައިފައެވެ. ފުލުހުންނާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް އޭޖެންސީ (ބީއެންޕީޓީ) އިން މެދުއިރުމައްޗާއި ދެކުނު އޭޝިއާގެ ޤައުމުތަކަށް ދަތުރުކުރާ އެ ޤައުމުގެ ރައްޔިތުންނަށް ފާރަވެރިވުމަށް މަސައްކަތްކުރާގޮތަށްވަނީ ހަމަޖައްސާވައިފައެވެ.
އިންޑޮނޭޝިއާގެ "އަހުލް ބައިތު އެސޯސިއޭޝަންގެ" ޝީޢީންނާއި ގުޅުން އޮންނަ ޖަމާޢަތުގެ ދީނީ ލީޑަރުންގެ ތެރެއިން ޖަލާލުއްދީން ރަޚްމަތު ވެސް ވަނީ އައިސިސްގެ ޙަރަކާތްތައް ކުށްވެރިކޮށްފައެވެ. "އިންޑޮނޭޝިއާ ގައި އައިސިސް ވުޖޫދުވުމާއި އެމީހުންނަށް ތަބާވާ މީހުން އުޅުމަށް އަހަރުމެން އިންކާރުކުރަން." ޖަކާޓާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވިއެވެ.
އައިސިސް އިން ބުނަމުންދަނީ އަބޫބަކްރުލް ބަޣްދާދީއަކީ ހުރިހާ މުސްލިމުންނާ އަދި މުޅި އިސްލާމީ އުންމަތުގެ ޚަލީފާ ކަމަށާ އެމީހުންނަކީ އިސްލާމީ ޚިލާފަތެއް ކަމަށެވެ.
އައިސިސް ގެ ގޮތްޕެއް ރާއްޖޭގައި ޕްރޮމޯޓް ކުރުމަށް ދިވެހިންކަމަށް ބެލެވޭ ބަޔަކުވަނީ ފޭސްބްކް ގްރޫޕެއްހަދައި މަސައްކަތްތަކެއް ފަށާފައެވެ. މި ގްރޫޕަށް ދީފައިވާ ނަމަކީ އިސްލާމިކް ސްޓޭޓް އޮފް މޯލްޑިވްސް އެވެ.
ކިޔުންތެރިންގެ ހިޔާލު