އިޒްރޭލާއި ފަލަސްތީނު ސުލްހަކުރުމުގެ މަސައްކަތް އޮބާމާ ފައްޓަވައިފި
އިޒުރޭލާއި ފަލަސްތީނު ސުލްހަ ކުރުމުގެ މަސައްކަތް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ފައްޓަވައިފިއެވެ.
އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު ފިނިކުރުމަށް މަޝްވަރާ ކުރުމުގެ ގޮތުން ރައީސް އޮބާމާ ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ފޯނުކޯލެއް ކުރައްވައި އިޒްރޭލުން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އެދިލައްވާފައިއެވެ.
އޮބާމާ ވިދާޅުވެފައިވަނީ 2012 ވަނަ އެއްބަސް ވެފައިވާ ސުލްހައިގެ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ހުއްޓުވުމަކަށް ގެނައުމަށް އެމެރިކާއިން ތައްޔާރަށް އޮތްކަމަށެވެ. ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދެމުން އަންނަ ހަމަލާތަކާއިމެދު ކަންބޮޑުވާކަމަށް ވެސް އޮބާމާ ވިދާޅުވެފައިވާކަމަށް ވައިޓް ހައުސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.
"ދެ ފަރާތުން ވެސް ސުލްހައަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އާޅުގަނޑު އެދެން. އާންމު ރައްޔިތުންގެ ފުރާނައާއި ރައްކާތެރަން ޖެހޭނެ. މަޝްރަހު ސުލްހަ ކުރުމަށް މަސައްކަތް ތަކެއް ކުރަންޖެހޭ،" އޮބާމާ ފޯނު ކޯލުގައި ވިދާޅުވެފައިވެއެވެ.
އިޒްރޭލުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކުން ޣައްޒާއަށް ދީފައިވާ ހަމަލާތަކުގައި މިހާތަނަށް ވަނީ 90 މީހުން މަރުވެފައެވެ. އޭގެ ތެރެއިން ދެބައިކުޅައެއްބައިމީހުންނަކީ އާންމުންނެވެ. އަދި އޭގެ ތެރޭގައި ގިނައަދަކަށް އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭކަމަށް ވެސް ބީބީސީން ބުނެއެވެ. ހަމަލާތަކުގައި 600 އަށްވުރެ ގިނަ ހަނގުރާމަވެރިންނާއި އާންމުން ޒަހަމްވެފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
މިހެން ކަން އޮތް ކަމުގައި ވިއަސް ނަތަންޔާހޫ ވިދާޅުވެފައިވަނީ ޣައްޒާއަށް ދެމުންދާ ހަމަލަތާއް އިތުރަށް ވަރުގަދަކުރާނެކަމަށެވެ. އަދި އިޒްރޭލުން ބުނަނީ އެމީހުން ހަމަލާ ދެމުނ އަންނަނީ ފަލަސްތީނުގެ ހަނގުރާމަވެރިންނަށް ކަމަށެވެ. އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގެ ބަދަލުގައި ފަލަސްތީނުގެ ހަނގުރާމަވެރިން މިހާތަނަށް 500 އަށްވުރެ ގިނަ ރޮކެޓު ހަމަލާ ދީފައިވާ ކަމަށް އިޒްރޭލުން ބުނެއެވެ. އެހެން ނަމަވެސް ގިނަ މިސައިލުތަކެއް އިޒްރޭލުގެ އެންޓި މިސައިލް ސިސްޓަމުން ދިފާއު ކޮށްފައިވާކަމަށްވެސް އެ ގައުމުން ބުނެއެވެ. އިޒްރޭލުން މިހެން ބުނި ކަމުގައި ވިއަސް އެގައުމުން އެއްވެސް މީހަކު އަދި މިހާތަނަށް މަރުވެގެން ރިޕޯޓެއް ނުކުރެއެވެ.
ފްރާންސާއި ރަޝިޔާގެ އިތުރުން އދ ގެ ސެކެރެޓަރީ ޖެނެރަލް ބަންކީ މޫން ވެސް ވަނީ އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު ފިނިކުރުމަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު