ޔޫކްރޭނުގެ ރައީސް ރަޝީއާގެ ރައީސާ ބައްދަލު ކުރެއްވިކަމުގެ ޚަބަރާ އެކު އެޤައުމު ހަމަނުޖެހުމަކަށް
ޔޫކްރޭންގެ ރައީސް ވިކްޓަރ ޔަނުކޮވިޗް ރަޝިއާގެ ރައީސް ވްލަޑިމީރް ޕުޓިންއާ ބައްދަލުކުރެއްވިކަމުގެ ޚަބަރު ފެތުރުމާ އެކު އެޤައުމުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ.
ޔޫރަޕިއަން ޔޫނިއަންއާއި އެކު ޔޫކްރޭނުން އެއްބަސްވުމަކަށް ދިއުމުގެ ބަދަލުގައި ރަޝިއާ އެކު އިޤްތިސާދީ އެއްބަސްވުންތަކެއް ވުމަށް ރަޝިއާގެ ރައީސް ޕުޓީންއާއި ޔޫކްރޭންގެ ރައީސް ޔަނުކޮވިޗް ސޮޗީގެ ބްލެކް ސީ ރިޒޯޓްގައި ހުކުރުދުވަހު ބައްދަލު ކުރައްވާފައިވާ ކަމަށް ޚަބަރުތަކުން ބުނެއެވެ.
ރަޝީއާ އާއި އެކު ސޮއިކުރެވުނު އެއްބަސްވުންތަކާއި ދެކޮޅަށް ހޮނިހިރު ދުވަހު އެޤައުމުގެ ވަރަށް ގިނަ ރައްޔިތުންވަނީ ކިއޭވްގެ މަގުތަކަށް ނިކުމެ މުޒާހަރާކޮށްފައެވެ.
"އެމަނިކުފާނު ކީއްކުރައްވަންތޯ ސޮޗީގައި މިއެއްބަސްވުންތަކެއްގައި ސޮއިކުރެއްވީ؟ މިއީ މިޤައުމުގެ މުސްތަޤްބަލަށް އެޅުނު ވަރަށް ނުބައި ފާލެއް. މިކަމުގައި މިޤައުމުގެ އެއްވެސް މަސްލަހަތެއް ނުވޭ،" އިދިކޮޅު ފަރާތްތަކުގެ އިސް ލީޑަރެއް ކަމުގައިވާ އަރސެނީ ޔަޓްސެންޔުކް ހާމަކުރެއްވިއެވެ.
"އެމަނުކުފާނު މުޅިންވެސް ކަންތައްކުރައްވަނީ އެމަނިކުފާނުގެ އަމިއްލަ މަސްލަހަތަށް. އެމަނިކުފާނުގެ ސަރުކާރު ދެމެހެއްޓުމަށް ފައިސާ އެއްކުރެއްވުމަށްޓަކައި ކުރައްވާކަންތައްތައް ހުސް. އަޅުގަނޑުމެންގެ ޑިމާންޑަކީ އަޅުގަނޑުމެންގެ ކުރިމައްޗަށް އެމަނިކުފާނާއި ބޮޑުވަޒީރު ނިކުމެވަޑައިގެން ޙަޤީޤަތް ހާމަކުރެއްވުން،" ޔަޓްސެންޔުކް އިތުރަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު