ތަފާތު ފިރުޤާތަކަށް އިސްލާމްދީން ބައިބައި ނުކުރުމަށް ސަޢުދީޢަރަބިޔާގެ މުފްތީ މުސްލިމުންނަށް ގޮވާލައިފި

މުސްލިމުންގެ މެދުގައި ބައިބައިވުން ނުއުފެއްދުމަށާއި އަދި އުއްމަތުގައި އުފެދިފައިވާ ފާސިދު ފިރްޤާ (ބައިބައި) ތަކުން އެކަހެރިވެ މުސްލިމުން ކީރިތި ޤުރްއާނާއި މޫރިތި ސުންނަތުގެ މައްޗަށް، ޞާލިޙް ސަލަފުންގެ މަގަށް އެކަތިގަނޑަކަށްވުމަށް ސަޢުދީޢަރަބިޔާގެ މުފްތީ ޢާންމު އަދި ޢިލްމުވެރިންގެ ކޮމިޓީގެ ރައީސް އައްޝައިޚުލް އައްލާމާ ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ އާލުއްޝައިޚް މުސްލިމުންނަށް ގޮވާލައްވައިފިއެވެ.

ދެ މިލިއަނަށްވުރެ ގިނަ މުސްލިމުން ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް އިއްޔެ އަރަފާތުބިމުގައި އެއްވެފައިވަނިކޮށް، ނަމިރާ މިސްކިތުގައި ވިދާޅުވި އަސަރުގަދަ ޙައްޖު ޚުތުބާގައި މުފްތީ، މުސްލިމު އުއްމަތަށް އިލްތިމާސް ކުރެއްވީ ދެކޮޅުވެރިކަމާއި ދެބަސްވުމާއި ފިތުނަ ފަސާދައިން މުސްލިމުންގެ ބިންތައް ރާއްކާތެރިކުރުމަށެވެ.

"ކާމިޔާބީއާއި ފަލާޙް އަދި ބާއްޖަވެރިކަމާއި އުފާވެރިކަންވަނީ މުޅި އުއްމަތް އެކީ އެކައްޗަށް ދީނުގެ ޙައްޤު މަގަށް ތަބާވެގެން،" ޝައިޚް ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.

"ފަހެ ތިޔަބައިމީހުންގެ ޤައުމަކީ ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށްވާ ވަރަށްވެސް ބޮޑު އަމާނާތެއް. ފަހެ ތިޔަބައިމީހުންގެ ޤައުމުގެ އަމާންކަމާއި، މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރިކުރުމަކީ އެއީ ތިޔަބައިމީހުންގެ މައްޗަށް އޮތް ވަރަށްވެސް ބޮޑު ވާޖިބެއް،" ސަޢުދީ ޢަރަބިއްޔާގެ މުފްތީ ވިދާޅުވިއެވެ.

މުފްތީ ވިދާޅުވިގޮތުގައި މުސްލިމުން އެކަކު އަނެކަކަށް ހަނގުރާމަކޮށް އެކަކު އަނެކަކު މަރައި ހެދުމަކީ ވަރަށްބޮޑު ފިތުނަވެރި ޖަރީމާއެއް ކަމަށެވެ. ކުށެއްނެތް މީހާގެ ލޭ ހުއްދަކުރާ މީހުންގެ ނިމުންވަނީ ނަރަކައިގެ ވޭންދެނިވި އަޒާބުންކަން ދަނެ އެފަދަ ނުބައިކަންކަމަށް ވެއްޓުމުން ތިމާގެ ނަފްސު ހިފެހެއްޓުމަށާއި ﷲ އަށް ތަޤްވާވެރިވުމުގައި ޙައްޤުގޮތުގައި ތަޤްވާވެރިވުމަށް ޝައިޚް ގޮވާލެއްވިއެވެ.

"ޓެރަރިޒަމް އަކީ އިސްލާމްދީން ކަނޑައެޅިގެން ހަރާމް ކުރައްވާކަމެއް. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގަމުން އަންނަ ޓެރަރިޒަމްގެ ޢަމަލުތަކަކީ އެއްވެސްގޮތަކަށް އިސްލާމްދީނުގައި ބާރު އަޅާކަމެއް ނޫން. އެއީ ނުބައިކަން ބޮޑު ޖަރީމާތަކެއް،" މުފްތީ ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement