ރޮނާލްޑޯ ދޫކޮށްލުމަށްފަހު އިރިނާ ރާއްޖެއަށް

image ރޮނާލްޑޯ އާއި އިރިނާ؛ ބެލޮންޑިއޯ އެވޯޑް ރޮނާލްޑޯ އުފުލާލިއިރު އިރިނާ ހުރީ ރާއްޖޭގައި

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޮވުމަށް ފީފާއިން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި އެވޯޑް ހަފްލާ (ބެލޮންޑިއޯ) އަށް ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ނުގޮސް އޭނާގެ ބިޓް އިރިނާ ޝައިހް އައީ ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަންކަން ހާމަވެއްޖެއެވެ.

ރޮނާލްޑޯއާއެކު އެވޯޑް ހަފްލާއަށް ދިޔުމުގެ ބަދަލުގައި އިރިނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރިކަން ހާމަވީ އިންސްޓަގްރާމްގައި އޭނާ ޕޯސްޓް ކުރި ފޮޓޯތަކުންނެވެ. ރޮނާލްޑޯއާއެކު އެވޯޑް ހަފްލާގައި އިރިނާ ބައިވެރިނުވުމުން ދުނިޔޭގެ މަޝްހޫރު މީޑިޔާތަކުން ދަނީ މިދެތަރިންގެ މެދުގައި މައްސަތަކެއް ޖެހިފައިވާކަމަށް ބުނެފައެވެ.

އިރިނާ ބުނެފައި ވަނީ ރޮނާލްޑޯއާއެކު އެވޯޑް ހަފްލާގައި ބައިވެރިނުވެވުނީ "ބިޒީ" ކަމުން ކަމަށެވެ. މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ ބެލޮންޑިއޯ އެވޯޑް ހަފްލާގައި ބައިވެރިނުވެ އިރިނާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައީ ކޮންފަރާތަކާއެކުތޯއެވެ.

މީޑިޔާ ބައެއް ރިޕޯޓުތައް ބުނާ ގޮތުން އިރިނާ އާއި ރޮނާލްޑޯއާ ދެމެދު ޖެހިގެން އުޅޭ މައްސަލައަކީ އާއަހަރުގެ ޗުއްޓީއާ ދިމާކޮށް ރޮނާލްޑޯ ރޭވި ޗުއްޓީ ޕްލޭން އިރިނާއަށް ކަމުނުދިޔުމެވެ. ރޮނާލްޑޯ ބޭނުންވީ މަންމަގެ 60 ވަނަ ދުވަސް ފާހަގަ ކުރުމާއެކު "އާއިލީ" ޗުއްޓީއެއް ދުބާއީގައި ހޭދަކުރުމަށެވެ.

އެހެންނަމަވެސް އިރިނާ ބޭނުންވީ ރޮނާލްޑޯއާއެކު "ރޮމޭންޓިކް" ޗުއްޓީއެއް ދިވެހިރާއްޖޭގައި ހޭދަކުރުމަށެވެ. ރޮމޭންޓިކް ޗުއްޓީއެއް ހޭދަކުރުމަށް އިރިނާ ބޭނުންވީ އޭނާގެ އުފަންދުވަސް (6 ޖެނުއަރީ) ވެސް އަންނަނީ އާއަހަރުގެ ކުރީކޮޅުގައި ކަމަށް ވުމުންކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

މައްސަލަ ގޯސްވީ ރޮނާލްޑޯގެ މަންމަގެ 60 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ޕޯޗުގަލްގެ މެޑެއިރާ (ރޮނާލްޑޯ އާއި އާއިލާ ނިސްބަތްވާ އަވަށް) ގައި ބޭއްވި ސަޕްރައިސް ޕާޓީއަށް އިރިނާ ނުދިޔުމުންނެވެ.

އިރިނާ ވަނީ އޭނާގެ އުފަން ދުވަސް ފާހަގަ ކުރިކަމުގެ ފޮޓޯތައް އިންސްޓަގްރާމަށް ލައިފައެވެ. މިފޮޓޯތަކުގައި ރޮނާލްޑޯ ފެންނަން ނެތްއިރު އިރިނާ ނޫން މީހަކުވެސް ނުފެނެެއެވެ. ރޮނާލްޑޯވެސް ވަނީ އޭނާ ހޭދަކުރި ޗުއްޓީގެ ފޮޓޯތައް ސޯޝަލް މީޑިޔާތައް މެދުވެރިކޮށް އާއްމުކޮށްފައެވެ.

ރަޝިޔާއަށް އުފަން އިރިނާ މިހާރު ވަނީ ޓްވީޓާ އާއި ސޯޝަލް އެހެނިހެން މީޑިޔާތައް މެދުވެރިކޮށް ރޮނާލްޑޯ "ފޮލޯ" ކުރުން ހުއްޓާލައިފައެވެ. އެހެންނަމަވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ރޮނާލްޑޯއަށް ލިބުމުން އިރިނާ ވަނީ ރޮނާލްޑޯއަށް މަރުހަބާ ކިޔައި ޓްވީޓް ކޮށްފައެވެ.

މިވަގުތު ދުނިޔޭގައި ތިބި އެންމެ މަޝްހޫރު މޮޑެލުން ތެރޭގައި ހިމެނޭ އިރިނާ ވަނީ ރޮނާލްޑޯއާއެކު 2011،2012،2013 އަދި 2014 އަހަރު އެވޯޑް ހަފްލާއެކު ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް