ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ރޮނާލްޑޯ ހޯދައިފި

image

ފީފާ އާއި ފްރާންސްގެ "ފުޓްބޯލް" މެގަޒިންއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރޭ ހޯދައިފިއެވެ.

ފީފާގެ އެވޯޑްތައް ދިނުމަށްޓަކައި ސްވިޓްޒަލޭންޑުގެ ޒިއުރިކުގައި ބޭއްވި މިހަފްލާގައި މޮޅު ކުޅުންތެރިޔާގެ މަގާމް ރޮނާލްޑޯ ހޯދީ ވޯޓުގެ %33.66 ހޯދައިގެންނެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަތަރު ފަހަރު ހޯދާފައިވާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް ލިބުނީ ވޯޓިގެ %15.76 އެވެ. ތިންވަނައަށް ދިޔައީ މިދިޔަ އަހަރު ޖަރުމަނަށް ވޯލްޑް ކަޕް ތަށި އުފާލަލަދިން ކެޕްޓަން އަދި ކީޕަރި މެނުއަލް ނޯޔާއެވެ. ނޯޔާއަށް ލިބުނީ ވޯޓުގެ %15.72 އެވެ.

ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި ރެއާލްއަށް ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްދިނުމަށް މޮޅު ކުޅުމެއް ދައްކާފައެވެ. މުޅި ސީޒަނުގައި 54 ލަނޑު ކާމިޔާބު ކުރިއިރު ޗެމްޕިއަންސް ލީގުގައި 17 ލަނޑު ޖަހައި، އެއްސީޒަނެއްގައި ޗެމްޕިއަންްސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ރޮނާލްޑޯ މުގުރާލިއެވެ. ކުރިން މިރެކޯޑް އޮތީ މެސީ އަތުގައެވެ. މީގެ އިތުރުން ރޮނާލްޑޯ ވަނީ ޔުއެފާ ސްޕަރ ކަޕާއި ކްލަބު ވޯލްޑް ކަޕް ރެއާލްއަށް ކާމިޔާބު ކޮށްދިނުމުގައި މިދިޔަ އަހަރު މުހިއްމު ދައުރެއް އަދާކޮށްފަައެވެ.

ކްލަބު ލެވެލްގައި މޮޅު ކުޅުމެއް ދައްކައި ގިނަ ލަނޑުތަކެއް ކާމިޔާބު ކުރިނަމަވެސް މިދިޔަ އަހަރުގެ ވޯލްޑް ކަޕުގައި ރޮނާލްޑޯގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ރޮނާލްޑޯ ކެޕްޓަންކަން ކުރަމުންދިޔަ ޕޯޗުގަލް ކަޓައިގެންދިޔައީ ގްރޫޕް ސްޓޭޖުންނެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރޮނާލްޑޯ ފުރަތަމަ ހޯދާފައި ވަނީ 2008 ވަނަ އަހަރުއެވެ. ދެވަނަ ފަހަރަށް ހޯދީ 2013 ވަނަ އަހަރުއެވެ. މިއީ މޮޅު ކުޅުންތެރިޔާގެ މަގާމް ރޮނާލްޑޯއަށް ލިބުނު ތިންވަނަ ފަހަރެވެ. ރޮނާލްޑޯއަށްވުރެ ގިނައިން މިއެވޯޑް ހޯދާފައިވާ ހަަމައެކަނި ކުޅުންތެރިޔަކީ މެސީއެވެ. މެސީއަށް ބަލާއިރު މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ފައިނަަލަށް އާޖެންޓީނާ ގެންގޮސްދިނުމަށް މުހިއްމު ލަނޑުތަކެއް ޖަހައި މޮޅު ކުޅުމެއް މެސީ ދެއްކިއެވެ. ނަތީޖާއެއްގެ ގޮތުން ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސްލ ލިބުނީ މެސީއަށެވެ.

ކްލަބު ލެވެލްގައި މިދިޔަ އަހަރު އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނެވެ. އަދި އަނިޔާގައި ހުރެ ކުޅެން ޖެހުމުން ސިއްހީ ތަފާތު މައްސަލަތަށް އޭނާއަށް ދިޔައީ ކުރިމަތިވަމުންނެވެ. މިސަބަބުތަކާހުރެ މެސީގެ މޮޅު ކުޅުން އެންމެ މަތީފަންތީގައި މިދިޔަ އަހަރު ދެއްކިފައި ވަނީ މަދު މެޗުތަކެއްގައެވެ.

އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ މިދިޔަ އަހަރު ޖަރުމަނަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ޔޯކިމް ލޯއެވެ. އެންމެ މޮޅު ލަނޑަކަށް ހޮވުނީ ވޯލްޑް ކަޕުގައި ކޮލަމްބިއާގެ ފޯވާޑް ޖޭމްސް ރޮޑްރިގޭޒް ދެވަނަ ބުރުގައި އޭރިޔާގެ ބޭރުން ޖެހި ލަނޑެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...