އޮސްޓްރޭލިޔާ އާއި ދެކުނު ކޮރެއާ މޮޅުވެއްޖެ
މިރޭ ފެށި އޭޝިޔަން ކަޕް ފުޓްބޯޅަ މުބާރާތުގައި މުބާރާތް ބާއްވާ ގައުމު އޮސްޓްެރޭލިޔާ އާއި ވަރުގަދަ ދެކުނު ކޮރެެއާ މޮޅުވިއިރު ސައުދީ އަރަބިއްޔާ އާއި އުތުރު ކޮރެއާ ބަލިވެއްޖެއެވެ.
މުބާރާތް ކާމިޔާބު ކުރުމުގެ ޖޯޝުގައި އޮތް އޮސްޓްރޭލިޔާ މޮޅުވީ ކުވައިތު އަތުން 4-1 އިންނެވެ. ދަނޑަށް ވަދެތިބި ފަންސަވީސް ހާސް ސަޕޯޓަރުން ސިއްސުވާލުމަށްފަހު ލީޑް ނެގީ ކުވައިތުންނެވެ. މިލަނޑު މެޗުގެ 8 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިންގްލެންޑުގައި ކުޅުމަށް ވޯކް ޕާމިޓް ނުލިބުނު ހުސައިން ފަދީލް އަލީއެވެ.
މެޗް ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ އޮސްޓްެރޭލިޔާއިން އެއްވަރު ކުރީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ތަޖުރިބާކާރު ފޯވާޑް ޓިމް ކާހިލްގެ ލަނޑުންނެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އޮސްޓްރޭލިޔާއިން ލީޑް ނެގީ ލައުންގޯގެ ލަނޑުންނެވެ. އޮސްޓްެރޭލިޔާގެ އަނެއް ދެލަނޑު ދެވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ ޖެޑިނެކާއި ޓްރޮއިސީއެވެ.
މުބާރާތް ދެފަހަރު ކާމިޔާބު ކޮށްފައިވާ ދެކުނު ކޮރެއާ މޮޅުވީ އޮމާނާ ވާދަކޮށް ވަރަށް ވާދަވެރި ކުޅުމަކަށްފަހު 1-0 އިންނެވެ. ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފޯވާޑް ޗޯ ޔަންގ ޗޮއެލްއެވެ. މިއީ ގްރޫޕް "އޭ" ގެ ދެމެޗެވެ. މިގްރޫޕުގެ އެއްވަނައިގައި 3 ޕޮއިންޓާއި ފައިދާ ތިން ލަނޑާއެކު އޮތީ އޮސްޓްެރޭލިޔާއެވެ. ދެވަނައިގައި 3 ޕޮއިންޓާއި ފައިދާ އެއްލަނޑާއެކު އޮތީ ދެކުނު ކޮރެއާއެވެ.
އޭޝިޔާގެ ފުޓްބޯޅައިގެ ބާރަކަށް ވަމުން އަންނަ އުތުރު ކޮރެއާ ބަލިވީ އުޒްބެކިސްތާން އަތުން 1-0 އިންނެވެ. ޗައިނާ އަތުން ސައުދީ އަރަބިއްޔާ ބަލިވީވެސް ހަމަ މިނަތީޖާއިންނެވެ. މިއީ ގްރޫޕް "ބީ" ގެ ދެމެޗެވެ.
ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގެ ކުއާޓާފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ އެންމެ ކުރީގައި އޮންނަ ދެގައުމަށެވެ.
މިމުބާރާތުގައި މިރޭ ގްރޫޕް "ސީ" ގައި ބައްދަލު ކުރާނީ ޔޫއޭއީ އާއި ގަތަރު އަދި އިރާނާއި ބަހްރައިންއެވެ. ގްރޫޕް "ޑީ" ގައި މިރޭ ބައްދަލު ކުރާނީ ފަލަސްތީނާއި ޖަޕާން އަދި ޖޯޑަން އާއި އިރާގެވެ.
ކިޔުންތެރިންގެ ހިޔާލު