ވަލްޑޭސް، މެންޗެސްޓަރ ޔުނައިޓެޑަށް

image

ބާސެލޯނާގެ ކުރީގެ އެއްނަންބަރު ކީޕަރު ވިކްޓަރ ވަލްޑޭސް އަށާރަ މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑަށް މިރޭ ސޮއި ކޮށްފިއެވެ.

2014-2000 ދެމެދު ބާސެލޯނާއަށް ކުޅުނު ވަލްޑޭސް އެކްލަބު ދޫކޮށްލީ މިދިޔަ ސީޒަނަށްފަހުއެވެ. ބާސާ ދޫކޮށްލުމަށްފަހު އެހެން ކްލަބަކަށް ސޮއި ނުކޮށް ވަލްޑޭސް،32، ދުވަސްތައް ހޭދަކުރީ އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއިން ސަލާމަށްވުމަށެވެ.

ވަލްޑޭސް، މެން.ޔުނައިޓެޑަށް ސޮއި ކޮށްފައި ވަނީ އެކްލަބާއެކު ދެމަސްދުވަހު ފަރިތަކުރުންތަކުގައި ބައިވެރިވުމަށްފަހުއެވެ. މެން.ޔުނައިޓެޑަށް ސޮއި ކުރުމަށްފަހު ވަލްޑޭސް ބުނީ މެން.ޔުނައިޓެޑަށް ކުޅެން ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށް ދެކޭކަމަށެވެ.

"މެންޗެސްޓަރ ޔުނައިޓެޑަށް ސޮއި ކުރެވުމަކީ ލިބޭ ޝަރަފެއް. ކޯޗް ލުއިސް ވެންހާލްއަށް ޝުކުރު އަދާކުރަން. އަދި އަހަރެން އަނިޔާއިން ސަލާމަތްވެ ފިޓްކޮށްދިނުމަށްޓަކައި މިކްލަބުން މަސައްކަތް ކޮށްދީ މިކްލަބާއެކު ފަރިތަކުރުންތައް ހެދުމުގެ ފުރުސަތު ދީނީތީ ޝުކުރު އަދާ ކުރަން" ވަލްޑޭސް ބުންޏެވެ.މެންޗެސްޓަރ ޔުނައިޓެޑަށް މިހާރު އިރުޝާދު ދެމުން އަންނަ ލުއިސް ވެންހާލް އަކީ ވަލްޑޭސްއަށް ބާސާގެ ފުރަތަމަ އެގާރައިން ޖާގަ ދިން ކޯޗެވެ.

"ބާސެލޯނާގައި ވެންހާލްއާއެކު މަސައްކަތް ކުރިން. އަދި މެން.ޔުނައިޓެޑުގައި ވެންހާލްއާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ހުފަނެއް ހަގީގަތަަކަށްވުން" ވަލްޑޭސް ބުންޏެވެ.ވެންހާލް ބުނީ ވަލްޑޭސްއާ ގުޅޭ ގޮތުން ދައްކާނެ މާގިނަ ވާހަކަތަކެއް ނެތްކަމަށެވެ.

"އޭނާއަކީ ތަޖުރިބާހުރި މޮޅު ކީޕަރެއް. ދެން ހުރި ކަންތައްތައް އޭނާގެ ރެކޯޑްތައް ބަލާލީމާ އެނގޭނެ" ވެންހާލް ބުންޏެވެ.މެން.ޔުނައިޓެޑަށް ވަލްޑޭސް ސޮއި ކުރުމުން އެކްލަބުގައި ސްޕެއިންގެ ދެކީޕަރުންވީއެވެ. މެން.ޔުނައިޓެޑުގެ ގޯލު މިވަގުތު ބަލަހައްޓަމުން އަންނަ ހުނަރުވެރި ޑޭވިޑް ޑެހާއީއަކީވެސް ސްޕެއިން ކީޕަރެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement