އޭޝިޔަން ކަޕް ފެށެނީ ކޮން އިރަކުން؟

image އެންމެފަހުގެ އޭޝިޔަން ކަޕުގެ ޗެމްޕިއަންކަން ހޯދި ޖަޕާން ޓީމު ތައްޓާއެކު އުފާކުރަނީ.

އޭޝިޔާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް މިމަހުގެ 9 ވަނަ ދުވަހު އޮސްޓްރޭލިޔާގެ ވެރިރަށް ސިޑްނީގައި ފަށާނެއެވެ.

މީޑިޔާ ކަވަރޭޖް:މުބާރާތުގެ މެޗުތައް 100 ޗެނަލްއިން ވަގުތުން ދައްކާނެއެވެ. އަންދާޒޫ ކުރެވޭ ގޮތުގައި 2.5 ބިލިޔަން މީހުން މިފަހަރު އޭޝިޔަން ކަޕް ބަލާނެއެވެ.

މުބާރާތުގައި ބޭނުން ކުރާ ބޯޅަ: މުބާރާތުގައި ބޭނުން ކުރާނީ ކުޅިވަރު ކުޅޭ ސާމާނު އުފެއްދުމަށް މަޝްހޫރު ނައިކުން ކުންފުނިން އުފައްދާފައިވާ "ނައިކް އޮރްޑިމް 2" އެވެ. ބޯޅަ ފަރުމާ ކޮށްފައި އޭޝިޔާގެ ސަގާފީ ކުލަތަލުތުގެ ގޮތުގައި މަޝްހޫރު ހުދު ކުލަޔާއި ރަތް ކުލަ އަދި ރީނދޫ ކުލަ ހިމެނޭ ގޮތަށެވެ. ބޯޅަ އުފައްދާފައި ހަލުވި ސްޕީޑް ހިމެނޭ ގޮތަށެވެ. އަދި ބޯޅަ ކޮންޓްރޯލް ކުރަން ފަސޭހަވާނެ ޓެކްނޮލޮޖީ ވަނީ ބޭނުން ކޮށްފައެވެ. ބޯޅައިގައި ނައިކުގެ ލޯގޯ ވަނީ ޖަހާފައެވެ. އިނގިރޭސި ޕްރިމިއަރ ލީގާއި ސްޕެނިޝް ލަލީގާ އަދި އިޓާލިއަން ސީރިއޭގައިވެސް ބޭނުން ކުރަމުން ދަނީ ނައިކުން އުފައްދާފައިވާ ބޯޅަކަން ފާހަގަ ކޮށްލެވެއެވެ.

ގައުމުތައް ބަހާލެވިފައިވާ ގޮތް:އޭޝިޔަން ކަޕް 16 ގައުމުން ވާދަކުރާނެއެވެ. ސޯޅަ ގައުމު ވަނީ ހަތަރު ގްރޫޕަކަށް ބަހާލާފައެވެ. ގްރޫޕް "އޭ" ގައި ހިމެނެނީ އޮސްޓްރޭލިޔާ، ޖަޕާން، އިރާން އަދި އުޒްބެކިސްތާނެއެވެ. މިިއީ މަރުގެ ގްރޫޕުގެ ގޮތުގައި ބެލެވިފައިވާ ގްރޫޕެވެ. ގްރޫޕް "ބީ" ގައި ހިމެނެނީ ދެކުނު ކޮރެެއާ އާއި ސައުދީ އަރަބިއްޔާ އާއި ޖޯޑަން އަދި ޔޫއޭއީއެވެ. ގްރޫޕް"ސީ" ގައި ހިމެނެނީ އޮމާނާއި ޗައިނާ އާއި ގަތަރާއި އިރާގެވެ. ގްރޫޕް "ޑީ" ގައި ހިމެނެނީ ބަހްރައިން އާއި ކުވައިތާއި އުތުރު ކޮރެއާ އަދި ފަލަސްތީނެވެ. އޭޝިޔަން ކަޕުން ފަލަސްތީން ޖާގަ ހޯދީ، މިއަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20-9 އަށެވެ. ކުއާޓާފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ 22 އާއި 23 ވަނަ ދުވަހުއެވެ. ސެމީފައިނަލް 26 އަދި 27 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ. ފައިނަލް މެޗް ކުޅުމުގެ އެއްދުވަސް ކުރިން ތިންވަނަ ހޮވާ މެޗް ކުޅޭނެއެވެ.

މުބާރާތުގެ ފެވަރީޓުންނަކީ ކޮބާ؟މުބާރާތުގެ ފެވަރީޓުންނަކީ އެންމެފަހުގެ ޗެމްޕިއަން ޖަޕާނާއި އޮސްޓްެރޭލިޔާ އަދި އިރާނެއެވެ.

އޭޝިޔަން ކަޕް ކާމިޔާބު ކޮށްފައިވާ ގައުމުތަކީ:އޭޝިޔަން ކަޕުގެ އެންމެ ކާމިޔާބު ގައުމަކީ ޖަޕާނެވެ. ޖަޕާނުން ވަނީ 4 ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ. އިރާނާއި ސައުދީ އަރަބިއްޔާ ވަނީ 3 ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ. ދެކުނު ކޮރެއާ 2 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާއިރު އިރާގާއި ކުވައިތު އަދި އިސްރާއީލް ވަނީ އެއްފަހަރު ޗެމްޕިއަންކަން ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement