ޗެލްސީ އާއި މެން.ސިޓީ ޕޮއިންޓުގެ ގޮތުން އެއްވަރު ވެއްޖެ
އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ ޓޮޓެންހަމް އަތުން 5-3 ޗެލްސީ ބަލިވުމުން މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ޕޮއިންޓުގެ ގޮތުން އެއްވަރު ވެއްޖެއެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މިމެޗުގައި ޗެލްސީ ކޮޅަށް ޓޮޓެންހަމްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އިންގްލެންޑުގެ އުއްމީދީ ފޯވާޑް ހެރީ ކޭން (ދެލަނޑު) އާއި އިންގްލެންޑުގެ އުއްމީދީ ލެފްޓް ބެކް ޑެނީ ރޯސް އާއި އިންގްލެންޑުގެ އުއްމީދީ ވިންގަރ އެންޑްރޮސް ޑައުންސެންޑާއި ބެލްޖިއަމްގެ ހުނަރުވެރި އެޓޭކިންގ މިޑްފީލްޑަރު ނެސާ ޗަދްލީއެވެ. ޗެލްސީގެ ތިންލަނޑު ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ތަޖުރިބާކާރު ފޯވާޑް ޑިއޭގޯ ކޯސްޓާ އާއި ބެލްޖިއަމްގެ ނުރައްކާތެރި ވިންގަރ އެޑިން ހަޒާޑާއި އިންގްލެޑުގެ ތަޖުރިބާކާރު ޑިފެންޑަރު ޖޯން ޓެރީއެވެ.
އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން ސަންޑަލޭންޑުގެ މައްޗަށް ކުރި ހޯދީ 3-2 އިންނެވެ. މެން.ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފުރަތަމަ ދެލަނޑު ޖަހައި މެން.ސިޓީން ލީޑް ނެގިއެވެ. ފުރަތަމަ ލަނޑު 57 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޔާޔާ ޓޯރޭ އެވެ. ދެވަނަ ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްޓީވެން ޖޮވެޓިކެވެ.
މެން.ސިޓީއަށް ދެލަނޑުގެ ލީޑެއްނަގައި ހަމަޖެހިލައިގެން ތިބެވުނީ އެންމެ 8 މިނެޓް ވަންދެނެވެ. ސަންޑަލޭންޑުން މެން.ސިޓީ ސިއްސުވާލީ ޖެކް ރޮޑްވެލް އާއި އެޑަމް ޖޯންސަން ކާމިޔާބުކޮށްދިން ދެލަނޑުން ނަތީޖާ ހަމަހަމަ ކޮށްގެންނެވެ.
ޕްރެޝަރުގައި ކުޅެމުންދިޔަ މެން.ސިޓީއަށް ހިތްހަމަ ޖެހުން ލިބުނީ ތަޖުރިބާކާރު މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް 73 ވަނަ މިނެޓުގައި ލަނޑެއްޖަހައި ދެވަނަ ފަހަރަށް ލީޑް ނަގައި ދިނުމުންނެވެ.
މިއީ މިސީޒަނުގައި ފްރީ-ޓްރާންސްފާއެއްގައި ޗެލްސީން ވިއްކާލުމުން، އެމެރިކާގެ ނިއުޔޯކް ސިޓީއާ ގުޅުމަށްފަހު ލޯން އެއްބަސްވުމެއްގެ ދަށުން މެން.ސިޓީއަށް ކުޅެންފެށި ލަމްޕާޑް މިސީޒަނުގައި ކާމިޔާބު ކުރި 7 ވަނަ ލަނޑެވެ. މެން.ސިޓީން ވަނީ މިސީޒަނުގެ ނިޔަލަށް ލަމްޕާޑް އެކްލަބުގައި ބެހެއްޓުމަށް ނިންމާފައެވެ. މެން.ސިޓީ ހިންގަމުން އަންނަ އަބޫދާބީ ޔުނައިޓެޑް ގްރޫޕަކީ ނިއުޔޯކް ސިޓީވެސް ހިންގަމުން އަންނަ ކްލަބުކަން ފާހަގަ ކޮށްލެވެއެވެ.
ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު އެހެނިހެން މެޗުތަކަށް ބަލާއިރު ސައުތެމްޓަން އަތުން އާސެނަލް ވަނީ 2-0 އިން ބަލިވެފައެވެ. މެންޗެސްޓަރ ޔުނައިޓެޑާއި ސްޓޯކް ސިޓީ ބައްދަލު ކުރި މެޗް 1-1 އިން އެއްވަރުވިއިރު ލިވަޕޫލް އާއި ލީއެސްޓާ ސިޓީ ބައްދަލު ކުރި މެޗް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު މެޗުތަކަށްފަހު ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތީ 46 ޕޮއިންޓާއެކުއެވެ. ދެވަނައިގައި މެން.ސިޓީ އޮތީވެސް ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. މެން.ޔުނައިޓެޑް ތިންވަނައިގައި އޮތީ 37 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި ސައުތެމްޓަން 36 ޕޮއިންޓާއެކު އޮތްއިރު 5 ވަނައިގައި 34 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމްއެވެ.
ކިޔުންތެރިންގެ ހިޔާލު