ޗެލްސީއާ ދެމެދު އޮތް ފަރަގު މެން.ސިޓީން ކުޑަކޮށްފި
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީއާ ދެމެދު އޮތް ފަރަގު މެންޗެސްޓަރ ސިޓީން ކުޑަކުރިިއިރު ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް އަދި ލިވަޕޫލްވެސް ރޭ ކާމިޔާބު ހޯދައިފިއެވެ.
ވެސްޓް ބްރޮމިޗުގެ މައްޗަށް މެންޗެސްޓަރ ސިޓީ ކުރި ހޯދީ ރަށުން ބޭރުގައި 3-1 އިންނެވެ. ލަނޑުތައް ކާމިޔާބު ކޮށްދިނީ ފެނާންޑޯ އާއި ޑޭވިޑް ސިލްވާ އަދި ކެޕްޓަން ޔާޔާ ޓޯރޭއެވެ. ޓޯރޭގެ ލަނޑަކީ ޕެނަލްޓީއަކުން ކާމިޔާބު ލަނޑެކެވެ.
މެން.ސިޓީގެ ފަހަތުން ތާވަލުގެ ދެވަނައިގައި އޮތް މެން.ޔުނައިޓެޑް ރޭ މޮޅުވީ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 3-1 އިންނެވެ. ކެޕްޓަން ވޭން ރޫނީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މެން.ޔުނައިޓެޑުގެ ފުރަތަމަ ދެލަނޑު ކާމިޔާބު ކޮށްދިނީ ރޫނީއެވެ. ތިންވަނަ ލަނޑު ޖެހުމަށް ރޮބިން ވެންޕާސީއަށް ހިތްގައިމު ޕާހަކުން ފުރުސަތު ތަނަވަސްކޮށްދިނީވެސް ރޫނީއެވެ. ނިއުކާސަލްގެ ހަމައެކަނި ލަނޑު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ސިސޭއެވެ.
ގަދަ ހަތަރަކަށް ވާދަކުރަމުން އާސެނަލް މޮޅުވީ އަމިއްލަ ދަނޑުގައި ކްއީންސްޕާކް ރޭންޖާސްއާ ވާދަކޮށް ވަރަށް ފޯރިގަދަ ކުޅުމަކަށްފަހު 2-1 އިންނެވެ. އާސެނަލްގެ ފްރާންސް ފޯވާޑް އޮލިވަރ ޖިރޫޑަށް ރަތްކާޑް ދެއްކި މިމެޗުގައި އެޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ޗިލީގެ ފޯވާޑް އެލެކްސް ސަންޗޭޒް އާއި ޗެކްރިޕަބްލިކުގެ މިޑްފީލްޑަރު ތޯމަސް ރޮސިސްކީއެވެ. މެޗުގެ 9 ވަނަ މިނެޓުގައި ސަންޗޭޒް އަތުން ޕެނަލްޓީއެއް ބޭކާރުވިއިރު ޖިރޫޑަށް ރަތްކާޑް ދެއްކީ 53 ވަނަ މިނެޓުގައެވެ. އާސެނަލްއިން ދެލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ކިއުޕީއާރުން ފަރަގު ކުޑަ ކުރީ މެޗް ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ޗާލީ އޮސްޓިންއެވެ. މިއީ އާސެނަލްއަށް 1996 ވަނަ އަހަރުން ފެށިގެން އިރުޝާދު ދެމުން އަންނަ ވެންގާ، ޕްރިމިއަރ ލީގުގައި ހޯދި 400 ވަނަ މޮޅެވެ. މީގެ ކުރިން ޕްރިމިއަރ ލީގުގައި 400 މެޗް ކާމިޔާބު ކުރި ހަމައެކަނި ކޯޗުގެ ޝަރަފް އޮތީ މެން.ޔުނައިޓެޑުގެ ކުރީގެ ކޯޗް ސަރ އެލެކްސް ފާގަސަން އަތުގައެވެ. ރަށުން ބޭރުގައި ބާންލީ އަތުން އުނދަގޫތަކަކަށްފަހު ލިވަޕޫލް މޮޅުވީ ރަހީމް ސްޓާރލިން ކާމިޔާބު ކޮށްދިން ހަމައެކަނި ލަނޑުން 1-0 އިންނެވެ.
ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު ތާވަލުގެ ކުރީގައި ޗެލްސީ އޮތީ 45 ޕޮއިންޓާއެކުއެވެ. އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ދެވަނައިގައި އޮތީ 42 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި މެންޗެސްޓަރ ޔުނައިޓެޑް އޮތީ 35 ޕޮއިންޓާއެކުއެވެ. ހަތަރު ވަނައިގައި އޮތީ 32 ޕޮއިންޓާއެކު ސައުތެމްޓަންއެވެ. ފަސްވަނައިގައި 31 ޕޮއިންޓާއެކު ވެސްޓްހޭމް އޮތްއިރު ހަވަނައިގައި އާސެނަލް އޮތީ 30 ޕޮއިންޓާއެކުއެވެ. ލިވަޕޫލް 9 ވަނައިގައިި އޮތީ 25 ޕޮއިންޓާއެކުއެވެ. ޕްރިމިއަރ ލީގުގައި މާދަމާ ރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. -ސްކައިނިއުސް-
ކިޔުންތެރިންގެ ހިޔާލު