ފޭސްބުކުގައި އެންމެ ނުފޫޒު ގަދައީ ކޮން ކްލަބެއް؟

image

ކްލަބުތަކުގެ މެދުގައި ޒަމާނުއްސުރެ ދަނޑުމަތީގައި އޮތް ވާދަވެރިކަން، ދަނޑުމަތީގެ ވާދަވެރިކަމާއެކު ސޯޝަލް މީޑިޔާއަށް މިވަނީ ހިޖުރަކޮށްފައެވެ.

ވާދަވެރި ޓީމު އަތުން ދަނޑުމަތިން ބަލިވުމުގެ ހިތްދަތިކަން އިތުރުވެގެންދަނީ ވާދަވެރި ޓީމުން ހޯދި ކާމިޔާބީގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިޔާއަށް އަޕްލޯޑް ކުރާ ހިސާބުންނެވެ. ވާދަވެރި ކްލަބުގެ މައިގަނޑު މަގްސަދަކީ އިދިކޮޅު ޓީމު ދަނޑު ބޭރުގައިވެސް ރޮއްވާލުން ހެއްޔެވެ؟. ނުވަތަ ދުރުގައި ތިބި ސަޕޯޓަރުންނަށް ކްލަބަށް ލިބުނު އުފާވެރިކަން އިހްސާސް ކޮށްދިނުން ހެއްޔެވެ؟. ނުވަތަ ވާދަވެރި ޓީމަށްވުރެ ސޯޝަލް މީޑިޔާގައި ސަޕޯޓަރުން އިތުރު ކުރުން ހެއްޔެވެ؟.

ހަގީގަތަކީ 21 ގަރުނުގެ ފުޓްބޯޅައިގައި ކްލަބުތަކުގެ މެދުގައި ކުރެވޭ ހަނގުރާމަ އޮތީ ހަމައެކަނި ދަނޑުމަތީގައި ނޫންކަމެވެ. ވާދަވެރިކަމުގެ ހަނގުރާމައިގެ އެއްބައި މިހާރު ހިނގަމުން ދަނީ މަޝްހޫރު ސޯޝަލް މީޑިޔާތަކުގައެވެ. މިހަނގުރާމައިގެ މައިގަނޑު އެއްމަގްސަދަކީ ވާދަވެރި ޓީމުތަކަށްވުރެ ސޯޝަލް މީޑިޔާތަކުގައި ސަޕޯޓަރުން ގިނަ ކުރުމެވެ.

ސަޕޯޓަރުން ގިނަ ކުރުމުގެ ހަނގުރާމައިގެ އެންމެ ހޫނުގަދަ މައިދާނަކީ "ފޭސްބުކް" އެވެ. ރޭވުންތެރިކަމާއެކު ފަންނީ ޓީމުތަކުން ރެއާއިދުވާލު ކެނޑިނޭޅި ދެމުންދާ ހަމަލާތަކުން އެތައް މިލިޔަން ބައެއްގެ ހިތްތައް ފަތަހަ ކުރެވެމުންދާކަން ޔަގީންވަަނީ "ލައިކް" ތަކުންނެވެ.

ފޭސްބުކުގައި ހިތްތައް ފަތަހަކޮށް ސަޕޯޓަރުން ގިނަ ކުރުމުގެ ރޭހުގެ އެންމެ ކުރީގައި އޮތީ، ފާއިތުވެދިޔަ ހައެއްކަ އަހަރު ކްލަބު ފުޓްބޯޅައިގެ ރަސްކަން ކުރި މަޝްހޫރު ބާސެލޯނާއެވެ. ފާޑު ކިޔުންތެރިންގެ ނަޒަރުގައި މިރޭހުގެ އެންމެ ކުރީގައި ބާސެލޯނާ އޮތުމުގެ ސިއްރަކީ އެކްލަބުގެ އެންމެ ވަރުގަދަ ފަހުލަވާން ލިއޮނަލް މެސީއެވެ. މެސީގެ ޖާދޫގެ ހަމަލާތަކުން ދަނޑުމަތީގައި އެތައް ޓީމެއް ކަތިލާފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން މެސީގެ ޖާދޫގައި ޖެހި، ފޭސްބުކުގައި ބާސެލޯނާއަށް ހިތްތައް "ލައިކް" ގެ ގޮތުގައި ފަތަހަ ވަމުން ދަނީއެވެ.

މިމައިދާނުގެ ދެވަނައިގައި ފައިތިލަ ސާބިތު ކޮށްފައިވަނީ ބާސެލޯނާގެ ޒަމާންވީ ދުޝްމިން މަޝްހޫރު ރެއާލް މެޑްރިޑެވެ. ފޭސްބުކުގައި ކުރެވެމުންދާ މިހަނގުރާމަ ދިރާސާކުރާ ފަރާތްތަކުގެ ނަޒަރުގައި މިރޭހުގެ ދެވަނަ ރެއާލް މެޑްރިޑަށް ލިބުމުގެ އަސްލަކީ އެކްލަބުގެ އެންމެ ވަރުގަދަ ހަތިޔާރު ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެތައް އަންހެން ކުދިންގެ ހިތްތައް "ލައިކް" އިން ފަތަހަ ކޮށްފައިވާ ރޮނާލްޑޯގެ ޖާދޫގައި ޖެހި ރެއާލް މެޑްރިޑަށްވެސް ފޭސްބުގައި ހިތައް "ލައިކް" ގެ ގޮތުގައި ފަތަހަވަމުން ދަނީއެވެ. ފޭސްބުކް މެދުވެރިކޮށް ސަޕޯޓަރުން ގިނަ ކުރުމުގެ ހަނގުރާމައިގައި ބާސެލޯނާ މިވަނީ ދުނިޔޭގެ އެހެން ހުރިހާ ކްލަބުތަކެއްގެ މައްޗަށް ވަރަށް ފުރިހަމަ ކާމިޔާބެއް ހޯދާފައެވެ. ބާސެލޯނާއިން 80 މިލިޔަން "ލައިކްސް" ހޯދާފައިވާއިރު އެކްލަބުގެ އެންމެ ބޮޑު ދުސްމިން ރެއާލް މެޑްރިޑް އޮތީ ބާސެލޯނާއަށްވުރެ އެއްމިލިޔަން "ލައިކްސް" ފަހަތުގައެވެ.

ސަޕޯޓަރުން ގިނަ ކުރުމުގެ ހަނގުރާމައިގެ އެންމެ ހޫނުގަދަ މައިދާން "ފޭސްބުކް" ގައި ބާސެލޯނާ ރަސްކަން ކުރަމުންދާއިރު އެޓީމާ ދެކޮޅަށް ވަރުގަދަ ހަމަލާއެއްދީ ބަލިކޮށްލެވޭ ހިސާބުގައި އޮތީ ހަަމައެކަނި ރެއާލް މެޑްރިޑެވެ. އެހެން ކްލަބުތައް އޮތީ މިހަނގުރާމައިގައި ބާސެލޯނާ އަދި ރެއާލް މެޑްރިޑަށް ހަަމަލާއެއް ދެވޭވަރަށްވުރެ މާބޮޑަށް ފަހަތުގައެވެ.

ފޭސްބުކުގައި ސަޕޯޓަރުން އެންމެ ގިނަ 5 ކްލަބު:1. ބާސެލޯނާ 80.4 މިލިޔަން 2. ރެއާލް މެޑްރިޑް 79.5 މިލިޔަން 3. މެންޗެސްޓަރ ޔުނައިޓެޑް 62.9 މިލިޔަން 4.ޗެލްސީ 39.4 މިލިޔަން 5. އާސެނަލް 31.3 މިލިޔަން

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement