ޕްލެޓިނީއާ ސަލާމް ކުރަން ރޮނާލްޑޯ ދެކޮޅު ހަދައިފި
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ، ޔޫރަޕުގެ ފުޓްބޯޅައިގެ މައި-އިދާެރާ ޔުއެފާގެ ރައީސް މިޝޭލް ޕްލެޓިނީއާ ސަލާމް ކުރުމަށް ދެކޮޅު ހަދައިފިއެވެ.
ޕްލެޓިނީއާ ސަލާމް ކުރުމަށް ރޮނާލްޑޯ ދެކޮޅު ހަދާފައި މިވަނީ، އަންނަ އަހަރުގެ ޖެނުއަރީމަހުގެ 12 ވަނަ ދުވަހު ހޮވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ރޮނާލްޑޯއަށް ހައްގު ނުވާކަމަށް ޕްލެޓިނީ ބުނެފައި ވަނިކޮށެވެ. ޕްލެޓިނީ ބުނެފައި ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމަށް ރޮނާލްޑޯ ހޮވުމަށް އޭނާގެ ވޯޓް ނުދޭނެކަމަށެވެ. އަދި ވޯލްޑް ކަޕް އޮންނަ އަހަރު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިބުން ހައްގީ ވޯލްޑް ކަޕް ކާމިޔާބު ކުރާ ގައުމުގެ ކުޅުންތެރިޔަކަށްކަމަށެވެ.
ޕްލެޓިނީއާ ސަލާމް ކުރުމަށް ރޮނާލްޑޯ ދެކޮޅު ހެދީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ކްލަބު ވޯލްޑް ކަޕުގެ ފައިނަލް މެޗަށްފަހު އިނާމްތައް ހަވާލުކޮށްދެއްވުމަށް ތިއްބެވި ޝަރަފްވެރި މެހްމާނުންނާއި ސަލާމް ކުރުމަށް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ބައްދަލުވި ވަގުތުގައެވެ. ފީފާގެ ރައީސް ސެޕް ބްލެޓާއާ ސަލާމް ކުރުމަށްފަހު، ޕްލެޓިނީއާ ސަލާމް ނުކޮށް ރޮނާލްޑޯ ދިޔައީ ރެއާލްގެ ކޯޗް ކާލޯ އެންޗެލޮއްޓީގެ ފުރަގަހުންނެވެ. އެވަގުތު އެންޗެލޮއްޓީ ހުރީ ޕްލެޓިނީއާ ސަލާމް ކުރުމަށެވެ.
ޕްލެޓިނީއާ ސަލާމް ނުކުރި މައްސަލައާ ގުޅޭ ގޮތުން ރޮނާލްޑޯ އަދި މިހާތަނަށް ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. މިފަހަރުގެ ކްލަބު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑް ހޯދިނަމަވެސް ރޮނާލްޑޯއަށް މުބާރާތުގެ ރަންބޫޓާއި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދިފައެއް ނުވެއެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ސާޖިއޯ ރާމޮސް ހޯދިއިރު ރަންބޫޓް ހޯދީ ގެރަތު ބޭލްއެވެ.
ކިޔުންތެރިންގެ ހިޔާލު