ކްލަބު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑް ހޯދައިފި

image

މޮރޮކޯ- ފީފާ ކްލަބު ވޯލްޑް ކަޕުގެ ފައިނަލުގައި އާޖެންޓީނާގެ ސެން ލޮރެންޒޯ 0-2 އިން ބަލިކޮށް ސްޕެއިންގެ މަޝްހޫރު ރެއާލް މެޑްރިޑް ޗެމްޕިއަންކަން ހޯދައިފިއެވެ.

މޮރޮކޯގެ މައްރަކޭޝް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ރެއާލް މެޑްރިޑަށް ލަނޑު ޖަހައިދިނީ ވައިސް ކެޕްޓަން ސާޖިއޯ ރާމޯސް އާއި ވިންގަރ ގެރަތު ބޭލްއެވެ. ރާމޯސްގެ ލަނޑުން ރެއާލް ލީޑް ނެގީ މެޗުގެ 37 ވަނަ މިނެޓުގައެވެ. ރެއާލްގެ ލީޑް ބޭލް ފުޅާކޮށްދިނީ 51 ވަނަ މިނެޓުގައެވެ.

ޔޫރަޕުގެ އެންމެ ކާމިޔާބު ކްލަބުގެ ޝަރަފް އޮތް ރެއާލް މެޑްރިޑަށް ކްލަބު ވޯލްޑް ކަޕް ކާމިޔާބު ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. ކްލަބް ވޯލްޑް ކަޕުގައި ވާދަ ކުރުމުގެ ފުރުސަތު މިހާތަނަށް ރެއާލްއަށް ލިބިފައިވަނީ 2000 ވަނަ އަހަރު އެކަންޏެވެ. އެފަހަރު ރެއާލްއަށް ލިބުނީ މުބާރާތުގެ 4 ވަނައެވެ.

ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ކާލޯ އެންޗެލޮއްޓީ ބުނީ ޗެމްޕިއަންކަން ރެއާލްއަށް ހައްގުކަމަށެވެ. އަދި މިއަހަރު ހޯދުނު ކާމިޔާބީތައް ރެއާލްއަށް ހަނދާން ނައްތައި ނުލެވޭނެ ކަމަށެވެ. "މިއީ އަހަރެމެންނަށް ހައްގު މޮޅެއް. ރެއާލްއަކީ މިހާރު ދުނިޔޭގެ ޗެމްޕިއަނުން. މިއަހަރަކީ ރެއާލްއަށް ކާމިޔާބު އަހަރެއްގެ ގޮތުގައި ލިޔެވިގެންދާނެ" އަންޗެލޮއްޓީ ބުންޏެވެ. ސަން ލޮރެންޒޯގެ ކޯޗްވެސް ބުނީ ރެއާލްއަށް ލިބުނީ ހައްގު މޮޅެއްކަމަށެވެ.

މިކާމިޔާބީއާއެކު އަންޗެއްލޮޓީ ވެގެން ގޮސްފައި ވަނީ ކްލަބު ވޯލްޑް ކަޕް 2 ފަހަރަށް ކާމިޔާބު ކުރި 3 ވަނަ ކޯޗަށެވެ. މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކޯޗް ސަރ އަލެކްސް ފާގަސަން ކްލަބު ވޯލްޑް ކަޕް ދެފަހަރު ކާމިޔާބު ކޮށްފައިވާއިރު ބާސެލޯނާގެ ކުރީގެ ކޯޗް އަދި މިހާރު ބެޔާން މިޔުނިކަށް އިރުޝާދު ދެމުން އަންނަ ޕެޕް ގާޑިއޯލާ ވަނީ 3 ފަހަރު ކްލަބު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. މިފަހަރު ކްލަބުގެ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރާމޯސްއެވެ. ދެވަނަ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނުއިރު ތިންވަނަ ލިބުނީ ނިއުޒީލެންޑުގެ އޯކްލޭންޑުގެ އިވާން ވެސެލިޗަށެވެ. ރަންބޫޓް ހޯދީ ބޭލްއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement