ވޯލްޑް ކަޕުން ދެން ނުފެންނާނެ ތަރިން

image

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބްރެޒިލްގައި ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕަކީ ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ ފުޓްބޯޅައިގައި ފިޔަޖަހަމުންދިޔަ ބައެއް ތަރިންގެ އެންމެފަހުގެ ވޯލްޑް ކަޕެވެ.

މީގެ ތެރެއިން ބައެއް ތަރިން ވަނީ 3 ވޯލްޑް ކަޕުގައި އެކުޅުންތެރިންގެ ޖާދޫ މުޅި ދުނިޔެއަށް ދައްކާލާފައެވެ. މިފަހަރުގެ ވޯލްޑް ކަޕް އޭގެ ތެރެއިން ބައެއް ތަރިން ނިންމާލީ ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެފަދަ ހިތްދަތިކަމުގެ ކަރުނަޔާއެކުއެވެ.

މީގެ ތެރެއިން އެންމެ މަތީދަރަޖައިގެ އުފަލާއެކު ވޯލްޑް ކަޕާ އަބަދަށް ވަކިވުމުގެ ނަސީބު ލިބުނީ ޗެމްޕިއަން ޖަރުމަނުގެ ފޯވާޑް މިރްސްލާވް ކްލޯސާއަށެވެ. އޭނާ ވަނީ މިފަހަރުގެ ވޯލްޑް ކަޕުގައި ދެލަނޑު ޖަހައި، ވޯލްޑް ކަޕުގެ ތާރިހުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ގާއިމްކޮށްފައެވެ. އެއީ ސޯޅަ ލަނޑާއެކުއެވެ. ވޯލްޑް ކަޕުން ދެން ނުފެންނާނެ ކުޅުންތެރިންގެ ކުރު ތައާރަފަކަށް ބަލައިލަމާ ހިނގާށެވެ.

1. ޕިރްލޯ (އިޓަލީ)- މިފަހަރުގެ ވޯލްޑް ކަޕާއި އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕް ސްޓޭޖުންނެވެ. އިޓަލީން 2006ގެ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދިއިރު ޕިރްލޯ ވަނީ އޭނާގެ ޖާދުވީ ޕާސްތަކުން އިދިކޮޅު ޓީމުތައް ސިއްސުވާލާފައެވެ. ރަޝިޔާގައި 2018 ގައި އޮންނަ ވޯލްޑް ކަޕު އަންނައިރު ޕިރްލޯއަށް 39 އަހަރު ވާނެއެވެ. އޭގެ ކުރިން ގައުމީ ޓީމުން އޭނާ ރިޓަޔަރ ކުރާނެކަމަށް ބެލެވެއެވެ.

2. ސްޓީވެން ޖެރާޑް (އިންގްލެންޑް)- މިފަހަރުގެ ވޯލްޑް ކަޕާއި އިންގްލެންޑުގެ ފަހްރުވެރި ކެޕްޓަން ވަކިވާން ޖެހުނީ ގްރޫޕް ސްޓޭޖުންނެވެ. ހިތްދަތިކަމުގެ ކަރުނަޔާއެކު މިފަހަރުގެ ވޯލްޑް ކަޕުން ޖެރާޑް އަލްވަދާއު ކިޔަން ޖެހުނުއިރު 2018 ގައި ރަޝިޔާގައި އޮންނަ ވޯލްޑް ކަޕުގައި އޭނާއަށް ކުޅެވޭނެކަމަށް ނުބެލެއެވެ. އޭރު ޖެރާޑުގެ އުމުރުން 38 އަހަރު ވާނެއެވެ.

3. ޒަވީ ހެނާންޑޭޒް، ޒަބީ އޮލިންސޯ އަދި ޑޭވިޑް ވިޔާ (ސްޕެއިން)- މިތިން ކުޅުންތެރިން މިފަހަރުގެ ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕް ސްޓޭޖުންނެވެ. މިއީ އެންމެފަހުގެ ވޯލްޑް ކަޕާއި އެންމެފަހުގެ ޔޫރޯ ދެމުބާރާތް ކާމިޔާބު ސްޕެއިން ޓީމަށް ލިބުނު ބޮޑު ހިތްދަތިކަމެކެވެ. ފުޓްބޯޅައިގެ މައިދާނުގައި މިތިން ކުޅުންތެރިންނަށް އުފުލާ ނުލެވި އޮތް ހަމައެކަނި ތަށްޓަކީ ކޮންފެޑޭރަންސް ކަޕެވެ. މިފަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ސްޕެއިން ކެޓުމުން ޒަވީ،34، ޑޭވިޑް ވިޔާ،32، އޮލޮންސޯ،32، ރަޝިޔާގައި 2018 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕުން ފެނުމުގެ އެއްވެސް ފުރުސަތެއް ނެތެވެ.

4. ސްމެއުލް އެޓޫ (ކެމަރޫން) – އެޓޫ ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ޖެހުނީ މިފަހަރުވެސް ގްރޫޕް ސްޓޭޖުންނެވެ. ފާއިތުވެދިޔަ ހަތަރު ވޯލްޑް ކަޕުގައި އެޓޫ ކުޅުނު ނަމަވެސް ދެވަނަ ބުރަށް ދަތުރު ކުރެވިފައެއް ނުވެއެވެ. ކްލަބު ލެވެލްގައި ޔޫރަޕުގެ ބޮޑެތި ހުރިހާ މުބާރާތްތަކެއް ކާމިޔާބު ކޮށްފައިވާ އެޓޫ،33، ރަޝިޔާގައި 2018 ވަަނަ އަހަރު އޮންނަ ވޯލްޑް ކަޕުގައި ފެނުމުގެ ފުރުސަތު ނެތީ އޭރު އޭނާގެ އުމުރުން 38 އަހަރު ވާނެތީއާއި މިހާރުވެސް އޭނާގެ ފިޓްނަސްލެވެލް ހުރި މިންވަރުގެ ސަބަބުންނެވެ.

5. ޑިޑިއެ ޑްރޮގްބާ (އައިވަރީކޯސްޓް)- މިފަހަރުވެސް ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ޖެހުނީ ގްރޫޕް ސްޓޭޖުންނެވެ. މީގެ ކުރިން 2010 އަދި 2006 ގެ ވޯލްޑް ކަޕުންވެސް އައިވަރީކޯސްޓް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ކްލަބު ލެވެލްގައި ޔޫރަޕުގެ ބޮޑެތި ހުރިހާ މުބާރާތްތަކެއް ކާމިޔާބު ކޮށްފައިވާ ޑްރޮގްބާއަށް 2018 ގައި 40 އަހަރު ވާނެއެވެ.

6. ޑިއޭގޯ ފޯލާން (އުރުގުއޭ) – މިފަހަރުގެ ވޯލްޑް ކަޕާއި އަލްވަދާއު ކިޔަން ޖެހުނީ ދެވަނަ ބުރުންނެވެ. 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފޯލާންއަށް މިހާރު 35 އަހަރެވެ. ކްލަބު ލެވެލްގައި މިހާރު ޖަޕާނުގައި ކުޅެމުންނައިރު މިފަހަރުގެ ވޯލްޑް ކަޕުގައިވެސް އޭނާގެ ކުރީގެ ޖާދޫ ދައްކާލެވިފައެއް ނުވެއެވެ.

7. ރަފޭލް މާކުއޭޒް (މެކްސިކޯ) – ފަސް ވޯލްޑް ކަޕުގައި ކެޕްޓަންކަން ކުރި ހަމައެކަނި ކުޅުންތެރިޔާ މިފަހަރުގެ ވޯލްޑް ކަޕާއި އަލްވަދާއުކީ ދެވަނަ ބުރުގައި ނެދަލޭންޑްސް އަތުން އެންމެފަހު ވަގުތު ބަލިވުމުންނެވެ. މިހާރު އޭނާއަށް 35 އަހަރެވެ. 2018 ގައި 39 އަހަރުގައި ޑިފެންސް ލައިނުން ޖާގަ ހޯދުމަކީ ނާދިރު ކަމެއްކަމުގައި ވާތީ ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި ގައުމީ ޓީމުން މާއުކޭޒް ރިޓަޔަރ ކުރާނެކަމަށް ބެލެވެއެވެ. މާކްއޭޒް ވަނީ ކްލަބު ލެވެލްގައި ބާސެލޯނާއެކު ޔޫރަޕުގެ ބޮޑެތި މުބާރާތްތަށް ކާމިޔާބު ކޮށްފައެވެ.

8. ޒަލްޓާން އިބްރަހިމޮވިޗް (ސްވިޑްން) – މިފަހަރުގެ ވޯލްޑް ކަޕަށް ސްވިޑްން ކޮލިފައި ނުވުމުގެ ހިތާމަ އަދިވެސް އިބްރަހިމޮވިޗުގެ ހިތުން ފިލައިގެން ނުދެއެވެ. މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ސެންޓަރ ފޯވާޑުގެ ގޮތުގައި ގިނަ ތަޖުރިބާކާރުން އެއްބަސްވާ އިބްރަހިމޮވިޗް،33، މިފަހަރުގެ ވޯލްޑް ކަޕް ބަލަން ދެކޮޅު ހެދިއިރު 2018 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕުން އޭނާ ފެނުމުގެ ވަރަށް ނާދިރު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް