އާޖެންޓީނާ ބަލިކޮށް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ޖަރުމަނު ހޯދައިފި
އާޖެންޓީނާ 1-0 އިން ބަލިކޮށް ފީފާ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ޖަރުމަނު ހޯދައިފިއެވެ.
މިއީ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ޖަރުމަނު ހޯދި 4 ވަނަ ފަހަރެވެ. އަދި ދެކުނު އެމެރިކާ ގައުމެއްގައި ވޯލްޑް ކަޕުގެ ތަށި ދުނިޔޭގެ އެހެން ބަރެއްގެ ގައުމެއް އުފުލާލި ފުރަތަމަ ފަހަރެވެ.
ފައިނަލް މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މާރިއޯ ގޮޓްޒާއެވެ. މިއީ ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފަނަރަ މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގެ 8 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑެކެވެ.
މިމެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބުނީ އާޖެންޓީނާއަށެވެ. މިގޮތުން ފުރަތަމަ ހާފުގައި ފޯވާޑް ގޮންޒާލޯ ހިގުއިންއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. ދެވަނަ ހާފުގައި ފޯވާޑް ޕެލާސިއޯއަށްވެސް ހުސް ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
ތަށި ނުލިބުމުން މާޔޫވެސްފައި ހުރި އާޖެންޓީނާގެ ކޯޗް އަލްހެންދްރޯ ސަބެއްލާ ބުނީ ބަލިވީ ލިބުނު ހުސްފުރުސަތުތަކުގެ ބޭނުން ނުކުރެވުމުން ކަމަށެވެ.
ޖަރުމަނުގެ ކޯޗް ޔޯކިމް ލޯ ބުނީ މިއީ އޭނާގެ ކެރިޔަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށެވެ. "މިއީ އެންމެ ދުވަހަކުން މަސައްކަތް ކޮށްގެން ލިބުނު ކާމިޔާބެއް ނޫން. މިއީ މީގެ އަހަރުތަކެއް ކުރިން އަހަރެމެން ފެށި މަސައްކަތުގެ މޭވާ" ލޯ ބުންޏެވެ.
ޖަރުމަނު ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ 2004 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގައި އެކުއެކީގައި މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިންތަކެއްކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު