ވޯލްޑް ކަޕް ފައިނަލަކީ ހަޔާތުގައި ކުޅޭ އެންމެ މުހިއްމު މެޗް – މެސީ

image

މެސީ ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރަން ކުޅުންތެރިންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ.

ވޯލްޑް ކަޕް ފައިނަލުގައި މިރޭ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗަކީ ހަޔާތުގައި ކުޅޭ އެންމެ މުހިއްމު މެޗްކަމަށް އާޖެންޓީނާގެ ކެޕްޓަން އަދި ނުރައްކާތެރި ފޯވާޑް ލިއޮނަލް މެސީ ބުނެފިއެވެ.

ކްލަބު ލެވެލްގައި ހުރިހާ ތަށްޓެއް ކާމިޔާބު ކޮށްފައިވާ މެސީއަށް މިހާތަނަށް ކާމިޔާބު ނުކުރެވި އޮތް ހަމައެކަނި މުބާރާތަކީ ވޯލްޑް ކަޕެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ މެސީ ވަނީ މިފަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް އާޖެންޓީނާ ގެންގޮސްދިނުމުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

"ޖަރުމަނާ ދެކޮޅަށް މިރޭ ކުޅޭ މެޗަކީ މުޅި އުމުރުގައިވެސް އަހަރެމެން ކުޅޭ އެންމެ މުހިއްމު މެޗް" މެސީ،27، ބުންޏެވެ.

ޖަރުމަނުގެ މުހިއްމު މިޑްފީލްޑަރު ބަސްޓިއަން ސްވައިންސްޓިގާ ބުނީ އާޖެންޓީނާއަށްވުރެ ރަނގަޅު ނަތީޖާތަކެއް ހޯދައިގެން ފައިނަލަށް އާދެވުނީތީ ފައިނަލް މެޗް ކާމިޔާބު ކުރަން ޖަރުމަނަށް ޕްރެޝަރު އޮތްކަމަށް ބައެއް ފަރާތްތަކުން ދެކޭތީ ހިތްހަމަ ނުޖެހޭކަމަށެވެ.

"އަހަރެމެންނަށް އެއްވެސް ޕްރެޝަރެއް ނެތް. އެހެން މެޗުތަކާ އެއްގޮތަކަށް މިރޭވެސް އަހަރެމެން މަސައްކަތް ކުރާނީ އަސްލު ފެންވަރުގައި ކުޅުމަށް" ސްވައިންސްޓިގާ ބުންޏެވެ.

އާޖެންޓީނާގެ ކޯޗް އަލްހެންދްރޯ ސަބެއްލާ ބުނީ އާޖެންޓީނާ ހިތްވަރު އާކުރާނީ 1986 ގެ ވޯލްޑް ކަޕުގެ ހަނދާންތަކުން ކަމަށެވެ. އެފަހަރު މަރަޑޯނާގެ ޖާދޫއާއެކު ޖަރުމަނު 3-2 އިން ބަލިކޮށް ތަށި އުފުލާލީ އާޖެންޓީނާއެވެ. "އަހަރެމެން ހިތްވަރު އާކުރާނީ 1986 ގެ ވޯލްޑް ކަޕުގެ ހަނދާންތަކުން. އެމުބާރާތާއި މިފަހަރު ވަރަށް އެގޮތް ކަންތައްތަކެއް އެބަހުރި" ސަބެއްލާ ބުންޏެވެ.

ސަބެއްލާ ބުނީ ޖަރުމަނު ބަލި ކުރެވޭނީ ޑިފެންސްލައިން ތެރެއިން އުފެދޭ ހުރިހާ ސްޕޭސްތަކެއް ބައްދާލައިގެން ކަމަށެވެ.

ޖަރުމަނުގެ ކޯޗް ޔޯކިމް ލޯ މިރޭގެ ފައިނަލާ ގުޅޭ ގޮތުން ބުނީ އާޖެންޓީނާގައި ވަރަށް ނުރައްކާތެރި ކުޅުންތެރިންތަކެއް އެބަތިބިކަމަށާއި އެއީ ހަމައެކަނި މެސީއަށް ބަރޯސާވެފައި އޮތް ޓީމެއް ނޫންކަމަށެވެ. "އާޖެންޓީނާގައި ހުރީ މެސީ އެކަންޏެއް ނޫން. ހިގުއިން (ގޮންޒާލޯ ހިގުއިން) އާއި ޑިމާރިއާ (އެހެން ޑިމާރިއާ) އަދި ލެވޭޒީ (އެޒެކްއަލް ލަވެޒީ) އަކީ ލިބޭ ހުސްޖާގަ ތަކުން އަރައި ލަނޑުޖެހުމުގެ ހުނަރު ހުރި ކުޅުންތެރިން" 2006 ގެ ވޯލްޑް ކަޕަށްފަހު ޖަރުމަނު ގައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ލޯ ބުންޏެވެ.

މިއީ އާޖެންޓީނާ އާއި ޖަރުމަނު ވޯލްޑް ކަޕް ފައިނަލުގައި ބައްދަލު ކުރާ ތިންވަނަ ފަހަރެވެ. ފުރަތަމަ ބައްދަލު ކުރީ 1986 ގައެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ އާޖެންޓީނާއެވެ. ދެވަނަ ފަހަރަށް މިދެގައުމު ބައްދަލު ކުރީ 1990 ގެ ވޯލްޑް ކަޕުގައެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ ޖަރުމަނެވެ. އާޖެންޓީނާއަށް އެންމެފަހުން ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައި ވަނީ 1986 ގައެވެ. ޖަރުމަނަށް އެންމެފަހުން ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައި ވަނީ 1990 ގައެވެ.

އާޖެންޓީނާ އާއި ޖަރުމަނު ބައްދަލު ކުރާ ފައިނަލް މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 0:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :