ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ 10 ކުޅުންތެރިންގެ ނަން އިއުލާން ކޮށްފި
ބްރެޒިލްގައި މިހާރު ކުރިޔަށްދާ ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ދިހަ ކުޅުންތެރިންގެ ނަން ފީފާއިން މިއަދު އިއުލާން ކޮށްފިއެވެ.
ދިހަ ކުޅުންތެރިންގެ ތެރޭގައި މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވާ ޖަރުމަނާއި އާޖެންޓީނާއަށް ނިސްބަތްވާ 7 ކުޅުންތެރިން ހިމެނެއެވެ. އެއީ ޖަރުމަނުގެ 4 ކުޅުންތެރިންނާއި އާޖެންޓީނާގެ 3 ކުޅުންތެރިންނެވެ.
މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ އާޖެންޓީނާގެ ތިން ކުޅުންތެރިންނަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް މީގެ ކުރިން ހަތަރު ފަހަރު ހޯދާފައިވާ ނުރައްކާތެރި ފޯވާޑް އަދި ކެޕްޓަން ލިއޮނަލް މެސީ އާއި ވިންގަރ އެންހެލް ޑިމާރިޔާ އާއި ތަޖުރިބާކާރު ޑިފެންސިވް މިޑްފީލްޑަރު ހާވިޔާ މަޝަރާނޯއެވެ.
މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ޖަރުމަނުގެ ހަތަރު ކުޅުންތެރިންނަކީ ޑިފެންޑަރު މެޓްސް ހުމެލްސް އާއި ހުނަރުވެރި މިޑްފީލްޑަރު ޓޯނީ ކްރޫސް އާއި ނުރައްކާތެރި ފޯވާޑް ތޯމަސް މުލާގެ އިތުރުން ކެޕްޓަން ފިލިޕް ލާމްއެވެ.
މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ އަނެއް ތިން ކުޅުންތެރިންނަކީ ނެދަލޭންޑްސްގެ ނުރައްކާތެރި ވިންގަރ އާޔެން ރޮބެން އާއި ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާގެ އިތުރުން މިފަހަރުގެ ވޯލްޑް ކަޕުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކޮލަމްބިއާގެ ނުރައްކާތެރި ފޯވާޑް ޖޭމްސް ރޮޑްރިގޭޒްއެވެ.
ފީފާއިން ވަނީ އެންމެ މޮޅު ކީޕަރުގެ މަގާމަށް ވާދަކުރާ 3 ކުޅުންތެރިންގެ ނަންވެސް މިއަދު އިއުލާން ކޮށްފައެވެ. މިމަގާމަށް ވާދަކުރާނީ ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ އާއި އާޖެންޓީނާގެ ކީޕަރު ސާޖިއޯ ރޮމެރޯ އަދި ކޮސްޓަރިކާގެ ކީޕަރު ކޭލޯ ނަވަސްއެވެ.
2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އުރުގުއޭގެ ފޯވާޑް ޑިއޭގޯ ފޯލާންއެވެ.
ކިޔުންތެރިންގެ ހިޔާލު