ތިންވަނަ ހޯދުމަށް ސަޕޯޓަރުންގެ ފަރާތުން ހިތްވަރު ބޭނުންވޭ – ސިލްވާ
ވޯލްޑް ކަޕް ތިންވަނަ ހޮވާ މެޗުގައި މިރޭ ނެދަލޭންޑްސް ބަލިކުރުމަށް ސަޕޯޓަރުންގެ ފަރާތުން ހިތްވަރު ބޭނުންވާކަމަށް ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ ބުނެފިއެވެ.
ސިލްވާ މިހެން ބުނެފައި މިވަނީ ސެމީފައިނަލުގައި ޖަރުމަނު އަތުން 7-1 ގެ ބޮޑު ތަފާތަކުން ބަލިވެ ބްރެޒިލްގެ ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިފައި ވަނިކޮށެވެ. "މުބާރާތުގައި ސަޕޯޓަރުން ބޭނުންވި ކާމިޔާބީ ހޯދައި ނުދެވުނުކަން އަހަރެމެން ގަބޫލް ކުރަން. ތިންވަނަ ހޮވާ މެޗަށް މިރޭ ނުކުންނާނީ ފައިނަލެއް ކަމަށް ދެކިގެން. މުބާރާތުގެ ތިންވަނަ ހޯދުމަށް ސަޕޯޓަރުންގެ ފަރާތުން ހިތްވަރު ބޭނުންވޭ" ސިލްވާ ބުންޏެވެ.
ރީނދޫ ދެކާޑް ހަމަވުމުގެ ސަބަބުން ސެމީފައިނަލުގައި ޖަރުމަނާ ދެކޮޅަށް ސިލްވާއަށް ނުކުޅެވުނު ނަމަވެސް މިރޭ ނެދަލޭންޑްސްއާ ދެކޮޅަށް އޭނާއަށް ކުޅެވޭނެއެވެ.
ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ބްރެޒިލްގެ ކޯޗް ލުއިސް ފިލެޕް ސްކޮލާރީ ބުނީ ބްރެޒިލްގެ ޖާޒީއަށް އިހްތިރާމް ކުރަންޖެހޭ ކަމަށާއި ސަޕޯޓަރުން ގައުމީ ޓީމާއެކު ވާނޭކަމަށް އުއްމީދު ކުރާކަމަށެވެ.
ނެދަލޭންޑްސް ކޯޗް ލުއިސް ވެން ހާލް ބުނީ ތިންވަނަ ހޮވުމަށް މެޗެއް ކުޅުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށެވެ. "މީގެ ދިހަވަރަކަށް އަހަރު ކުރިން ފެށިގެން އަހަރެން މިއަންނަނީ މިވާހަކަ ދައްކަމުން. ހަގީތުގައި ވޯލްޑް ކަޕް މިކުޅެނީ އެންމެ ވަނައެއް ހޯދުމަށް. އެއީ ޗެމްޕިއަންކަން. ދެން އަނެއްކާ ޖެހިޖެހިގެން ދެމެޗުން ބަލިވުމަކީ ލިބޭ ވަރަށް ބޮޑު ހިތްދަތި ކަމަކަށްވާނީ" ސެމީފައިނަލުން ބަލިވި ދެގައުމުގެ ތެރެއިން ކޮންމެވެސް އެއްގައުމެއް ތިންވަނަ ހޮވާ މެޗުގައި ބަލިވާނެތީ އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ވެންހާލް ބުންޏެވެ.
ބްރެޒިލް ވަނީ ވޯލްޑް ކަޕް ތިންވަނަ ހޮވާ މެޗުގައި މީގެ ކުރިން ހަތަރު ފަހަރު ކުޅެފައެވެ. އޭގެ ތެރެއިން ދެމެޗް ވަނީ ކާމިޔާބު ކޮށްފައެވެ. ނެދަލޭންޑްސް ދެމެޗް ކުޅެފައިވާއިރު ދެމެޗުންވެސް ވީ ބައްޔެވެ.
ތިންވަނަ ހޮވުމަށް ބްރެޒިލާއި ނެދަލޭންޑްސް ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 1:00 ގައެވެ.
ކިޔުންތެރިންގެ ހިޔާލު