ނެދަލޭންޑްސް ބަލިކޮށް އާޖެންޓީނާ ފައިނަލުން ޖާގަ ހޯދައިފި

ރޮމެރޯއަށް ޕެނަލްޓީ މަތަކުރަން ދަސްކޮށްދިނީ އަހަރެން – ވެންހާލް
image ނެދަލޭންޑްސް ބަލިކޮށް އާޖެންޓީނާ ފައިނަލުން ޖާގަ ހޯދި ފޯރިގަދަ މެޗުގެ ތެރެއިން

ވޯލްޑް ކަޕް ސެމީފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނެދަލޭންޑްސް 2-4 އިން ބަލިކޮށް އާޖެންޓީނާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއިން ވަނީ ނެދަލޭންޑްސްއަށް ވުރެ ރަގަޅަށް ކުޅެ ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. މިގޮތުން ކޯނަރެއްގައި ޑިފެންޑަރު ގަރޭ ބޮލުން ފޮނުވާލި ހަމަލާ އާއި ހިލޭ ޖެހުމަކުން މެސީ ފޮނުވާލި ހަމަލާ ފާހަގަ ކޮށްލެވެއެވެ. މެސީ ފޮނުވާލި ބާރު ހިލޭ ޖެހުން ނެދަލޭންޑްސް ކީޕަރު ސިލެސަން ވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފައެވެ. ގަރޭ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ދަނޑިމަތިން ބޭރަށެވެ.

ދެވަނަ ހާފުގައި ނެދަލޭންޑްސްއިން ވަނީ އާޖެންޓީނާއަށްވުރެ މޮޅަށް ކުޅެފައެވެ. އެހެންނަމަވެސް އާޖެންޓީނާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. އާޖެންޓީނާ ބަލިކޮށް ފައިނަލަށް ނެދަލޭންޑްސް ގެންގޮސްދިނުމަށް އެންމެ ރަގަޅު ފުރުސަތެއް ލިބުނީ މެޗުން ނިމެން 3 މިނެޓަށް ވެފައި ވަނިކޮށް ނުރައްކާތެރި ވިންގަރ އާރެން ރޮބެންއަށެވެ. މިހަމަލާގެ ހުރަހަކަށްވީ ތަޖުރިބާކާރު ޑިފެންސިވް މިޑްފީލްޑަރު ހާވިޔާ މަޝްކަރާނޯއެވެ.

މެޗުގެ ފުރިހަމަ ވަގުތު ލަނޑެއް ނުޖެހި އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފުގައިވެސް ދެޓީމުން ކުރެ ޓީމަކަށްވެސް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި އާޖެންޓީނާގެ ބަތަލަކަށްވީ ކީޕަރު ސާޖިއޯ ރޮމެރޯއެވެ. ރޮމެރޯ ވަނީ ނެދަލޭންޑްސްގެ ވެސްލީ ސްނެއިޑާ އާއި ރޮން ވްލާ ޖެހި ޕެނަލްޓީ މަތަކޮށްފައެވެ. ރޮމެރޯއަށް މަތަ ނުކުރެވުނީ ރޮބެން ޖެހި ޕެނަލްޓީ އާއި ޑާކް ކުއިޓް ޖެހި ޕެނަލްޓީއެވެ.

އާޖެންޓީނާގެ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްދިނީ، މެސީ އާއި ގަރޭ އާއި ސާޖިއޯ އަގުއޭރޯގެ އިތުރުން ރޮޑްރިގޭޒެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނެދަލޭންޑްސްގެ ކޯޗް ލުއިސް ވެން ހާލް ބުނީ ރޮމެރޯއަށް ޕެނަލްޓީ މަތަ ކުރާނެ ގޮތް ދަސްކޮށްދިނީ އޭނާކަމަށާއި މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ހިތަށް ތަދުވެއްޖެކަމަށެވެ. "އާޖެންޓީނާ ލީގުގައި ރޮމެރޯ ކުޅެނިކޮށް 2007 ވަނަ އަހަރު ޔޫރަޕަށް އޭނާ ގެނައި އަހަރެން. އެއީ އަލްކަމާރުގެ ކޯޗް ކަމުގައި އަހަރެން ހުރިއިރު. ރޮމެރޯއަށް ޕެނަލްޓީ މަތަކުރާނެ ގޮތް ދަސްކޮށްދިނީ އަހަރެން. ރޮމެރޯ މަތަކުރި ޕެނަލްޓީތަކެއްގެ ސަބަބުން އަހަރެންގެ ޓީމު ކެޓުމުން ހިތަށް ވަރަށް ތަދުވެއްޖެ" ވެންހާލް ބުންޏެވެ.

ރޮމެރޯ ބުނީ ވެންހާލްއަކީ އޭނާގެ ފުޓްބޯޅައިގެ ހަޔާތުގައި ވަރަށް މުހިއްމު މީހެއްކަމަށާއި އޭނާއަށް ޝުކުރު އަދާކުރާނެ ގޮތް ނޭނގޭކަމަށެވެ. "ވަރަށް ޒުވާން އުމުރު (20 އަހަރު) ގައި ވެންހާލް އަހަރެން އަލްކަމާރަށް ގެންދިޔައީ. ބީރައްޓެހި ގައުމެއްގައި އަހަރެން އެކަނިވިޔަނުދީ މަގު ދައްކައިދިނީ ވެންހާލް. އޭނާއަށް ޝުކުރު އަދާކުރާނެ ގޮތެއް އަހަންނަކަށް ނޭނގޭ" މިހާރު ފްރާންސްގެ މޮނާކޯގެ ބަދަލު ކީޕަރު ގޮތުގައި ހުރި ރޮމެރޯ،27، ބުންޏެވެ.

މިއީ 1990 ގެ ވޯލްޑް ކަޕް ފައިނަލުގައި ޖަރުމަނު އަތުން ބަލިވިފަހުން އާޖެންޓީނާއަށް ވޯލްޑް ކަޕް ފައިނަލަށް ދެވުނު ފުރަތަމަ ފަހަރެވެ. ދެފަހަރު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދާފައިވާއިރު ފުރަތަމަ ތަށި އުފުލާލީ އަމިއްލަ ގައުމުގައި 1978 ގައި ނެދަލޭންޑްސް ބަލި ކުރުމަށްފަހުއެވެ. ދެވަނަ ފަހަރަށް ތަށި އުފުލާލީ ޑިއޭގޯ މަރަޑޯނާގެ ޖާދުލާއެކު 1986 ގެ ފައިނަލުގައި ޖަރުމަނު ބަލި ކުރުމަށްފަހުއެވެ. ނެދަލޭންޑްސް ވަނީ 1972،1978 އަދި 2010 ގެ ވޯލްޑް ކަޕް ފައިނަލުގައި ކުޅެ ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :