ޖަރުމަނު ބަލިކޮށް ފައިނަލަށް ދެވޭނެ ކަމުގެ އުއްމީދު އެބައޮތް – ސްކޮލާރީ
ބްރެޒިލްގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ސެމީފައިނަލުގައި މިިރޭ ޖަރުމަނު ބަލިކޮށް ފައިނަލުން ޖާގަ ހޯދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ބްރެޒިލްގެ ކޯޗް ލުއިސް ފެލިޕް ސްކޮލާރީ ބުނެފިއެވެ.
ޖަރުމަނު ބަލިކޮށް 2002 ގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބު ކޮށްދިން ކޯޗް ސްކޮލާރީ މިހެން ބުނެފައި މިވަނީ ނުރައްކާތެރި ފޯވާޑް ނޭމާއަށް އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ނިމިފައި ވަނިކޮށެވެ. އަދި ރީނދޫ ދެކާޑް ހަމަވުމުގެ ސަބަބުން ކެޕްޓަން ތިއާގޯ ސިލްވާ މިރޭގެ މެޗަށް ސަސްޕެންޑް ވެފައި ވަނިކޮށެވެ.
"ނޭމާއަކީ އަހަރެމެންގެ ބަތަލު މިފަހަރު. އަދި އޭނާއަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއްކުޅުންތެރިޔާ. އޭނާ ނުލައި ކުޅެން ޖެހުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. އެކަމަކު ސްކޮޑުގައި ދެންތިބި ބާވިސް ކުޅުންތެރިންނަކީވެސް ބްރެޒިލަށް ފަހްރުވެރި ނަތީޖާއެއް ހޯދައި ދެވޭނެފަދަ ކުޅުންތެރިންތަކެއް" ސްކޮލާރީ ބުންޏެވެ.
ނޭމާ ނެތްތަން ފޫބައްދަން އަރުވާނީ ކޮން ކުޅުންތެރިއެއްތޯ އެހުމުން ސްކޮލާރީ ވަނީ އެކަން ހާމަ ކުރުމަށް ދެކޮޅު ހަދާފައެވެ. މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ނޭމާ ނެތްތަން ފޫބައްދާނީ ހެނާނެސް،ވިލިއަން ނުވަތަ ޖޯ އެވެ.
ޖަރުމަނުގެ ކޯޗް ޔޯކިމް ލޯ ބުނީ ނޭމާ އާއި ސިލްވާ ނެތުމުން މެޗް ފަސޭހަ ކޮށްނުލާނެ ކަމަށާއި އެދެކުޅުންތެރިން ނެތްތަން ބްރެޒިލުން ފޫބައްދާނެ ކަމަށެވެ. "ނޭމާ އާއި ސިލްވާއަކީ ބްރެޒިލަށް ވަރަށް މުހިއްމު ދެކުޅުންތެރިން. އެކަމަކު އެދެކުޅުންތެރިން ނުލައިވެސް ބްރެޒިލަކީ ފެންވަރު ހުރި ވަރުގަދަ ޓީމެއް" ލޯ ބުންޏެވެ.
މިރޭގެ ސެމީފައިނަލަކީ ވޯލްޑް ކަޕުގެ ސެމީފައިނަލުގައި ޖެހިޖެހިގެން ޖަރުމަނު ކުޅޭ ހަތަރު ވަނަ ސެމީއެވެ. މިއީ ވޯލްޑް ކަޕުގެ ރެކޯޑެވެ. 2010 ގެ ސެމީފައިނަލުގައި ޖަރުމަނު ބަލިވީ ސްޕެއިން އަތުންނެވެ. 2006 ގެ ސެމީފައިނަލުގައި ބަލިވީ އިޓަލީ އަތުންނެވެ. އަދި 2002 ގެ ސެމީފައިނަލުގައި ދެކުނު ކޮރެއާ އަތުން މޮޅުވެ ފައިނަލަށް ދެވުނު ނަމަވެސް ފައިނަލުގައި ބްރެޒިލް އަތުން 2-0 އިން ޖަރުމަނު ބަލިވިއެވެ.
އެހެންކަމުން މިރޭ ބްރެޒިލްގެ ސަޕޯޓަރުންގެ ކުރިމަތީގައި ބްރެޒިލް ރޮއްވާލުމަކީ 2002 ގެ ވޯލްޑް ކަޕް ފައިނަލުގެ ރަނގަޅު ބަދަލު ހިފުމަކަށް ވެގެންދާނެއެވެ.
2002 ގެ ވޯލްޑް ކަޕް ފައިނަލުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން މިރޭ ކުޅުމުގެ ފުރުސަތު ލިބިފައިވާ ހަމައެކަނި ކުޅުންތެރިޔަކީ ޖަރުމަނުގެ ފޯވާޑް މިރްސްލާވް ކްލޯސާއެވެ. މިރޭ ކްލޯސާ ލަނޑެއް ޖަހައިފިނަމަ ވޯލްޑް ކަޕުގެ ތާރިހުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޭނާއަށް ލިބޭނެއެވެ. މިހާރު މިރެކޯޑް ކްލޯސާއާއެކު ހިއްސާ ކުރަނީ ބްރެޒިލްގެ ކުރީގެ މަޝްހޫރު ފޯވާޑް ރޮނާލްޑޯއެވެ. އެއީ 15 ލަނޑެވެ.
ކުރީގެ ކުރިމަތިލުންތައް:
ވޯލްޑް ކަޕުގައި ބްރެޒިލާއި ޖަރުމަނު މީގެ ކުރިން ބައްދަލު ކޮށްފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ 2002 ގެ ވޯލްޑް ކަޕް ފައިނަލުގައެވެ. އެފަހަރު ޖަރުމަނު ރޮއްވާލުމަށްފަހު 2-0 އިން މޮޅުވެ ޗެމްޕިއަންކަން ހޯދީ ބްރެޒިލެވެ.
ފީފާ ކޮންފެޑެރޭޝަންސް ކަޕުގައި 1994 ވަނަ އަހަރު ޖަރުމަނާ ވާދަކޮށް ބްރެޒިލް ވަނީ 4-0 އިން މޮޅުވެފައެވެ. މީގެ އިތުރުން ޖަރުމަނުގައި 2005 ވަނަ އަހަރު ބޭއްވި ފީފާ ކޮންފެޑެރޭޝަންސް ކަޕް ސެމީފައިނަލުގައި ޖަރުމަނުގެ މައްޗަށް ބްރެޒިލް ކުރި ހޯދީ 3-2 އިންނެވެ. އެކުވެރިކަމުގެ މެޗެއްގައި 2004 ވަަނަ އަހަރު ބައްދަލު ކުރި މެޗް ނިމުނީ އެއްވަރު ވެގެންނެވެ. ބްރެޒިލާއި ޖަރުމަނު އެންމެފަހުން ބައްދަލު ކޮށްފައި ވަނީ 2011 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. އެމެޗް 3-2 އިން ކާމިޔާބު ކުރީ ޖަރުމަނެވެ.
މުހިއްމު ކުޅުންތެރިން (ޖަރުމަނު):
ބްރެޒިލާ ދެކޮޅަށް ނުކުންނައިރު ޖަރުމަނަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ފޯމުގައި ހުރުމެވެ. ވޯލްޑް ކަޕުގައި މިފަހަރު މިހާތަނަށް ކުޅުނު 5 މެޗުގެ ތެރެއިން ނޯޔާ ވަނީ 3 މެޗުގައި ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ. އެހެންކަމުން ނޯޔާ ވެފައި ވަނީ ޖަރުމަނުގެ އެންމެ މުހިއްމު ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން ފޯވާޑް ތޯމަސް މުލާ އާއި މާރިއޯ ގޮޓްޒީއަކީ ކޮންމެފަދަ ވަގުތެއްގައިވެސް ބްރެޒިލްގެ ގޯލު ފޫއަޅުވާލަފާނެ ދެކުޅުންތެރިންނެވެ.
މުހިއްމު ކުޅުންތެރިން (ބްރެޒިލް):
ވޯލްޑް ކަޕުގެ ކުއާޓާފައިނަލާ ހަމައަށް އައި އިރުވެސް ބްރެޒިލްގެ އެންމެ މުހިއްމު އަދި އެންމެ ނުރައްކާތެރި ކުޅުންތެރިޔަކީ ޒުވާން ފޯވާޑް ނޭމާއެވެ. އެހެންނަމަވެސް ކުއާޓާފައިނަލުގައި ކޮލަމްބިޔާ އަތުން 2-1 އިން މޮޅުވި މެޗުގައި މައިބަދައަށް ލިބުނު އަނިޔާއެއްގެ ސަބަބުން ނޭމާއަށް ވަނީ ވޯލްޑް ކަޕް ނިމިފައެވެ. މިހަބަރު ވެގެންދިޔައީ ބްރެޒިލްގެ ރައްޔިތުންގެ ލޮލުން ކަރުނަ ހިލުވައިލި ކަމަކަށެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި މިރޭ ބްރެޒިލްގެ ތަރިޔަކަށްވުން އެންމެ ކައިރީ ފޯވާޑް ހަލްކާއި އެޓޭކިންގ މިިޑްފީލްޑަރު އޮސްކާއެވެ.
މެޗް ކުޅޭ ދަނޑު: އެސްޓާޑިއޯ މެނެއިރޯ
ސިޓީ: ބެލޯ ހޮރިޒޮންޓޭ'
ސަޕޯޓަރުންގެ ޖަގާ: 58170
ރެފްރީ: މާކޯ ރޮޑްރިގޭޒް (މެކްސިކޯ)
މެޗް ފަށާނީ: ރާއްޖޭ ގަޑިން ދަންވަރު 1:00
ކިޔުންތެރިންގެ ހިޔާލު