ކޮސްޓަރިކާ ބަލިކޮށް ސެމީފައިނަލުން ނެދަލޭންޑްސް ޖާގަ ހޯދައިފި

image

ޕެނަލްޓީ ޝޫޓްއައުޓުގައި 4-3 އިން ކޮސްޓަރިކާ ބަލިކޮށް ވޯލްޑް ކަޕް ސެމީފައިނަލުން ނެދަލޭންޑްސް ޖާގަ ހޯދައިފިއެވެ.

ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރެން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތާއި ނަތީޖާ ނެރުމަށް އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގައިވެސް ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތުމުންނެވެ. ނެދަލޭންޑްސް ސެމީފައިނަށް ގެންގޮސްދިނުމުގައި ބަތަލަކަށްވީ ޕެނަލްޓީ ޖަހަން ޖެހޭނެކަން ޔަގީންވުމުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވި ކީޕަރު ޓިމް ކްރުލްއެވެ. އޭނާ ވަނީ ކޮސްޓަރިކާގެ ކެޕްޓަން ބްރަޔަން ރުއިޒް އާއި މައިކަލް އުމާނާ ޖެހި ޕެނަލްޓީ މަތަކޮށްފައެވެ. ނެދަލޭންޑްސްގެ ޕެނަލްޓީތައް ޖެހީ އާރެން ރޮބެން އާއި ވެސްލީ ސްނެއިޑާ އާއި ވެން ޕާސީ އަދި ޑާކް ކުއެޓެވެ.

ދެގައުމުގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަށް އުފައްދާފައި ވަނީ ނެދަލޭންޑްސްއިންނެވެ. މިގޮތުން ސްނެއިޑާ ފޮނުވާލީ ބާރު ހަމަލާއެއް ވަނީ ގޯލު ދަނޑިއާ އަމާޒުވެފައެވެ. ކޮސްޓަރިކާގެ ކީޕަރު ނަވާސްގެ ހުށިޔާރު ކަމުން ގިނަ ހަމަލާތަކެއް ދިފާއުކޮށްފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނެދަލޭންޑްސް ކޯޗް ލުއިސް ވެން ހާލް ބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކްރުލް ކުޅެން އަރުވާނެކަން ކްރުލްއަށް އަދި ފުރަތަމަ އެގާރައިގައި ކުޅުނު ކީޕަރު ސިލެސަންއަށް ނޭނގޭނެކަމަށެވެ. "ޕެނަލްޓީ ޖަހަން ޖެހިއްޖެނަމަ ކްރުލް އަރުވަން ނިންމާފައިވާކަން ސިލެސަންއާ ހިއްސާ ނުކުރީ އޭގެ ސަބަބުން އޭނާގެ ކުޅުމަށް އަސަރު ކޮށްފާނެތީ" ވެންހާލް ބުންޏެވެ.

ދެޕެނަލްޓީ މަތަކޮށް ނެދަލޭންޑްސްގެ ބަތަލަކަށްވި ކްރުލް ބުނީ މިއީ ވަރަށް ކުރިން ފެށިގެން އޭނާ ދެކެމުން އަންނަ ހުފަނެއްކަމަށެވެ. "ވަރަށް ކުރިން ފެށިގެންވެސް އުއްމީދު ކުރަން އަހަރެންގެ ސަބަބުން ގައުމީ ޓީމަށް މޮޅެއް ހޯދައި ދިނުމަށް. މިއީ ދެކެމުން އައި ހުވަފެނެއް ސީދާވުން" ކްރުލް،26،ބުންޏެވެ.

ކޮސްޓަރިކާގެ ކޯޗް ޖޯޖް ލުއިސް ޕިންޓޯ ބުނީ ސެމީފައިނަލަށް ނުދެވުމުން ހިތްދަތިވާކަމަށާއި އަދި ކުއާޓާ ފައިނަލުން ޖާގަ ލިބުނީތީ އުފާވާކަމަށެވެ.

ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބްރެޒިލް އާއި ޖަރުމަނު ބައްދަލު ކުރާނީ އަންނަ އަންގާރަ ދުވަހުގެ ރޭގައެވެ. އަދި ދެވަނަ މެޗުގައި އާޖެންޓީނާ އާއި ނެދަލޭންޑްސް ބައްދަލު ކުރާނީ ބުދަ ދުވަހުގެ ރޭގައެވެ. މިދެމެޗް ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 1:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :