ބެލްޖިއަމް ބަލިކޮށް ވޯލްޑް ކަޕް ސެމީފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފި

image ހިގުއިން ހަމަލާއެއް ފޮނުވާލަނީ

ވޯލްޑް ކަޕް ކުއާޓާފައިނަލުގައި ގޮންޒާލޯ ހިގުއިންގެ ހަމައެކަނި ލަނޑުން ބެލްޖިއަމް 1-0 އިން ބަލިކޮށް އާޖެންޓީނާ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

ސެމީފައިނަލުން އާޖެންޓީނާއަށް އެންމެފަހުން ޖާގަ ލިބިފައި ވަނީ މީގެ 24 ކުރިންނެވެ. އަދި ވޯލްޑް ކަޕުގެ ޗެމްޕިއަންކަން އެންމެފަހުން ހޯދިފައި ވަނީ މީގެ 28 އަހަރު ކުރިން 1986 ގައެވެ. ފާހަގަ ކޮށްލެވޭ ކަމަކީ 1986 ގެ ސެމީފައިނަލުން އާޖެންޓީނާ ޖާގަ ހޯދީ ބެލްޖިއަމް ބަލިކޮށްފައި ކަމުގައިވުމެވެ.

އާޖެންޓީނާގެ ފަރާތުން ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ހިގުއިން ލަނޑު ޖަހައި ލީޑް ނަގާފައި ވަނީ 8 ވަނަ މިނެޓުގައެވެ. މިއީ ބެލްޖިއަމްގެ ހާފުގެ ތެރެއިން ކެޕްޓަން ލިއޮނަލް މެސީއަށް ލިބުނު ބޯޅައެއް ބެލްޖިއަމްގެ ދެކުޅުންތެރިން ކައިރިން ދެމިގަތުމަށްފަހު ވިންގަރ ޑިމާރިއާއަށް ދިނުމުން އޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން ހިގުއިން ކާމިޔާބު ކުރި ލަނޑެކެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން މެސީ ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ޑިމާރިއާއަށް ތަނަވަސްކޮށްދީފައެވެ. އެހެންނަމަވެސް ޑިމާރިއާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ބެލްޖިއަމްގެ ކެޕްޓަން އިތުބާރު ޑިފެންޑަރު ވިސެންޓް ކޮމްޕެނީގެ ފަޔަށެވެ. މިހަމަލާ ފޮނުވާލަން އުޅުމުގެ ތެރޭގައި ޑިމާރިއާގެ ކަނާތު ފަލަމަސްގަނޑަށް އަނިޔާވުމުން 33 ވަނަ މިނެޓުގައި ޑިމާރިއާ ވަނީ ބަދަލުކޮށްފައެވެ. މިއާއެކު އާޖެންޓީނާގެ ހަމަލާތައް މަދުވެގެންދިޔައެވެ.

ދެވަނަ ހާފް ފަށައިގެން ރަގަޅަށް ކުޅެމުންދިޔައީ ބެލްޖިއަމްއިންނެވެ. އެހެންނަމަވެސް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ބެލްޖިއަމްއަށް ފޮނުވާލެވިފައެއް ނުވެއެވެ. މީގެ ބަދަލުގައި އާޖެންޓީނާއަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ދެފުރުސަތު ލިބިފައެވެ. ފުރަތަމަ ފުރުސަތަކީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހިގުއިން ބެލްޖިއަމްގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށްފަހު އޭރިޔާގެ ތެރެއަށް ވަދެ ހުހަށްހުރެ ފޮނުވާލި ނުރައްކާތެރި ހަމަލާއެވެ. މިހަމަލާގެ ހުރަހަކަށްވީ ގޯލުގެ މަތީ ދަނޑިއެވެ. ދެވަނަ ހަމަލާއަކީ މެސީ ފޮނުވާލި ހަމަލާއެކެވެ. މެޗް ނިމެން މިނެޓަކަށްވެފައި ވަނިކޮށް މުޅިން ހުހަށްހުރެ މެސީ ފޮނުވާލި ހަމަލާ ދިފާއުކުރީ ބެލްޖިއަމްގެ ކީޕަރު ތިބައުޓް ކޯޓުއާއެވެ.

މެޗަށްފަހު އާޖެންޓީނާގެ ކޯޗް އަލްހަންދްރޯ ސަބެއްލާ ބުނީ މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާގެ ފަރާތުން ފެނިގެންދިޔަ އެންމެ މޮޅު ކުޅުންކަމަށެވެ. "މިއީ ވަރަށް އުފާވެރި ވަގުތެއް. މިއީ ވޯލްޑް ކަޕުގައި މިފަހަރު އަހަރެމެންގެ ފަރާތުން ފެނިގެންދިޔަ އެންމެ ރަނގަޅު ކުޅުން. އެޓޭކާއި ޑިފެންސް ފެނުނީ ވަރަށް ބެލެންސްކޮށް" ސަބެއްލާ ބުންޏެވެ.

މީގެ އިތުރުން ސަބެއްލާ ބުނީ ހިގުއިންއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. "މުޅި މެޗުގައިވެސް ވަރަށް ބުރަކޮށް ހިގުއިން މަސައްކަތް ކުރި. އޭނާގެ ފަރާތުން އަހަރެމެން ބޭނުންވާ ކުޅުން މިރޭ (ރޭ) ކުޅެފި" ސަބެއްލާ ބުންޏެވެ.

ބެލްޖިއަމްގެ ކޯޗް ވިލްމޮޓްސް ބުނީ ކުޅުންތެރިން މޮޅުވާން ވަރަށް މަސައްކަތް ކުރިކަމަށާއި އެކަމަކު ނަސީބު އެހީނުވީކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement