ވޯލްޑް ސެމީފައިނަލުގައި ބްރެޒިލާއި ޖަރުމަނު ބައްދަލު ކުރަން ޖެހިއްޖެ

image

ވޯލްޑް ކަޕް ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބްރެޒިލާއި ޖަރުމަނު ބައްދަލު ކުރަން ޖެހިއްޖެއެވެ.

ސެމީފައިނަލުން ބްރެޒިލް ޖާގަ ހޯދީ ކުއާޓާފައިނަލުގެ ދެވަނަ ލެގުގައި ވާދަވެރި ކުޅުމަކަށްފަހު 2-1 އިން ކޮލަމްބިއާ ބަލި ކުރުމަށްފަހުއެވެ. މެޗުގެ ފުރަތަމަ ލަނޑު 7 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކެޕްޓަން ތިއާގޯ ސިލްވާއެވެ. ދެވަނަ ލަނޑު ލިބުނު ހިލޭ ޖެހުމަކުން 69 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑޭވިޑް ލުއިޒްއެވެ. މިއީ 25 ޔާޑް ދުރުންް ފޮނުވާލި ހިތްގައިމު ހިލޭ ޖެހުމަކުން ލުއިޒް ކާމިޔާބު ކުރި ލަނޑެކެވެ. ކޮލަމްބިއާގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޒުވާން ހުނަރުވެރި ފޯވާޑް ޖޭމްސް ރޮޑްރިގޭޒްއެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި ރޮޑްރިގޭޒް ކާމިޔާބު ކުރި 6 ވަނަ ލަނޑެވެ. ލަނޑު ލިސްޓުގެ ކުރީގައިވެސް އޮތީ އޭނާއެވެ.

ސެމީފައިނަލުން ޖަރުމަނު ޖާގަ ހޯދީ ވާދަވެރި ފްރާންސް 0-1 އިން ބަލިކޮށްފައެވެ. ހަމައެކަނި ލަނޑު 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މެޓްސް ހުމެލްސްއެވެ. މިއީ އޭރިޔާގެ ބޭރުން ލިބުނު ހިލޭ ޖެހުމެއް ފްރާންސް ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން ހުމެލްސް ބޮލުން ގޯލަށް ފޮނުވާލައިގައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

ސެމީފައިނަލުގައި ޖަރުމަނާ ދެކޮޅަށް ނުކުންނައިރު ބްރެޒިލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސައަކީ ދެރީނދޫ ކާޑް ހަމަވުމުގެ ސަބަބުން ޑިފެންޑަރު އަދި ކެޕްޓަން ތިއާގޯ ސިލްވާއަށް ނުކުޅެވުމާއި ނުރައްކާތެރި ފޯވާޑް ނޭމާއަށް އަނިޔާވެ މިފަހަރުގެ ވޯލްޑް ކަޕް އެއްވެސް މެޗެއްގައި ދެން ނުކުޅެވޭނެކަން ޔަގީންވެފައި ވުމެވެ.

ބްރެޒިލާއި ޖަރުމަނު ވަނީ 2002 ގެ ވޯލްޑް ކަޕް ފައިނަލުގައި ބައްދަލު ކޮށްފައެވެ. އެފަހަރު ރޮނާލްޑޯގެ ދެލަނޑުން 2-0 އިން މޮޅުވެ ޗެމްޕިއަންކަން ހޯދީ ބްރެޒިލެވެ.

ބްރެޒިލް އާއި ޖަރުމަނު ބައްދަލު ކުރާ ސެމީފައިނަލް މެޗް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 1:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement