ކުއާޓާފައިނަލުގައި އާޖެންޓީނާ އާއި ބެލްޖިއަމް ބައްދަލު ކުރަން ޖެހިއްޖެ

image އެންހެން ޑިމާރިޔާ

ބްރެޒިލްގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާ އާއި ބެލްޖިއަމް ބައްދަލު ކުރަން ޖެހިއްޖެއެވެ.

ކުއާޓާފައިނަލުން އާޖެންޓީނާ ޖާގަ ހޯދީ ސްވިޓްޒަލޭންޑް 1-0 އިން ބަލި ކުރުމަށްފަހުއެވެ. މެޗުގެ ހަމައެކަނި ލަނޑު 118 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވިންގަރ އެންހެން ޑިމާރިޔާއެވެ. މިއީ ސްވިޓްޒަލޭންޑުގެ މެދުރޮނގާ ދާދި ކައިރިން ސްވިޓްޒަލޭންޑުގެ ހާފުގެ ތެރެއިން ކެޕްޓަން ލިއޮނަލް މެސީއަށް ލިބުނު ބޯޅައެއް ސްވިޓްޒަލޭންޑުގެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ޑިމާރިޔާއަށް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރި ލަނޑެކެވެ. އާޖެންޓީނާއިން ލީޑް ނެގިތާ މިނެޓެއްފަހުން ނަތީޖާ ހަމަހަމަ ކުރާނެ ރަނުގެ ފުރުސަތެއް ސްވިޓްޒަލޭންޑަށް ލިބުނެވެ. އެހެންނަމަވެސް މިހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާޖެންޓީނާގެ ކޯޗް އަލްހެންދްރޯ ސަބެއްލާ ބުނީ ކުއާޓާފައިނަލުން އާޖެންޓީނާއަށް ޖާގައަށް ހައްގުކަމަށެވެ. މީގެ އިތުރުން ސަބެއްލާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މެސީއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. "ކުއާޓާފައިނަލުގެ ޖާގަ ހައްގުވާ ވަރަށް އާޖެންޓީނާ ކުޅުންތެރިން މަސައްކަތް ކުރި. މިއީ އަހަރެމެންނަށް ހައްގު މޮޅެއް" ސަބެއްލާ ބުންޏެވެ.

ސްވިޓްޒަލޭންޑުގެ ކޯޗް ޖަރުމަނުގެ އޮޓްމާ ހިޒްފެލްޑް ބުނީ ބަލިވީ އެންމެފަހުވަގުތު ޑިފެންސްލައިނަށް ހެދުނު ގޯހަކުންކަމަށެވެ. "މުޅި މެޗަށް ބަލާއިރު ކުޅުންތެރިން ދެއްކި ކުޅުން ރަގަޅު. މެޗުން ބަލިވީ ފަހުވަގުތު ޑިފެންޑަރުންނަށް ހެދުނު ވަރަށް ބޮޑު ގޯހަކުން" ހިޒްފެލްޑް ބުންޏެވެ.މިއީ 1986 ގެ ވޯލްޑް ކަޕަށްފަހު ޔޫރަޕުގެ ގައުމެއް ބަލިކޮށް ކުއާޓާފައިނަލުން އާޖެންޓީނާ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އާޖެންޓީނާއަށް އެންމެފަހުން ވޯލްޑް ކާމިޔާބު ކުރެވިފައި ވަނީވެސް 1986 ގައިކަން ފާހަގަ ކޮށްލެވެއެވެ.

ކުއާޓާފައިނަލުން ބެލްޖިއަމް ޖާގަ ހޯދީ އެމެރިކާ 2-1 އިން ބަލިކުރުމަށްފަހުއެވެ. ބެލްޖިއަމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ 93 ވަނަ މިނެޓުގައި ކެވިން ޑިބްރޫނެވެ. ދެވަނަ ލަނޑު 105 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ބެލްޖިއަމް ކޮޅަށް މެޗް އަނބުރާލި ރޮމެލޫ ލުކަކޫއެވެ. އެމެރިކާގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ 107 ވަނަ މިނެޓުގައި ޖޫލިއަން ގްރީންއެވެ. މިއީ 1986 ގެ ފަހުން ވޯލްޑް ކަޕުގެ ކުއާޓާފައިނަލުން ބެލްޖިއަމް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ކުއާޓާފައިނަލުގައި އާޖެންޓީނާ އާއި ބެލްޖިއަމް ބައްދަލު ކުރާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 21:00 ގައެވެ. ކުއާޓާފައިނަލުގައި ދެން ބައްދަލު ކުރާނީ ބްރެޒިލް އާއި ކޮލަމްބިއާ، ޖަރުމަނާއި ފްރާންސް އަދި ނެދަލޭންޑްސް އާއި ކޮސްޓަރިކާއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement