ސްވިޓްޒަލޭންޑް ކޯޗް ބުނަނީ މެސީ ހުއްޓުވަން "ހާއްސަ" ރޭވުމެއް ނެތް ކަމަށް
ވޯލްޑް ކަޕް ދެވަނަ ބުރުގައި މިރޭ މަޝްހޫރު އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު އެޓީމުގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔާ ލިއޮނަލް މެސީ ހުއްޓުވަން "ހާއްސަ" ޕްލޭނެއް ނެތްކަމަށް ސްވިޓްޒަލޭންޑުގެ ކޯޗް އޮޓަމާ ހިޒްފެލްޑް ބުނެފިއެވެ.
ގްރޫޕް ސްޓޭޖް ކޮންމެ މެޗެއްގައ އިދިކޮޅު ޓީމު ކޮޅަށް ލަނޑު ޖަހާފައިވާ މެސީ ހުއްޓުވާނެ ހާއްސަ ޕްލޭނެއް ނެތްކަމަށް ބުނަމުން ނޫސްވެރިން ވަނީ ސްވިޓްޒަލޭންޑުން ކުޅޭނީ މެސީ މޭންމާކް ކޮށްގެންތޯ ހިޒްފެލްޑާ ސުވާލު ކޮށްފައެވެ. "މެސީ ހުއްޓުވަން ހާއްސަ ރޭވުމެއް ނެތް. އެކަމަކު މިރޭ އަހަރެމެން މެސީ ހުއްޓުވާ ގޮތް ފެނިގެންދާނެ" ހިޒްފެލްޑް ބުންޏެވެ.
ހިޒްފެލްޑް ބުނީ މެސީއާ ދެކޮޅަށް ކުޅޭއިރު ކޮންމެ ޓީމަކަށްވެސް މައްސަލަތައް ދިމާވާނެކަމަށެވެ. "މެސީއާ ދެކޮޅަށް ކުޅޭއިރު ކޮންމެ ޑިފެންސްލައިނަކަށްވެސް މައްސަލަތައް ދިމާވާނެ. މެސީގެ ސަބަބުން މިރޭ އަހަރެމެންގެ ޑިފެންސް ލައިނަށް ކުރިމަތިވާ މައްސަލަތަށް ޑިފެންޑަރުން ހައްލުކުރާނެކަމުގެ އިތުބާރު އެބައޮތް" ހިޒްފެލްޑް ބުންޏެވެ.
އާޖެންޓީނާގެ ކޯޗް އަލްހެންދްރޯ ސަބެއްލާ ބުނީ "ގޯހެއް" ހަދައިގެން މިރޭ ފަރުޖައްސާ ނުލެވޭނެކަމަށެވެ. "މިރޭ ގޯހެއް ހަދައިގެން ފަރުޖައްސާލެވޭކަށް ނެތް. ސްވިޓްޒަލޭންޑުގައި ވަރަށް މޮޅެތި ކުޅުންތެރިން ތިބިކަން އަހަންނަށް އެނގޭ. އަހަރެމެން ކުޅޭނީ އެކަމަށް ސަމާލުވެގެން" ސަބެއްލާ ބުންޏެވެ.
ސްވިޓްޒަލޭންޑާ ދެކޮޅަށް ނުކުންނައިރު އާޖެންޓީނާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ނުރައްކާތެރި ފޯވާޑް ސާޖިއޯ އަގުއޭރޯއަށް އަނިޔާވެ މިމެޗުގައި ނުކުޅެވޭނެކަން ޔަގީންވެފައި ވުމެވެ. އަގުއޭރޯގެ ބަދަލުގައި މިރޭ ފެނިގެންދާނީ ޕީއެސްޖީގެ ފޯވާޑް އެޒެކުއެލް ލަވޭޒީއެވެ. އަގުއޭރޯއަށް އަނިޔާވެފައި ވަނީ ގްރޫޕް ސްޓޭޖުގައި ނައިޖީރިޔާ އަތުން 3-2 އިން މޮޅުވި މެޗުގެ ފުރަތަމަ ހާފުގައެވެ.
އަގުއޭރޯގެ ބޭނުން ކުރެވެން ނެތުމުން އާޖެންޓީނާގެ ފޯމޭޝަނަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއްކަމަށް ތަޖުރިބާކާރުން ދެކެއެވެ. މިހާރު އާޖެންޓީނާ ކުޅެމުން އަންނަ 3-3-4 ގެ ބަދަލުގައި މިރޭ ސްވިޓްޒަލޭންޑާ ދެކޮޅަށް ކުޅޭނީ 2-4-4 ފޯމޭޝަނަށް ކަމަށް ތަޖުރިބާކާރު ދެކެެއެވެ.
ސްވިޓްޒަލޭންޑުގެ ދެވަނަ ފޯވާޑް މާރިއޯ ގަވަރްނަވޮއިކަށް އަނިޔާވެފައިވާއިރު ސްވިޓްޒަލޭންޑުން ކުޅޭނީ 1-4-4 ފޯމޭޝަނަށްކަމަށް ބެލެވެއެވެ. މީގެ ސަބަބުން އެންމެ ކުރިއަށް ކުޅޭ ޖޯސެފް ޑްރިމިކާއެކު ހަމަލާތަކުގައި އެންމެ އިސްދައުރެއް އަދާކުރަން ޒާދަން ޝަގީރީއަށް ފިރުސަތު ލިބިގެންދާނެއެވެ. ޝަގީރީ ވަނީ ގްރޫޕް ސްޓޭޖުގައި ހޮންޑިއުރަސް އަތުން 3-0 އިން ސްވިޓްޒަލޭންޑް މޮޅުވި މެޗުގައި ހެޓްރިކް ހަދާފައެވެ. މިއީ ވޯލްޑް ކަޕުގެ ތާރިހުގައި ވާތުފައިން ކުޅުންތެރިޔަކު ހެދި ފުރަތަމަ ހެޓްރިކެވެ.
އާޖެންޓީނާ އާއި ސްވިޓްޒަލޭންޑް އެންމެފަހުން ބައްދަލު ކުރި 4 މެޗުންވެސް އާޖެންޓިނާ ބަލިވެފައެއް ނުވެއެވެ. އެންމެފަހުން މިދެގައުމު ބައްދަލު ކޮށްފައި ވަނީ 2012 ވަަނަ އަހަރުއެވެ. މެސީގެ ހެޓްރިކާއެކު އެމެޗް އާޖެންޓީނާ ކާމިޔާބު ކުރީ 3-1 އިންނެވެ. މިރޭ މެސީ ލަނޑެއް ޖަހައިފިނަމަ އޭނާ ވެގެންދާނީ ވޯލްޑް ކަޕުގައި ޖެހިޖެހިގެން 4 މެޗުގައި ލަނޑު ޖެހި އާޖެންޓީނާގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މިމެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ 21:00 ގައެވެ.
ކިޔުންތެރިންގެ ހިޔާލު