ޖަރުމަނާއި ފްރާންސް ކުއާޓާފައިނަލުން ޖާގަ ހޯދައިފި
ވޯލްޑް ކަޕް ދެވަނަ ބުރުގައި ވަރަށް ވާދަވެރި ކުޅުމަކަށްފަހު އަލްޖީރިޔާ 1-2 އިން ބަލިކޮށް ޖަރުމަނު އަދި ނައިޖީރިޔާ 0-2 އިން ބަލިކޮށް ފްރާންސް ކުއާޓާފައިނަލުން ޖާގަ ހޯދައިފިއެވެ.
ޖަރުމަނާ ދެކޮޅަށް އަލްޖީރިޔާއިން މޮޅު ކުޅުމެއް ދެއްކިއިރު އަލްޖީރިޔާގެ ކުޅުންތެރިންނާއި ކޯޗް ހުރީ ރޯދައަށެވެ. ވޯލްޑް ކަޕުގެ ފެވަރީޓުންގެ ގޮތުގައި އޮތް ޖަރުމަނަށް އަލްޖީރިޔާގެ ގޯލު ފޫއަޅުވާލެވުނީ، އިތުރަށް ކުޅުނު ފަނަރަ މިނެޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ޗެލްސީގެ އަންދްރޭ ޝޫލާއެވެ. ޖަރުމަނުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އާސެނަލްގެ މިޑްފީލްޑަރު މެސޫޓް އޮޒިލްއެވެ. އަލްޖީރިޔާއަށް ސުން ކަނޑުވާލަދިނީ އަބްދުލް މުއުމިނީ ޑިޖަބޫއެވެ.
ޖަރުމަނާ ދެކޮޅަށް ދެއްކި ކުޅުމަށް އަލްޖީރިޔާގެ ކޯޗް ވާހިދު ހަލިހޯޒިކް ވަނީ ތައުރީފް ކޮށްފައެވެ. "ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާމެދު ބުނާނެ އެއްޗެއް. އެކުޅުންތެރިން އަހަރެން ހައިރާން ކޮށްލައިފި. މިއަށްވުރެ ރަގަޅު ނަތީޖާއެއްވެސް އަހަރެމެންނަށް ހޯދުނީސް" ވާހިދު ބުންޏެވެ.
ޖަރުމަނުގެ ކޯޗް ޔޯކިމް ލޯ ބުނީ މުބާރާތުގައި އިތުރަށް ކުރިއަށްދާން ބޭނުންނަމަ ނިންމާލުންތައް ރަގަޅު ކުރަންޖެހޭކަމަށެވެ. "ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް އަހަރެމެންނަށް ލިބުނު. އެކަމަކު އެފުރުސަތުތައް ނިންމާލުގައި މައްސަލަތައް ދިމާވި" ކޯޗް ލޯ ބުންޏެވެ.
ނައިޖީރިޔާ އަތުން ފްރާންސް ސަލާމަތްވީ މެޗުގެ 79 ވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރު ޕައުލް ޕޮގްބާ އާއި މެޗުގެ އިތުރު ވަގުތުގައި ނައިޖީރިޔާގެ ކެޕްޓަން ޖޯސެޕް ޔޯބޯ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ނައިޖީރިޔާއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައި ލަނޑެއްވެސް ކާމިޔާބު ކޮށްފައެވެ. އެހެންނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.
ކުއާޓާފައިނަލުގައި ފްރާންސް ބައްދަލު ކުރަންޖެހޭނީ ޖަރުމަނާއެވެ. މިމެޗް ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 21:00 ގައެވެ.
ކިޔުންތެރިންގެ ހިޔާލު