ނައިޖީރިޔާ ކޯޗްކަމުގެ މަގާމުން ކެޝީ އިސްތިއުފާ ދީފި
ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ރޭ ފްރާންސް އަތުން 2-0 އިން ބަލިވުމުން ނައިޖީރިޔާގެ ކޯޗް ސްޓެފަން ކެޝީ އިސްތިއުފާ ދީފިއެވެ.
އެންމެފަހުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ނައިޖީރިޔާއަށް ކާމިޔާބު ކޮށްދިން ކޯޗް ކެޝީ،52، ބުނީ މިއީ ކޯޗްކަމުގެ މަގާމް ދޫކޮށްލުމަށްފަހު އާއިލާއާއެކު ތަފާތު ޗެލެންޖަކާ ކުރިމަތިލާންވި ވަގުތުކަމަށެވެ. "މިއީ ކޯޗްކަން ދޫކޮށްލުމަށްފަހު އެނބުރި އާއިލާ ކައިރިއަށް ގޮސް ތަފާތު ޗެލެންޖަކާ ކުރިމަތިލާންވި ވަގުތު" ކެޝީ ބުންޏެވެ.
ފްރާންސް އަތުން ބަލިވެ މުބާރާތުން ކެޓުމާ ގުޅޭ ގޮތުން ކެޝީ ބުނީ ރެފްރީގެ ނިންމުތަކާމެދު ހިތްހަމަ ނުޖެހޭކަމަށެވެ. "ރެފްރީގެ ފަރާތުން ފެނިގެންދިޔައީ އަހަރެމެންނާ ދެކޮޅަށް ގިނަ ނިންމުންތަކެއް ނިންމިތަން. މިއީ ގަބޫލް ކުރެވޭނެ ކަމެއް ނޫން" ކެޝީ ބުންޏެވެ.
ކެޝީ އެންމެ ބޮޑަށް ފާހަގަ ކޮށްލެވިފައި ވަނީ ގިނަބަޔަކު ހައިރާން ކޮށްލުމަށްފަހު 2006 ގެ ވޯލްޑް ކަޕަށް ޓޯގޯ ކޮލިފައި ކޮށްދިނުމުންނެވެ. މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުށަހެޅުމެއް ކެޝީއަށް ވަނީ ލިބިފައެވެ.
ނައިޖީރިޔާގެ ކޯޗްކަމުގެ މަގާމުން ކެޝީ އިސްތިއުފާ ދީފައިވާއިރު ކެޕްޓަން ޖޯސެފް ޔޯބޯ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރޭ އިއުލާން ކޮށްފައެވެ. ފްރާންސާ ދެކޮޅަށް ޔޯބޯ ރޭ ކުޅުނު މެޗަކީ އޭނާގެ ކެރިޔަރުގައި ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗެވެ. "ބައްޔަކާއެކު ގައުމީ ޓީމުން ކުޅުން ހުއްޓާލުމަކީ އެންމެ ރަގަޅު ނިންމުމަށް ނުވެދާނެ. މިއީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ނިންމި ނިންމުމެއް" ކުރިން އެވަޓަންއަށްވެސް ކުޅެފައިވާ އިތުބާރު ޑިފެންޑަރު ޔޯބޯ ބުންޏެވެ.
ފްރާންސާ ދެކޮޅަށް ޔޯބޯ ރޭ ކުޅުމުން އޭނާ ވެގެން ގޮސްފައި ވަނީ ވޯލްޑް ކަޕުގެ ތާރިހުގައި ނައިޖީރިޔާ ގައުމީ ޓީމަށް އެންމެ ގިނަ މެޗް (ދިހަ މެޗް) ކުޅެދިން ކުޅުންތެރިޔާ ކަމުގައެވެ. ޔޯބޯ އަތުން ވަނީ ރޭ ބައިކޮޅަށް ލަނޑެއްވެސް ވަދެފައެވެ.
ކިޔުންތެރިންގެ ހިޔާލު