ނައިޖީރިޔާ މެޗަށް އެކަނި ވިސްނުމަށް ފްރާންސް ކުޅުންތެރިން ކިބައިން ކޯޗް އެދެފި

image ކޯޗް ޑިޑިއަރ ޑޯޝެމްޕް

ސިނކުޑީގައި ހިޔާލީ މެޗުތައް ރާވައި އެއަށް ނުވިސްނުމަށާއި ވިސްނަންވީ ދެވަނަ ބުރުގައި މިރޭ ނައިޖީރިޔާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް އެކަނި ކަމަށް ފްރާންސް ކުޅުންތެރިން ކައިރީ އެގައުމުގެ ކޯޗް ޑިޑިއަރ ޑޯޝެމްޕް ބުނެފިއެވެ.

1998 ގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބު ކޮށްދިން ކެޕްޓަން ޑޯޝެމްޕް ބުނީ މުބާރާތުގައި މީގެ ކުރިން ކުޅުންތެރިން ދައްކާފައިވާ ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށާއި މިރޭ ކުޅުންތެރިންގެ ފަރާތުން ބޭނުންވަނީ އެކަން ތަކުރާރު ކުރުންކަމަށެވެ.

ނައިޖީރިޔާގެ ކޯޗް ސްޓެފަން ކެޝީ ބުނީ އުއްމީދަކީ ކުއާޓާފައިނަލުން ޖާގަ ހޯދުންކަމަށެވެ. "ފްރާންސްގައި ތިބީ ދުނިޔޭގެ އެންމެ ބޮޑެތި ލީގުތަކުގައި ކުޅޭ އެންމެ މަތީ ފަންތީގެ ކުޅުންތެރިން. އަދި ކޯޗަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ، ހާސިލް ކުރަން ބޭނުންވަނީ ކޯޗެއްކަން އެނގޭ ކޯޗެއް. ފްރާންސްފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން ލިބޭތީ އަހަރެން ފަހްރުވެރިން. އަހަރެމެންގެ އަޒުމަކީ ފުރަތަމަ ފަހަރަށް ކުއާޓާފައިނަލުން ޖާގަ ހޯދުން" ކެޝީ ބުންޏެވެ.

ވޯލްޑް ކަޕުގައި އެފްރިކާ ގައުމުތަކަކީ ފްރާންސަށް ވަރަށް ގިނަފަހަރު ލަނޑު ދީފައިވާ ގައުމުތަކެވެ. 2002 ގެ ވޯލްޑް ކަޕުގައި އެފްރިކާގެ ސެނަގާލް އަތުން ފްރާންސް ބަލިވިއެވެ. އަދި 2006 ގެ ވޯލްޑް ކަޕުގައި ޓޯގޯ އަތުން ބަލިވެފައިވާއިރު 2010 ގެ ވޯލްޑް ކަޕުގައި ދެކުނު އެފްރިކާ އަތުން ފްރާންސް ވަނީ ބަލިވެފައެވެ.

ފްރާންސަށް އޮތް ހިތްހަމަ ޖެހުމަކީ ދެވަނަ ބުރުން މިހާތަނަށް ފުރުސަތު ލިބުނު ކޮންމެފަހަރަކު އެންމެ ދަށްވެގެން ސެމީފައިނަލާ ހަމައަށް ދެވިފައިވުމެވެ.

މިރޭ ނައިޖީރިޔާއަށް ކުއާޓާފައިނަލުން ފުރުސަތު ލިބިއްޖެނަމަ އެގައުމު ވެގެންދާނީ 1990 ގެ ވޯލްޑް ކަޕުގެ ކުއާޓާފައިނަލުން ކެމަރޫން ޖާގަ ހޯދިފަހުން، ވޯލްޑް ކަޕުގެ ކުއާޓާފައިނަލުން ޖާގަ ހޯދި އެފްރިކާގެ ފުރަތަމަ ގައުމަށެވެ.

ފްރާންސާއި ނައިޖީރިޔާ މީގެ ކުރިން ބައްދަލު ކޮށްފައި ވަނީ އެންމެފަހަރަކުއެވެ. 2009 ވަނަ އަހަރުގައި ކުޅުނު އެމެޗް 1-0 އިން ކާމިޔާބު ކުރީ ނައިޖީރިޔާއެވެ.

ފްރާންސާއި ނައިޖީރިޔާ ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން 21:00 ގައެވެ. މީގެ އިތުރުން ދެވަނަ ބުރުގައި މިރޭ ޖަރުމަނާއި އަލްޖީރިޔާވެސް ބައްދަލު ކުރާނެއެވެ. މިމެޗް ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 1:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement