ކުއާޓާފައިނަލުގައި ނެދަލޭންޑްސް އާއި ކޮސްޓަރިކާ ބައްދަލު ކުރަން ޖެހިއްޖެ

image

ބްރެޒިލްގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ކުއާޓާފައިނަލް ދެވަނަ މެޗުގައި ނެދަލޭންޑްސް އާއި ކޮސްޓަރިކާ ބައްދަލު ކުރަން ޖެހިއްޖެއެވެ.

ނެދަލޭންޑްސް ކުއާޓާފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި މެކްސިކޯ 2-1 އިން ބަލިކޮށްފައެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މެކްސިކޯއިންނެވެ.މިލަނޑު 48 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑޮސް ސަންތޯސްއެވެ. މެކްސިކޯ މެޗުން މޮޅުވާން ދަނިކޮށް ނެދަލޭންޑްސްއަށް ކުއާޓާފައިނަލުގެ އުއްމީދު އާކޮށްދިނީ 87 ވަނަ މިނެޓުގައި ތަޖުރިބާކާރު މިޑްފީލްޑަރު ވެސްލީ ސްނެއިޑާއެވެ. މުޅި މެޗުގައިވެސް ނެދަލޭންޑްސްއަށްވުރެ މޮޅަށް ކުޅުނު މެކްސިކޯ ރޮއްވާލުމަށްފަހު ނެދަލޭންޑްސް ކުއާޓާފައިނަލުން ޖާގަ ހޯދީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ ކްލާސްޔާން ހަންޓްލާ ކާމިޔާބު ކޮށްގެންނެވެ.

ކުއާޓާފައިނަލުން ކޮސްޓަރިކާ ޖާގަ ހޯދީ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން ގްރީސް ބަލި ކުރުމަށްފަހުއެވެ. މިއީ ވޯލްޑް ކަޕުގެ ތާރިހުގައި ކުއާޓާފައިނަލުން ކޮސްޓަރިކާ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ޕެނަލްޓީ ޖަހަން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތާއި ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފުގައިވެސް 1-1 އިން އެއްވަރުވުމުންނެވެ.

ކުއާޓާފައިނަލުގައި ނެދަލޭންޑްސްއާ ދެކޮޅަށް ކުޅެންޖެހޭ މެޗާ ގުޅޭ ގޮތުން ކޮސްޓަރިކާގެ ކޯޗް ޖޯޖް ލުއިސް ޕިންޓޯ ބުނީ ނެދަލޭންޑްސްއަކީ ކިހާ ފެންވަރެއްގެ ޓީމެއްކަން އޭނާ ހަނދާން އެބަހުރިކަމަށެވެ. "ނެދަލޭންޑްސްއާ ދެކޮޅަށް ކުޅެން ވަރަށް ރަގަޅަށް އަހަރެމެން ތައްޔާރުވާނަން. އެއީ އަހަރެމެންނަށްވުރެ މާމޮޅު ޓީމެއް. އެޓީމް ބަލި ކުރެވޭނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން" ކޮސްޓަރިކާގެ ކޯޗް ކޮލަމްބިއާގެ ޖޯޖް ބުންޏެވެ.

ކޮސްޓަރިކާ އާއި ނެދަލޭންޑްސް ވާދަވެރި މެޗެއްގައި ބައްދަލު ކޮށްފައިނުވާއިރު ކުއާޓާފައިނަލުން ކޮސްޓަރިކާ ޖާގަ ހޯދުމުން އެގައުމުގެ ރައްޔިތުން ދަނީ މަގުތަކަށް ނިކުމެ އުފާފާޅު ކުރަމުންނެވެ. ނެދަލޭންޑްސް ވަނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި އޮތް ވޯލްޑް ކަޕުގެ ފައިނަލުގައި ސްޕެއިން އަތުން 1-0 އިން ބަލިވެފައެވެ.

ކޮސްޓަރިކާ އާއި ނެދަލޭންޑްސް ބައްދަލު ކުރާ ކުއާޓާފައިނަލް މެޗް ކުޅޭނީ ޖުލައި 4 ވަނަ ދުވަހު ރާއްޖޭ ގަޑިން ދަންވަރު 1:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement