ޗިލީ ބަލިކޮށް ކުއާޓާފައިނަލުން ބްރެޒިލް ޖާގަ ހޯދައިފި

image ބްރެޒުލްގެ ނޭމާ ހިފަހައްޓަން ޗިލީ ކުޅުންތެރިއަކު މަސައްކަތް ކުރަނީ

ޕެނަލްޓީ ޖަހައިގެން3-2 އިން ޗިލީ ބަލިކޮށް ފީފާ ވޯލްޑް ކަޕް ކުއާޓާފައިނަލުން މަޝްހޫރު ބްރެޒިލް ރޭ ޖާގަ ހޯދައިފިއެވެ.

ޕެނަލްޓީ ޖަހަން ޖެހުނީ މެޗުގެ 90 މިނެޓް ހަމަވިއިރު ދެގައުމު 1-1 އިން އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގައިވެސް ނަތީޖާ ނުނެރެވުމުންނެވެ.

ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް އަވަސް އެޓޭކިންގ ފުޓްބޯޅައެއް ފެނިގެންދިޔަ މިމެޗުގައި ބްރެޒިލަށް ލީޑް ނަގައިދިނީ މެޗުގެ 18 ވަނަ މިނެޓުގައި ޑިފެންޑަރު ޑޭވިޑް ލުއިޒްއެވެ. އެހެންނަމަވެސް ރީޕްލޭއިން ފެންނަ ގޮތުގައި މިބޯޅަ ގޯލަށް ވަދެފައި ވަނީ ގޮންޒާލޯ ޖަރާ އަތުންނެވެ. ޗިލީއަށް ނަތީޖާ އެއްވަރު ކޮށްދިނީ 32 ވަނަ މިނެޓުގައި ތަޖުރިބާކާރު ވިންގަރ އަދި މުޅި މެޗުގައިވެސް މޮޅަށް ކުޅުނު އެލެކްސް ސަންޗޭޒްއެވެ.

ދެވަނަ ހާފުގައި ބްރެޒިލަށްވުރެ ރަގަޅަށް ޗިލީން ކުޅެފައިވާއިރު ނުރައްކާތެރި ދެހަމަލާއެއްވެސް ޗިލީން ވަނީ އުފައްދާފައެވެ. މީގެ ތެރެއިން ފުރަތަމަ ހަމަލާ ބްރެޒިލް ކީޕަރު ހޫލިއޯ ސެސަރ ވަނީ ދިފާއުކޮށްފައެވެ. އަނެއް ހަމަލާ ދިޔައީ ގޯލާ އަމާޒުވެ ބޭރުންނެވެ.

މީގެ އިތުރުން ބްރެޒިލުންވެސް ވަނީ ދެވަނަ ހާފުގައި ދެހަމަލާއެއް އުފައްދާފައެވެ. މީގެ ތެރެއިން ފުރަތަމަ ހަމަލާ ހަލްކް ގޯލުގެ ތެރެއަށް ފޮނުވާލިއެވެ. އެހެންނަމަވެސް ރެފްރީ ނިންމީ ބޯޅަ ކޮންޓްރޯލް ކުރުމަށް ހަލްކް އަތުން ބޯޅައިގައި ޖެއްސިކަމަށެވެ. ދެވަނަ ހަމަލާވެސް ފޮނުވާލީ ހަލްކެވެ. މިހަމަލާގެ ހުރަކަށްވީ ޗިލީގެ ކީޕަރު ބްރޭވޯއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިރު ދެޓީމުގެ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގެ ފަހު މިނެޓުގައި ޗިލީގެ މައުރީސިއޯ ޕިނިލާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ބްރެޒިލް ގޯލުގެ މަތީ ދަނޑިއަށެވެ. މިއާއެކު ޗިލީގެ ކުޅުންތެރިން ވަރަށް ބޮޑަށް މާޔޫސް ވެގެންދިޔަތަން ފެނުނެވެ.

ޕެނަލްޓީގައި ބްރެޒިލްގެ ކީޕަރު ސެސަރ ވަނީ ޗިލީގެ އެލެކްސް ސަންޗޭޒް އާއި ޕިނިލާ ޖެހި ޕެނަލްޓީ ދިފާއު ކޮށްފައެވެ. މީގެ އިތުރުން ޖަރާ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ބްރެޒިލުން ޖެހި ޕެނަލްޓީ ތަކުގެ ތެރެއިން ހަލްކް ޖެހި ޕެނަލްޓީ ޗިލީގެ ބްރޭވޯ ވަނީ ދިފާއު ކޮށްފައެވެ. ވިލިޔަން ފޮނުވާލީ ޕެނަލްޓީ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ޗިލީގައި 1962 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ފައިނަލަށް ޗިލީއަށް ނެދެވުނީވެސް ސެމީފައިނަލުގައި ބްރެޒިލް އަތުން ބަލިވުމުންނެވެ. އަދި ފްރާންސުގައި 1998 ގައި އޮތް ވޯލްޑް ކަޕާއި 2010 ގައި ދެކުނުއެފްރިކާގައި އޮތް ވޯލްޑް ކަޕުގެ ދެވަނަ ބުރުންވެސް ޗިލީ ކެޓީ ބްރެޒިލް އަތުން ބަލިވުމުންކަން ފާހަގަ ކޮށްލެވެއެވެ.

ކުއާޓާފައިނަލުގައި ބްރެޒިލް ވާދަ ކުރަންޖެހޭނީ އުރުގުއޭ ރޭ 2-0 އިން ބަލިކޮށް ކުއާޓާފައިނަލުން ޖާގަ ހޯދީ ކޮލަމްބިޔާއާއެވެ. މިއީ ވޯލްޑް ކަޕުގެ ތާރިހުގައި ކުއާޓާފައިނަލުން ކޮލަމްބިޔާއަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement