ޖޭމްސް ރޮޑްރިގޭޒް – ކޮންމެ 62 މިނެޓަކުން ލަނޑެއް ޖަހަނީ

image ޖޭމްސް ރޮޑްރިގޭޒް

ބްރެޒިލްގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގައި ކޮންމެ 62 މިނެޓަކުން ލަނޑެއް ޖަހާ ކުޅުންތެރިއެއް ހުރިކަން އެނގޭހެއްޔެވެ؟ އެއީ މީޑިޔާތަކުގެ ފަލަ ސުރުހީތަކުގައި އުޅޭ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އާއި ނޭމާ އާއި ލުއިސް ސްއަރޭޒް އަދި ވޭން ރޫނީ އާއި ބަލޮޓެއްލީއެއްވެސް ނޫނެވެ.

އެއީ ކޮލަމްބިއާ ގައުމީ ޓީމުގެ އުއްމީދީ ފޯވާޑް ޖޭމްސް ރޮޑްރިގޭޒް،22، އެވެ. ފްރާންސްގެ މޮނާކޯއަށް ކުޅެމުން އަންނަ ރޮޑްރިގޭޒްއަކީ މިފަހަރުގެ ވޯލްޑް ކަޕަށް އައުމުގެ ކުރިން ގިނަބައެއްގެ ލޮލުގައި އަޅައިގެނެފައިވާ ކުޅުންތެރިއެއް ނޫނެވެ. އެކަމަކުގެ ވޯލްޑް ކަޕް ދެވަނަ ބުރުގައި ރޭ އުރުގުއޭ 2-0 އިން ބަލިކުރުމަށްފަހު ކޮލަމްބިޔާއަށް ފުރަތަމަ ފަހަރަށް ކުއާޓާފައިނަލުން ޖާގަ ހޯދައިދީ މީޑިޔާތަކުގެ ކެމެރާތަކާއި ސަޕޯޓަރުންގެ ލޯތައް އޭނާއާ ދިމާއަށް ވަނީ އަނބުރާލާފައެވެ.

އުރުގުއޭ ކޮޅަށް ރޮޑްރިގޭޒް ކާމިޔާބު ކުރި ދެލަނޑުގެ ސަބަބުން އިދިކޮޅު ޓީމުތަކުގެ ކޯޗުންގެ ތައުރީފް އޭނާއަށް އޮހެން ފެށިއެވެ. " މިފަހަރުގެ ވޯލްޑް ކަޕުގައި އަހަންނަށް ފެނުނު އެންމެ މޮޅު ކުޅުންތެރިޔަކީ ރޮޑްރިގޭޒް" އުރުގުއޭ ކޯޗް އޮސްކާ ތަބަރޭޒް ބުންޏެވެ.

ތަބަރޭޒް ބުނެފައި ވަނީ ޑިއޭގޯ މަރަޑޯނާ އާއި ލިއޮނަލް މެސީ އާއި ލުއިސް ސްއަރޭޒް އަދި ރޮޑްރިގޭޒް ދަނޑުމަތީގައި އާދަޔާހިލާފް ކަންތައްތަކެއް ދައްކަނި އެކުޅުންތެރިން ލިބިފައިވާ އާދަޔާހިލާފް ހުނަރުތަކެއްގެ ސަބަބުންކަމަށެވެ.

ކޮލަމްބިއާގެ ކޯޗް ހޯސޭ ޕޮކަމަންވެސް ވަނީ ރޮޑްރިގޭޒަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. "އަހަންނަށް ޔަގީން މިއީ ރޮޑްރިގޭޒްގެ ވޯލްޑް ކަޕެއްކަން. މިއީ އޭނާގެ ފަހަރު" ޕޮކަމަން ބުންޏެވެ.

މިފަހަރުގެ ވޯލްޑް ކަޕުގައި މިހާތަނަށް ކުޅުނު 5 މެޗުގައި 5 ލަނޑު ރޮޑްރިގޭޒް ވަނީ ކާމިޔާބު ކޮށްފައެވެ. މި ފަސް މެޗުގައި ރޮޑްރިގޭޒް ދަނޑު މަތީގައި ހޭދަކޮށްފައި ވަނީ 310 މިނެޓެވެ. މިއާއެކު ރޮޑްރިގޭޒް ވެފައި ވަނީ މިފަހަރު ރަންބޫޓަށް އެންމެ ބޮޑަށް ވާދަ ކުރާ ކުޅުންތެރިޔާއަށެވެ. ލަނޑު ލިސްޓުގެ ކުރީގައި އޭނާ އޮތްއިރު މެސީ އާއި ނޭމާ އަދި ޖަރުމަނުގެ ތޯމަސް މުލާ މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ 4 ލަނޑު ކާމިޔާބު ކޮށްފައެވެ.

ވޯލްޑް ކަޕް ފެށުމުގެ ހައެއްކަ މަސް ކުރިން މުޅި ކޮލަމްބިއާ މާޔޫސް ވެގެންދިޔައީ ވޯލްޑް ކަޕަށް އެގައުމު ކޮލިފައި ކޮށްދިނުމަށް އެންމެ މުހިއްމު ދައުރެއް އަދާކުރި ނުރައްކާތެރި ފޯވާޑް ރޮމަޑަލް ފަލްކާއޯގެ ކަކުލަށް އަނިޔާވެ ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލުމުންނެވެ.

އެކަމަކު ކޮންމެ 62 މިނެޓަކުން ލަނޑެއްޖަހަމުން ފުރަތަމަ ފަހަރަށް ކޮލަމްބިޔާ ކުއާޓާފައިނަލަށް ގެންގޮސްދިނުމަށްފަހު ރޮޑްރިގޭޒް މިވަނީ ވޯލްޑް ކަޕް ފެށުމުގެ ކުރިން މާޔޫސްވެފައި ތިބި ކޮލަމްބިޔާ ސަޕޯޓަރުންނަށް ހިނިތުންވެސް ގެނެސްދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް