ބްރެޒިލް މޮޅުވީ ނަސީބު ރަނގަޅުވުމުން – ސްކޮލާރީ
ވޯލްޑް ކަޕް ދެވަނަ ބުރުގައި ރޭ ޗިލީ އަތުން މޮޅުވެ ކުއާޓާފައިނަލުން ޖާގަ ލިބުނީ ނަސީބު ރަނގަޅުވުމުން ކަމަށް ބްރެޒިލްގެ ކޯޗް ލުއިސް ފިލެޕް ސްކޮލާރީ ބުނެފިއެވެ.
ސްކޮލާރީ ބުނީ ނަތީޖާ ނެރުމަށް ކުޅުނު ފަނަރަ މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފުގެ ފަހު މިނެޓުގައި ޗިލީގެ ފޯވާޑް މައުރީސިއޯ ޕިނިލާ ފޮނުވާލީ ބާރު ހަމަލާ ގޯލަށް ވަތްނަމަ ބްރެޒިލް މުބާރާތުން ކަޓާނެކަމަށެވެ. މިހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
"މިކަހަލަ ވަރުގަދަ މެޗެއްގައި ލަނޑުޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފޭނަމަ، އެކަމުގެ އަގު އެންމެފަހު ވަގުތު އަދާކުރަން ޖެހޭނެ. އެފަދަ ހާލަތަކަށް ނުގޮސް އަހަރެމެން ސަލާމަތް މިވީ ނަސީބު ރަނގަޅު ކަމުން" ސްކޮލާރީ ބުންޏެވެ.
މީގެ އިތުރުން ސްކޮލާރީ ވަނީ ބްރެޒިލާ ދެކޮޅަށް ޗިލީން ދެއްކި ކުޅުމަށް ތައުރީފް ކޮށްފައެވެ. "ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް ޗިލީގައި މިހާރު އެތިބީ. ވަރަށް އިތުބާރާއި ޔަގީންކަމާއެކު ޗިލީން ކުޅުނީ. ޗިލީން ހޯދާފައިވާ ކުރިއެރުންތަކަށް ކުޅުންތެރިންނާއި ކޯޗް ސަމްޕައޮލީ (ޖޯޖް ސަމްޕައޮލީ) އަށް ތައުރީފް ހައްގު" 2002 ގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބު ކޮށްދިން ކޯޗް ސްކޮލާރީ ބުންޏެވެ.
ޗިލީގެ ކޯޗް ސަމްޕައޮލީ ބުނީ އިތުރު ވަގުތުގެ ދެވަނަ ހާފުގައި ލިބުނު ފުރުސަތު ގޯލަށް ނުވަނީ ޗިލީގެ ނަސީބު ދެރަކަމުން ކަމަށް ގަބޫލް ކުރާކަމަށެވެ. "އަހަރެމެން މިމެޗުން ބަލިވީ ނަސީބު ދެރަކަމުންނޭ ބުނުމުގެ ފުރުސަތު އެބައޮތް. އިތުރު ވަގުތުގެ ދެވަނަ ހާފްގައި ލިބުނު ފުރުސަތު ގޯލުގެ ދަނޑިއާ އަމާޒުނުވެ ގޯލުގެ ދާގަނޑާ އަމާޒުވިނަމަ ޗިލީގެ ކުޅުންތެރިން ދަނޑުން ފައިބާނީ ތާރިހީ މޮޅަކާއެކު" ސަމްޕައޮލީ ބުންޏެވެ.
މީގެ އިތުރުން ސަމްޕައޮލީ ވަނީ މެޗުގެ ރެފްރީ އިނގިރޭސި ވިލާތުގެ ވެބް ހަވާޑާއި ލައިންސްމަނުންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
ކިޔުންތެރިންގެ ހިޔާލު