ނެދަލޭންޑްސް ބަލިކުރުމަށް ކުޅުންތެރިން ތިބީ އެއްރޫހެއްގައި: މެކްސިކޯ ކޯޗު

image މެކްސިކޯ ފުޓުބޯޅަ ޓީމް

މިރޭ ގަދަފަދަ ނެދަލޭންޑްސްއާ ދެކޮޅަށް ނިކުންނައިރު މެކްސިކޯގެ ކުޅުންތެރިިން ތިބީ ނެދަލޭންޑް ބަލިކުރުމަށް އެއްރޫހެއްގައި ކަމަށްމެކްސިކޯގެ ކޯޗު ބުނެފިއެވެ.

ނެދަލޭންޑްސް – މެކްސިކޯ (ޕްރިވިއު)

ފީފާ ރޭންކިން: ނެދަލޭންޑްސް (15) ، މެކްސިކޯ (20)

ފުޓްބޯޅައިގައި މެކްސިކޯއަކީ ނެދަލޭންޑްސްއާ އަޅާކިޔޭ ވަރުގެ ގައުމެއް ނޫނެވެ. އެހެންނަމަވެސް މިފަހަރުގެ ވޯލްޑް ކަޕަކީ ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނިކުންނަމުންދާ މުބާރާތަކަށް ވުމުން ދެވަނަ ބުރުގައި މިރޭ ނެދަލޭންޑްސް އާއި މެކްސިކޯ ބައްދަލު ކުރާ މެޗަކީ ތަޖުރިބާކާރުންގެ ނަޒަރުގައި އަނެއްކާވެސް ހައިރާން ކުރުވަނިވި ނަތީޖާއެއް ފެނިގެން ހިނގައިދާނެ މެޗެކެވެ.

ކޯޗުންގެ ތަޖުރިބާ އަދި ބަސް:

މިފަހަރުގެ ވޯލްޑް ކަޕުގައި މީޑިޔާގެ އެންމެ ބޮޑު ސަމާލުކަމެއް ލިބިފައިވާ ކޯޗަކީ މެކްސިކޯގެ ކޯޗް މިގުއެލް ހެރޭރާއެވެ. އެހެން ހުރިހާ ކޯޗުންނަށްވުރެ ޓްވިޓާގައި އޭނާ ފްލޯ ކުރާ ސަޕޯޓަރުންގެ އަދަދު ހާހުން ގުނާލެވޭ ވަރަށް އިތުރެވެ. ހެރޭރާ ބުނަނީ މިއީ އޭނާގެ އަލަތު ވޯލްޑް ކަޕް ކަމަށާއި ނެދަލޭންޑްސްގެ ތަޖުރިބާކާރު ކޯޗް ލުއިސް ވެލްހާލް އާއި އޭނާއާ އަޅާ ނުކިޔޭނެ ކަމަށެވެ.

"އަހަރެންގެ އަމިއްލަ ނަފުސާއި ލުއިސް ވެންހާލްއާ އަހަންނަށް އަޅައެއް ނުކިޔޭނެ. އޭނާ ވަނީ ބޮޑެތި އެތައް ކާމިޔާބީތަކެއް ހޯދާފައި. އޭނާއާ ދެކޮޅަށް ކުޅެލަން ލިބުމަކީވެސް ޝަރަފެއް" ހަރާރޭ ބުންޏެވެ.

ހަރާރޭ ބުނީ އެމީހުންގެ ހިތްވަރަކީ ސަޕޯޓަރުންނާއި ކުޅުންތެރިންގެ ރޫހުކަމަށެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕުގައި ތާރިހީ ކާމިޔާބެއް މެކްސިކޯއަށް ހޯދިދާނެ ކަމަށް ގަބޫލް ކުރާކަމަށެވެ.

ނެދަލޭންޑްސް ކޯޗް ވެންހާލް ބުނީ މެކްސިކޯގެ ފަރާތުން ގްރޫޕް ސްޓޭޖުގައި ފެނިގެންދިޔައީ ވަރުގަދަ ކުޅުމެއް ކަމަށާއި ހާއްސަކޮށް އެޓީމުގެ ޑިފެންސް ލައިން ވަރުގަދަ ކަމަށެވެ. ގްރޫޕް ސްޓޭޖުގައި މެކްސިކޯގެ ގޯލު ފޫއަޅުވާލެވުނީ ކްރޮއޭޝިޔާ އަށް އެކަންޏެވެ.

އަނިޔާ އާއި ސަސްޕެންޝަން:

ނެދަލޭންޑްސްގެ ވާތު ބެކް ބްރޫނޯ މާޓިންއަށް އަނިޔާވެފައިވާތީ އޭނާ ނެތްތަން މިރޭ ފޫބައްދާނީ ތަޖުރިބާކާރު ވިންގަރ ޑާކް ކުއިޓެވެ. ދެކާޑު ހަމަވުމުގެ ސަބަބުން ގްރޫޕް ސްޓޭޖް ފަހު މެޗުގައި ޗިލީއާ ދެކޮޅަށް ނުކުޅެ ހުރި ނުރައްކާތެރި ފޯވާޑް އަދި ކެޕްޓަން ރޮބިން ވެން ޕާސީ މިރޭ މެކްސިކޯއާ ދެކޮޅަށް ކުޅޭނެއެވެ.

މެކްސިކޯ ޓީމުގައި އަނިޔާގެ މައްސަލައެއް ނެތަސް ދެކާޑް ހަމަވުމުގެ ސަބަބުން ޖޯސް ވަސްކުއޭޒަށް މިރޭ ނުކުޅެވޭނެއެވެ. އޭނާ ނެތްތަން ފޫބައްދާނީ ކާލޯސް ސަލްސިޑޯކަމަށް ބެލެވެއެވެ.

ކުރީގެ ކުރިމަތިލުންތައް:

މެކްސިކޯ އާއި ނެދަލޭންޑްސް އެންމެފަހުން ބައްދަލު ކުރި 4 މެޗުގެ ތެރެއިން 3 މެޗް ކާމިޔާބު ކުރީ ނެދަލޭންޑްސްއެވެ. އަނެއް މެޗް ނިމުނީ އެއްވަރު ވެގެންނެވެ. މިދެގައުމު ވަނީ 1998 ގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ބައްދަލު ކޮށްފައެވެ. އެމެޗް ނެދަލޭންޑްސްއިން 2-0 އިން ކުރި ހޯދާފައި ވަނިކޮށް މެކްސިކޯ ވަނީ ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދާފައެވެ.

މިމެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ 21:00 ގައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :