ޗިލީއާ ދެކޮޅަށް ނުކުންނައިރު ބްރެޒިލް އޮތީ "ފިނިވެފައި" -ސްކޮލާރީ

image ބްރެޒިލްގެ ކޯޗު ސްކޮލާރީ (ވ) އެޓީމުގެ ތަރި ނޭމާއާ އެކު

ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ޗިލީއާ ދެކޮޅަށް ނުކުންނައިރު ބްރެޒިލް އޮތީ ބިރުން "ފިނިވެފައި" ކަމަށް ބްރެޒިލްގެ ކޯޗް ލުއިސް ފިލެޕް ސްކޮލާރީ ބުނެފިއެވެ.

ސްކޮލާރީ ބުނީ ކޮންމެ ބިރުން ފިނިވެފައި ތިބުމަކީ މައްސަލައެއް ނޫންކަމަށާއި އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅޭއިރު ޕްރަޝަރު އޮންނާނެ ކަމަށެވެ.

"ފުޓްބޯޅައިގައި ނޮކައުޓް ސްޓޭޖަށް ކުރިމަތިލާއިރު ހިތްބިރުގަނެ، ފިނިވެ، ހާސްވެ އަދި ކަންބޮޑުވުމަކީ އާންމުކަމެއް. އެއީ ނޮކައުޓް ސްޓޭޖުގައި ގޯހެއް ހެދިއްޖެނަމަ އެކަން ރަނގަޅު ކުރަން ފުރުސަތު ނުލިބޭނެތީ" 2002 ގެ ވޯލްޑް ކަޕް ބްރެޒިލަށް ކާމިޔާބު ކޮށްދިން ކާމިޔާބު ކޯޗް ސްކޮލާރީ ބުންޏެވެ.

"މިއީ ކޮންމެ މުބާރާތެއްގައި ވާދަކުރިޔަސް ވާނެގޮތް. މިއީ އަމިއްލަ ގައުމުގައި ނުވަތަ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެންޖެހޭތީ ވާގޮތެއް ނޫން" ސްކޮލާރީ ބުންޏެވެ.

ބްރެޒިލާއި ޗިލީ ވަނީ 2010 ގެވޯލްޑް ކަޕުގެ ދެވަނަ ބުރުގައިވެސް ވާދަކޮށްފައެވެ. އެމެޗް 3-0 އިން ކާމިޔާބު ކުރީބްރެޒިލެވެ. ސްކޮލާރީ ބުނީ މީގެ ހަތަރު އަހަރު ކުރީގެ ނަތީޖާއެއްގެ އަސަރު މިރޭގެ މެޗަށް ކުރާނެކަމަށް ގަބޫލް ނުކުރާކަމަށެވެ. "އެއީ މާޒީ. އޭގެ އަސަރެއް މިމެޗަށް ނުކުރާނެ. ޗިލީ ވަނީ ފާއިތުވެދިޔަ ހަތަރު އަހަރު ގިނަ ކުރިއެރުންތަކެއް ހޯދައިފައިކަން އަހަރެން ގަބޫލް ކުރަން" ސްކޮލާރީ ބުންޏެވެ.

ޗިލީގެ ކޯޗް ޖޯޖް ސަމްޕައޮލީ ބުނީ އޭނާގެ ކުޅުންތެރިންނާ މެދު އޮތް އިތުބާރު ބޮޑު ކަމަށެވެ. "ކުޅުންތެރިނާމެދު އޮތް އިތުބާރު ވަރަށް ބޮޑު. ގްރޫޕް ސްޓޭޖުގައި ރަނގަޅު ނަތީޖާތަކެއް ހޯދިފައި އޮތުމަކީ ބްރެޒިލާ ދެކޮޅަށް މިރޭ ނުކުންނައިރު ލިބޭ އިތުރު ހިތްވަރެއް" ސަމްޕައޮލީ ބުންޏެވެ.

ސަމްޕައޮލީ ޗިލީގެ ކުޅުންތެރިންނަށް އިތުބާރު ކުރާއިރު އެގައުމުގެ މަޝްހޫރު ކުޅުންތެރިންވެސް ވަނީ ގައުމީ ޓީމަށް ހިތްވަރުދީ ގައުމީ ޓީމާއެކު ތިބިކަން ހާމަކޮށްފައެވެ. "ޗިލީގައި މިހާރު އޮތްޖީލަށް ބްރެޒިލް ބަލި ކުރެވިދާނެ. އަދި މިފަހަރުގެ ވޯލްޑް ކަޕުގައި ބޮޑު ކާމިޔާބެއް ހޯދިދާނެ ކަމަށް ގަބޫލް ކުރަން" ޗިލީގެ ކުރީގެ މަޝްހޫރު ފޯވާޑް ޒަމަރޯނާ ބުންޏެވެ.

ބްރެޒިލަށް އޮތް އެންމެ ބޮޑުހިތްހަމަޖެހުން:

އަވަސް އެޓޭކިންގ ގޭމެއް ކުޅޭ ޗިލީއާ ދެކޮޅަށް ނުކުންނައިރު ބްރެޒިލަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފާއިތުވެދިޔަ 95 އަހަރު ތެރޭގައި އަމިއްލަ ދަނޑުގައި ޗިލީއާ ދެކޮޅަށް ކުޅުނު 26 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައި ނެތުމެވެ.

ކުރީގެ ކުރިމަތިލުންތައް:

ބްރެޒިލާއި ޗިލީ ވަނީ މިހާތަނަށް 68 ފަހަރު ބައްދަލު ކޮށްފައެވެ. މީގެ ތެރެއިން 48 ފަހަރު މޮޅުވީ ބްރެޒިލެވެ. ޗިލީ މޮޅުވީ 7 ފަހަރުއެވެ. މި 68 މެޗުގައި ބްރެޒިލުން ޗިލީ ކޮޅަށް 159 ލަނޑު ކާމިޔާބު ކޮށްފައިވާއިރު ބްރެޒިލް ކޮޅަށް ޗިލީއަށް ޖެހިފައި ވަނީ 58 ލަނޑެވެ.

އަނިޔާ އާއި ސަސްޕެންޝަން:

ބްރެޒިލްގެ އިތުބާރު ޑިފެންޑަރު ޑޭވިޑް ލުއިޒްއަށް އަނިޔާވެފައިވާތީ މިރޭ ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. އޭނާއަށް ނުކުޅެވިއްޖެނަމަ އެތަން ފޫބައްދާނީ ފާއިތުވެދިޔަ 3 ސީޒަނުގައި ޖަރުމަނުގެ ބެޔާން މިޔުނިކުގައި މޮޅު ކުޅުމެއް ދެއްކި ޑާންޓޭއެވެ. މީގެއިތުރުން ޕައުލީނިއޯގެ ބަދަލުގައި ފެނާންޑިންހޯ ފުރަތަމަ އެގާރައިގައި ހިމަނާނެ ކަމަށް ސްކޮލާރީ ވަނީ ބުނެފައެވެ.

ޗިލީގެ އިތުބާރު ޑިފެންޑަރު ގަރީ މެޑެލްއަށް އަނިޔާގެ ސަބަބުން މިރޭ ކުޅެވޭނެ ކަމަށް ނުބެލެވެއެވެ. އެހެންނަމަވެސް ގްރޫޕް ސްޓޭޖް ފަހުމެޗުގައި ނެދަލޭންޑްސްއާ ދެކޮޅަށް ޗިލީ ކުޅުނު މެޗުގައި އަރާމްކުރަން ފުރުސަތު ދީފައި ހުރި ހުނަރުވެރި މިޑްފީލްޑަރު އައުޓްރޯ ވިދާލް މިރޭ ކުޅޭނެއެވެ.

ރެފްރީ:

މިމެޗުގެ ރެފްރީކަން ކުރާނީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއްރެފްރީ ކަމަށް ތަޖުރިބާކާރުން ދެކޭ، އިންގްލެންޑުގެ ވެބް ހަވާޑެވެ. ހަވާޑް ވަނީ 2010 ގެ ވޯލްޑް ދެވަނަ ބުރުގައި ބްރެޒިލް އަތުން 3-0 އިން ޗިލީ ބަލިވި މެޗުގައިވެސް ރެފްރީކަން ކޮށްފައެވެ. މީގެއިތުރުން އެމުބާރާތުގެ ފައިނަލް މެޗުގެ ރެފްރީކަންވެސް ކުރީ ހަވާޑެވެ.

މެޗް ކުޅޭ ދަނޑު: ބެލޯހޮރިޒޯންޓެ ސިޓީގެ އެސްޓާޑިއޯ މެނެއިރާއޯ

 ސަޕޯޓަރުން އަދަދު: 58170

ވަގުތު: ރައްޖޭ ގަޑިން މިރޭ 21:00 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement