ރޮނާލްޑޯގެ ނަޒަރުގައި މިފަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރާނީ ބްރެޒިލް ނުވަތަ އާޖެންޓީނާ

image ބްރެޒިލްގެ ކުރީގެ ތަރި ރޯނާލްޑޯ

މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރާނީ ބްރެޒިލް ނުވަތަ އެންމެ ބޮޑު ވާދަވެރިޔާ އާޖެންޓީނާ ކަމަށް ބްރެޒިލްގެ ކުރީގެ މަޝްހޫރު ފޯވާޑް ރޮނާލްޑޯ ބުނެފިއެވެ.

ބްރެޒިލާއި އާޖެންޓީނާވެސް ދެވަނަ ބުރުން ޖާގަ ހޯދާފައިވާއިރު މިފަހަރުގެ ވޯލްޑް ކަޕުގައި މިދެގައުމުގެ ކުރިމަތިލުމެއް ފެނުމުގެ ފުރުސަތު އޮތީ ހަމައެކަނި ފައިނަލް މެޗުންނެވެ. "އަހަންނަށް ޔަގީން މިއީ ބްރެޒިލް – އާޖެންޓީނާ ފައިނަލެއްކަން" ރޮނާލްޑޯ ބުންޏެވެ.

"ފައިނަލުގައި ކާމިޔާބު ލިބިއްޖެނަމަ އެއީ ހުވަފެނެއް ސީދާވުން. ބަލިވެއްޖަމަ އެއީ ބިރުވެރި ހުވަފެނެއް. އަހަރެން އެދެނީ ފައިނަލްގެ ކުރިން އާޖެންޓީނާ ކެޓުން" އާޖެންޓީނާއާ މެދު ޖެހިލުންވާކަން ހާމަ ކުރަމުން ރޮނާލްޑޯ ބުންޏެވެ.

ވޯލްޑް ކަޕަށް ތައްޔާރުވުމަށް ބްރެޒިލުން އެކުލަވާލި ކޮމެޓީގައިވެސް އިސްދައުރެއް އަދާކުރި ރޮނާލްޑޯ ބުނީ ބްރެޒިލްގެ ފޯވާޑް ނޭމާ އާއި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ގްރޫޕް ސްޓޭޖުގައި ދެއްކި ކުޅުމަށް ތައުރީފް ހައްގު ކަމަށެވެ. މިދެކުޅުންތެރިންވެސް ވަނީ ގްރޫޕްސްޓޭޖުގައި 4 ލަނޑު ކާމިޔާބު ކޮށްފައެވެ.

ދެވަނަ ބުރުގައި މިރޭ ޗިލީއާ ދެކޮޅަށް ބްރެޒިލް ކުޅެންޖެހޭ މެޗާ ގުޅޭ ގޮތުން ރޮނާލްޑޯ ބުނީ ޗިލީއާމެދު ބްރެޒިލް ހާސްވާ ވަރަށް ވުރެ ބޮޑަށް ބްރެޒިލްއާ މެދު ޗިލީ ހާސްވާނެ ކަމަށެވެ. "އެއީ ހަމައެކަނި ދެގައުމުގެ ފުޓްބޯޅަ މިހާރު އޮތް ހާލަތަށް ބަލާފައެއް ނޫން. ކުރީގެ ނަތީޖާތަކަށްވެސް ބެލުމަށްފަހު" ޖަރުމަނު ބަލިކޮށް 2002 ގެ ވޯލްޑް ކަޕްބެރެޒިލަށް ކާމިޔާބު ކޮށްދިނުމަށް ފައިނަލް މެޗުގައި ދެލަނޑު ޖެހި ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯއަކީ ވޯލްޑް ކަޕާވަރަށް ގުޅުން ބޮޑޮ ކުޅުންތެރިއެކެވެ. ވޯލްޑް ކަޕުގެ ތާރިހުގައި އެންމެ ގިނަ ލަނޑުޖެހި (15 ލަނޑު) އެކުޅުންތެރިޔަކީ އޭނާއެވެ. އެހެންނަމަވެސް ޖަރުމަނުގެ ފޯވާޑް މިރްސްލާވް ކްލޯސާ ވަނީ މިފަހަރުގެ ވޯލްޑް ކަޕުގައި ގާނާ ކޮޅަށް ލަނޑެއް ޖަހައި ރޮނާލްޑޯގެ ރެކޯޑާ އެއްވަރު ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement