ގްރޫޕް ސްޓޭޖުން ޕޯޗުގަލް ކަޓައިފި
ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމްގައިހުރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން ކަމުގެ ދަށުން ކުޅެމުން އަންނަ ޕޯޗުގަލް ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ރޭ ކަޓައިފިއެވެ.
ވޯލްޑް ކަޕް ގްރޫޕް ގްރޫޕް"ޖީ" ގައި ހިމެނުނު ޕޯޗުގަލް ގްރޫޕް ސްޓޭޖުން ކެޓީ ރޭ ގާނާ އަތުން 2-1 އިން މޮޅުވެ ޕޮއިންޓުގެ ގޮތުން އެމެރިކާއާ އެއްވަރުވި ނަމަވެސް ފައިދާ ލަނޑުގެ ތަފާތުންނެވެ. ޕޯޗުގަލް އާއި އެމެރިކާއަށް ލިބިފައި ވަނީ 4 ޕޮއިންޓެވެ. އެކަމަކު އެމެރިކާއަށް ގެއްލުން އަދި ފައިދާ ލަނޑެއް ނެތްއިރު ޕޯޗުގަލްއަށް ގެއްލުން 3 ލަނޑު އެބައޮތެވެ. ޕޯޗުގަލްއާއެކު މިގްރޫޕުން ކަޓައި ރަށަށް ދާން ޖެހުނީ ގާނާއެވެ.
ގްރޫޕް ސްޓޭޖުން ޕޯޗުގަލް ކަޓައިގެން ދިޔުމުން އެންމެ ބޮޑު ފާޑު ކިޔުން އަމާޒުވެފައި ވަނީ ރޮނާލްޑޯ އަށެވެ. ޖަރުމަނާއި އެމެރިކާ ކޮޅަށް ރޮނާލްޑޯއަށް ލަނޑެއް ޖެހިފައި ނުވާއިރު ސަޕޯޓަރުން އުއްމީދު ކުރިވަރުގެ ރަނގަޅު ކުޅުމެއްވެސް ދެއްކިފައެއް ނުވެއެވެ. ރޮނާލްޑޯގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ފެނިގެންދިޔައީ ރޭ ގާނާއާ ދެކޮޅަށެވެ. މިމެޗުން ޕޯޗުގަލް މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. އެހެންނަމަވެސް ލަނޑުޖަހަންލިބުނު ހުސް އެތައް ފުރުސަތެއް އޭނާ އަތުން ވަނީ ބޭކާރުވެފައެވެ.
މިއީ އެމެރިކާއާ އެއްގްރޫޕެއްގައި ހިމެނި ޕޯޗުގަލް ގްރޫޕް ސްޓޭޖުން ކެޓި ދެވަނަ ފަހަރެވެ. މީގެކުރިން 2002 ގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ޕޯޗުގަލް ކެޓިއިރު އެމެރިކާއާ ބައްދަލު ކުރި މެޗުން ބަލިވީ 3-2 އިންނެވެ. މިފަހަރު ބައްދަލު ކުރި މެޗް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
މިގްރޫޕް ސްޓޭޖް ފަހު މެޗުގައި 1-0 އިން އެމެރިކާ ބަލިކޮށް ވަރުގަދަ ޖަރުމަނު ވަނީ ގްރޫޕުގެ އެއްވަނަ ހޯދާފައެވެ. ޖަރުމަނު އަތުން ބަލިވިނަމަވެސް ގްރޫޕުގެ ދެވަނަ ގައުމުގެ ގޮތުގައި އެމެރިކާ ވަނީދެވަނަ ބުރުން ފުރުސަތު ހޯދާފައެވެ.
ދެވަނަ ބުރުގައި ޖަރުމަނު ބައްދަލު ކުރާނީ އަލްޖީރިޔާ އާއެވެ. އެމެރިކާ ނިކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ.
ދެވަނަ ބުރުގައި ގައުމުތައް ބައްދަލު ކުރަން ޖެހޭ ގޮތް:
ބްރެޒިލް ޗިލީ ، ކޮލަމްބިއާ –އުރުގުއޭ ، ނެދަލޭންޑްސް – މެކްސިކޯ ،ކޮސްޓަރިކާ – ގްރީސް ، ފަރާންސް – ނައިޖީރިޔާ ، ޖަރުމަނު – އަލްޖީރިޔާ، އާޖެންޓީނާ– ސްވިޓްޒަލޭންޑް ، ބެލްޖިއަމް – އެމެރިކާ .
ދެވަނަ ބުރުގެ މެޗުތައް ކުޅެން ފަށާނީ މާދަމާ ރޭ ބްރެޒިލް އާއި ޗިލީބައްދަލު ކުރާ މެޗުންނެވެ. މިމެޗް ފަށާނީ ރާއްޖޭ ގަޑިން 21:00 ގައެވެ.
ކިޔުންތެރިންގެ ހިޔާލު