ޗިލީ 0-2 އިން ބަލިކޮށް ނެދަލޭންޑްސް ގްރޫޕުގެ އެއްވަނަ ހޯދައިފި
ޗިލީ 0-2 އިން ބަލިކޮށް ގްރޫޕް "ބީ" ގެ އެއްވަނަ ޓީމުގެ ގޮތުގައި ނެދަލޭންޑްސް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
ދެވަނަ ބުރުގައި ބްރެޒިލްއާ ވާދަކުރަން ބޭނުން ނުވާކަމަށް ބުނެ މިމެޗަށް ނެދަލޭންޑްސް އާއި ޗިލީވެސް ނިކުތީ ގްރޫޕުގެ އެއްވަނަ ހޯދުމަށެވެ. ދެގައުމުގެ ފަރާތުންވެސް އަވަސް އެޓޭކިންގް ފުޓްބޯޅައެއް ފެނިގެންދިޔަ މިމެޗުގައި ނެދަލޭންޑްސްއިން ލީޑް ނެގީ 77 ވަނަ މިނެޓުގައެވެ.
ލިބުނު ކޯނަރަކުން މިލަނޑު ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ލެރޮއީފާއެވެ. މިއީ ނެދަލޭންޑްސް ގައުމީ ޓީމަށް އޭނާ ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. ނެދަލޭންޑްސްއަށް ގްރޫޕުގެ އެއްވަނަ ކަށަވަރު ކޮށްދިނީ ނުރައްކާތެރި ވިންގަރ އަދި ކެޕްޓަން އާޔެން ރޮބެން ތަނަވަސްކޮށްދިން ފުރުސަތަކުން ވިންގަރ އެމްފިސް ޑިޕޭއެވެ.
މިމޮޅާއެކު ގްރޫޕުގެ އެއްވަނަ ނެދަލޭންޑްސް ހޯދީ ކުޅުނު ތިން މެޗް ކާމިޔާބުކޮށް 9 ޕޮއިންޓާއި ފައިދާ 7 ލަނޑާއެކުއެވެ. ނެދަލޭންޑްސް އަތުން ބަލިވިނަމަވެސް ޗިލީ ވަނީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. ދެވަނަ ބުރުގައި ނެދަލޭންޑްސް އާއި ޗިލީ ބައްދަލު ކުރަން ޖެހޭ ގައުމުތައް އެނގޭނީ ގްރޫޕް "އޭ" ގެ ފަހު ދެމެޗް ނިމުމުންނެވެ. މިދެމެޗްވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން މިރޭ ދަންވަރުއެވެ.
ގްރޫޕް "ބީ" ގައި މިރޭ ކުޅުނު ދެވަނަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ސްޕެއިން ވަނީ އޮސްޓްރޭލިޔާގެ މައްޗަށް 3-0 އިން ކުރި ހޯދާފައެވެ. ސްޕެއިނަށް ލަނޑު ޖަހައިދިނީ ފުރަތަމަ ދެމެޗުގައި ކުޅުމުގެ ފުރުސަތު ނުލިނު ފޯވާޑް ޑޭވިޑް ވިޔާ އާއި މިޑްފީލްޑަރު ހުވާން މަތާ އާއި ފުރަތަމަ ދެމެޗުގައި ބަދަލު ކުޅުންތެރިއެއްގެ ކުޅުން ނިކުތް ފޯވާޑް ފެނާންޑޯ ޓޮރޭސްއެވެ.
ތިން ޕޮއިންޓާއި ގެއްލުން 3 ލަނޑާއެކު ގްރޫޕް ސްޓޭޖް ސްޕެއިން ނިންމާލަން ޖެހުނީ 3 ވަނައިގައެވެ. ޕޮއިންޓެއް ނުލިބި ގެއްލުން 7 ލަނޑާއެކު އޮސްޓްރޭލިޔާ ދިޔައީ ގްރޫޕުގެ ފުލަށެވެ.
ކިޔުންތެރިންގެ ހިޔާލު