ބްރެޒިލް ސަޕޯޓަރު ބޭނުން ވަނީ ކެމަރޫން އަތުން ތަފާތު ބޮޑު މޮޅެއް
ވޯލްޑްކަޕް ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި މިރޭ ކެމަރޫން އަތުން ބޭނުން ވަނީ ތަފާތު ބޮޑު މޮޅެއް ކަމަށް ބްރެޒިލް ސަޕޯޓަރުން ބުނަން ފަށައިފިއެވެ.
ގްރޫޕް "އޭ" ގައި ހިމެނޭ ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި 3-1 އިން ކްރޮއޭޝިޔާ އަތުން މޮޅުވިނަމަވެސް ދެވަނަ މެޗުގައި މެކްސިކޯއާ ވާދަކޮށް ނިންމާލަން ޖެހުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މިއީ ވޯލްޑް ކަޕުގެ ތާރިހުގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްފައިވާ ގައުމު ބްރެޒިލްގެ ސަޕޯޓަރުން ހިތްހަމަ ޖެހޭކަމަކަށް މިފަހަރު ނުވިއެވެ.
"އަހަރެމެންގެ ގައުމުގައި މުބާރާތް އޮތަސް އަހަރެމެންގެ ގައުމު ލަނޑުތަކެއް ނުޖަންޏާ ކިހިނެއް ފޯރި ނަގާނީ. ފުރަތަމަ މެޗް ރަނގަޅު. އެކަމަކު ދެވަނަ މެޗުގައި އުފާކޮށްލާނެ ހިނދުކޮޅެއް ނާދޭ" ބްރެޒިލްގެ ސަޕޯޓަރަކު ބުންޏެވެ.
"ކެމަރޫން ކޮޅަށް ގިނަ ލަނޑުތަކެއް ޖަހައި ސަޕޯޓަރުން އުފާކޮށްދޭނެ ކަމަށް ގަބޫލް ކުރަން. ފޯރިނަގަން އަހަރެން ބޭނުން ވަނީ ލަނޑު ޖަހަންޏާ. އެކަމަކު ލަނޑު ޖެހޭނީވެސް ސަޕޯޓަރުންގެ ސަޕޯޓާ އެކުކަންވެސް ގަބޫލް ކުރަން" ބްރެޒިލްގެ މީޑިޔާއަކަށް ދިން ބަސްދީ ގަތުމެއްގައި އަންހެން ސަޕޯޓަރަކު ބުންޏެވެ.
ބްރެޒިލާ ދެކޮޅަށް ނިކުންނައިރު ކެމަރޫން އޮތީ ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ. އެހެންކަމުން މިރޭ ކަމަރޫން ކުޅޭނީ އެއްވެސް ޕްރެޝަރެއް ނެތިކަމަށް ވުމަކީ ބްރެޒިލަށް އޮތް ނުރައްކަލެކެވެ.
ކުރީގެ ކުރިމަތިލުންތައް:
ބްރެޒިލް އާއި ކެމަރޫން 4 ފަހަރު ވާދަކޮށްފައި ވެއެވެ. އޭގެ ތެރެއިން 3 މެޗުން ބްރެޒިލްވަނީ މޮޅުވެފައެވެ. އަނެއް މެޗް ކާމިޔާބު ކުރީ ކެމަރޫންއެވެ. ކެމަރޫން ކާމިޔާބު ކުރި މެޗަކީ 2003 ގެ ކޮންފެޑެރޭޝަންސް ކަޕުގައި ދެގައުމު ބައްދަލު ކުރި މެޗެވެ. އެމެޗުގެ ހަމައެކަނި ލަނޑު ޖެހީ ފޯވާޑް އަދި މިހާރުގެ ކެޕްޓަން ސްމެއުލް އެޓޫއެވެ. މިރޭ ފުރަތަމަ އެގާރައިގައި އޭނާ ނުހިމެނޭ ކަމުގެ ހަބުރުތައް ވަނީ ފެތުރިފައެވެ. ކެމަރޫނަކީ ބްރެޒިލް އަތުން މޮޅުވެފައިވާ އެފްރިކާގެ ހަމައެކަނި ގައުމުކަންވެސް ފާހަގަ ކޮށްލެވެއެވެ.
ކެމަރޫން ޓީމުގެ ތެރޭގެ މައްސަލަތައް:
ގްރޫޕް ސްޓޭޖުގައި އެންމެ ފަހުން ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ކްރޮއޭޝިޔާގެ ފޯވާޑް މަންޑްޒުކިކަށް އަތުން ހަމަލާ ދިނުމުން ޑިފެންޑަރު އެލެކްސް ސޯންގ އަށްވަނީ ރަތްކާޑް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. އަދި އޭނާ ވަނީ ކޯޗިން ސްޓާފުންނާ ޒުވާބު ކޮށްފައެވެ. މިކަން މިހެން ވެފައިވަނިކޮށް އެޓީމު މުބާރާތަށް އައުމުގެ ކުރިން ކުޅުންތެރިން މަސައްކަތް ކުރީ ގައުމަށް ރީތި ނަމެއް ހޯދައި ދޭން ނޫން ކަމަށާއި ސަރުކާރަށް ޕްރެޝަރު ކޮށްގެން ފައިސާ ހޯދަން ކަމަށް ބުނެ ކެމަރޫންގެ ބައެއް މީޑިޔާތަކުން ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ފާޑު ކިޔާފައެވެ.
ވޯލްޑް ކަޕުގައި އެންމެ ފަހުން ބްރެޒިލް އާއި ކެމަރޫން ބައްދަލު ކޮށްފައި ވަނީ 1994 ގައެވެ. މިމެޗް 4-0 އިން ކާމިޔާބު ކުރީ ބްރެޒިލްއެވެ.
ކެމަރޫނާ ދެކޮޅަށް މިރޭ ބްރެޒިލް ކުޅޭ މެޗަކީ އެގައުށް އާދައިގެ މެޗެއް ނޫނެވެ. މިއީ ވޯލްޑް ކަޕުގެ ތާރިހުގައި ހުރިހާ ވޯލްޑް ކަޕެއްގައި ކުޅުނު ހަމައެކަނި ގައުމު ވޯލްޑް ކަޕުގައި ކުޅޭ 100 ވަނަ މެޗެވެ. ވޯލްޑް ކަޕުގައި ބްރެޒިލަށްވުރެ ގިނަ މެޗް ކުޅެފައި ވަނީ ޖާރމަނީ އެކަންޏެވެ. އެއީ 101 މެޗެވެ.
މިގްރޫޕުގައި މިރޭ މެކްސިކޯ އާއި ކްރޮއޭޝިޔާވެސް ބައްދަލު ކުރާނެއެވެ. މިމެޗް އެއްވަރުވެ، ކެމަރޫން އަތުން ބްރެޒިލް ބަލިވެއްޖެނަމަ ދެވަނަ ބުރުން ޖާގަ ލިބޭނީ މެކްސިކޯ އާއި ކްރޮއޭޝިޔާއަށެވެ. ކެމަރޫން އަތުން ބަލިނުވެ އެނޫން ކޮންމެ ނަތިޖާއެއް ނުކުތަސް ދެވަނަ ބުރުން ބްރެޒިލަށް ޖާގަ ލިބޭނެއެވެ.
މިގްރޫޕުގެ އެއްވަނައިގައި ބްރެޒިލް އޮތީ 4 ޕޮއިންޓާއި ފައިދާ 2 ލަނޑާ އެކުއެވެ. ދެވަނައިގައި މެކްސިކޯ އޮތީ 4 ޕޮއިންޓާއި ފައިދާ 1 ލަނޑާ އެކުއެވެ. ތިންވަނައިގައި ކްރޭޝިޔާ އޮތީ 3 ޕޮއިންޓާއި ފައިދާ ދެލަނޑާއެކުއެވެ.
މި ދެމެޗްވެސް ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 1:00 ގައެވެ.
ކިޔުންތެރިންގެ ހިޔާލު