ގްރޫޕުގެ އެއްވަނަ ހޯދަން ނެދަލޭންޑްސް އާއި ޗިލީ މިރޭ ނިކުންނާނެ

image

ވޯލްޑް ކަޕް ގްރޫޕް"ބީ" ގެ އެއްވަނަ ހޯދުމުގެ ހަނގުރާމައިގައި ނެދަލޭންޑްސް އާއި ޗިލީ މިރޭ ބައްދަލު ކުރާނެއެވެ.

މިމެޗަށް ނުކުންނައިރު ނެދަލޭންޑްސްގެ ތަޖުރިބާކާރު ކޯޗް ލުއިސް ވެންހާލްގެ ވިސްނުން ހުރީ މެޗް އެއްވަރު ކޮށްލައިގެންވެސް ގްރޫޕުގެ އެއްވަނަ ހޯދުމަށެވެ. ގްރޫޕުގެ އެއްވަނަ ހޯދަން ވެންހާލް ބޭނުންވާ މައިގަނޑު ސަބަބަކީ ދެވަނަ ބުރުގައި ބްރެޒިލްއާ ދެކޮޅަށް ކުޅެންބޭނުން ނުވާތީއެވެ.

 މުބާރާތް ރާވާފައިވާ ގޮތުން ދެވަނަ ބުރުގައި ވާދަ ކުރަންޖެހޭނީ ގްރޫޕް "އޭ" ގެ އެއްވަނަ ޓީމާއި ގްރޫޕް"ބީ" ގެ ދެވަނަ ޓީމެވެ. އަދި ގްރޫޕް "ބީ" ގެ އެއްވަނަ ޓީމާއި ގްރޫޕް "ބީ" ގެ ދެވަނަ ޓީމެވެ. ބާކީ ހުރި ގްރޫޕް ތަކުން ދެވަނަ ބުރުގެ ޖާގަ ހޯދާ ގައުމުތައްވެސް ވާދަކުރާނީ މިއުސޫލުންނެވެ.

ވެންހާލް ގަބޫލް ކުރާ ގޮތުގައި ބްރެޒިލް ހިމެނޭ ގްރޫޕް "އޭ" ގެ އެއް ވަނަ ހޯދާނީ ބްރެޒިލެވެ. "މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް. އެކަމަކު ދެވަނަ ބުރުގައި ކޮރޭޝިޔާ ނުވަތަ މެކްސިކޯއާ ބައްދަލު ކުރަން ޖެހުނަސް ފަސޭހައެއްނުވާނެ" ވެންހާލް ބުންޏެވެ.

މީގެ އިތުރުން ވެންހާލް ބުނީ ނެދަލޭންޑްސް އާއި ޗިލީ ބައްދަލު ކުރާ މެޗުގެ ކުރިން ބްރެޒިލާއި ކެމަރޫން ބައްދަލުކުރަންޖެހޭ މެޗް ކުޅެން ޖެހޭނެ ކަމަށް ގަބޫލް ކުރާކަމަށާއި ނެދަލޭންޑްސް އާއި ޗިލީ ބައްދަލު ކުރާ މެޗް ކުރިން ކުޅެންޖެހޭ ގޮތަށް ފީފާއިން ހަމަޖައްސާފައިވަނީ ބްރެޒިލްގެ ފައިދާއަކަށް ކަމަށެވެ.

ޗިލީގެ ކޯޗް ޖޯޖް ސަމްޕައޮލީބުނީ ނެދަލޭންޑްސްގެ ހުވަފެންތައް ހަރާބު ކޮށްލަން ބޭނުން ނުވާ ކަމަށެވެ. "އެކަމަކު އަހަރެމެންގެ އަމިއްލަ ހުފެންތައް ހަގީގަތަކަށް ހަދަން ބޭނުން"ސަމްޕައޮލީ ބުންޏެވެ.  މީގެ އިތުރުން މެޗް ކުޅުމަށް ހަމަޖެހިފައިވާ ސައުޕައޮލޯގެ އެރީނާ ކޮރިންތިއަންސްގެ ދަނޑުގެ ވިނަގަނޑު ހަލާކު ވެފައިވާ ކަމަށް ބުނެ ސަމްޕައޮލީ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. "ދަނޑުގެ ވިނަގަނޑު އިތުރަށް ހަލާކު ވެދާނެތީ އަހަރެމެން ޕްރެކްޓިސްވެސް ނުކުރަން" ސަމްޕައޮލީ ބުންޏެވެ.

ނެދަލޭންޑްސްގެ ކެޕްޓަން އަދި މިފަހަރުގެ ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދައްކައި 3 ލަނޑު ކާމިޔާބު ކޮށްފައިވާ ރޮބިން ވެން ޕާސީ އަށް ދެރީނދޫކާޑް ހަމަވެފައިވާތީ މިރޭ ނުކުޅޭވޭނެއެވެ. މިއީ 1996 ގެ ފަހުން "ވޭން" ނުލައި ނެދަލޭންޑްސް ކުޅޭ ފުރަތަމަ ފަހަރެވެ.

ޗިލީއަށް ބަލާއިރު މެދުތެރޭގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އައުޓްރޯ ވިދާލް އާއި ޗާލްސް އަރަންގުއިޒްގެ ބޭނުން މިރޭ ހިފާނެކަމަށް ނުބެލެވެއެވެ. އެއީ މިދެކުޅުންތެރިންނަށް މިހާރުވެސް އެއްރީނދޫ ކާޑް ދައްކާފައިވާތީ، މިރޭ ރީނދޫ ކާޑެއް ދައްކައިފިނަމަ ދެވަނަ ބުރުގައިކުޅެން ޖެހޭ މެޗުގައި ނުކުޅެވޭނެތީއެވެ. މީގެ އިތުރުން އަނިޔާގައި ހުރި ބްރޯނޯމާޓިންސްގެ ބޭނުންވެސް މިރޭ ހިފާނެކަމަށް ނުބެލެވެއެވެ.

ނެދަލޭންޑްސް އާއި ޗިލީ މީގެކުރިން ބައްދަލު ކޮށްފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ 1928 ވަނަ އަހަރުގެ އޮލިމްޕިކްސް ފުޓްބޯޅަ މުބާރާތުގައެވެ. އެމެޗް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

ވޯލްޑް ކަޕުގެ ތާރިހުގައި ދެކުނު އެމެރިކާގެ ގައުމުތަކާ ދެކޮޅަށް 11 ފަހަރު ނެދަލޭންޑްސް ކުޅެފައިވާއިރު ބަލިވެފައި ވަނީ 3 މެޗުންނެވެ. އެއީ 1978 ގެ ވޯލްޑްކަޕް ފައިނަލުގައި އާޖެންޓީނާ އަތުން 3-1 އިން އާއި  1994 ގެ ވޯލްޑްކަޕް ކުއާޓާ ފައިނަލުގައި ބްރެޒިލް އަތުން 3-2 އިން އަދި 1998 ގެ ވޯލްޑްކަޕް ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ބްރެޒިލް އަތުން 4-2 އިންނެވެ.

ވޯލްޑް ކަޕުގެ ތާރިހުގައި ޔޫރަޕުގެ ގައުމުތަކާ ދެކޮޅަށް އެންމެ ފަހުން ޗިލީ ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ 2 މެޗުންނެވެ.

ނެދަލޭންޑްސްއާއި ޗިލީ ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ 21:00 ގައެވެ. މިގްރޫޕްދެން ހިމެނޭ އަދި މުބާރާތުން މިހާރު އަލްވަދާއު ކިޔާފައިވާ ސްޕެއިން އާއި އޮސްޓްރޭލިޔާވެސް މިގަޑީގައި ބައްދަލު ކުރާނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް