ފަހުވަގުތު ވަރެލާ ކާމިޔާބުކުރި ލަނޑުން ދެވަނަ ބުރުގެ އުއްމީދު ޕޯޗުގަލް ދަމަހައްޓައިފި
މެޗުގެ އެންމެފަހު ސިކުންތު ކޮޅުގެ ތެރޭގައި ސިވެސްޓާ ވަރެލާ ކާމިޔާބު ކޮށްދިން ލަނޑުން 2-2 އިން އެމެރިކާއާ އެއްވަރުކޮށް ދެވަނަ ބުރުން ޖާގަ ހޯދުމުގެ އުއްމީދު ޕޯޗުގަލްއިން ދަމަހައްޓައިފިއެވެ.
މިމެޗުގެ ފުރަތަމަ ލަނޑު 5 ވަނަ މިނެޓުގައި ކާމިޔާބު ކޮށް ޕޯޗުގަލްއަށް ލީޑް ނަގައިދިނީ ވިންގަރ ލުއިސް ނާނިއެވެ. މިލަނޑަށްފަހު ޕޯޗުގަލްއިން މެޗް ކޮންޓްރޯލް ކުރާނެކަމަށް ބެލެވުނު ނަމަވެސް ދެންފެނިގެން ދިޔައީ އެމެރިކާއިން ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފައްދައި ޕޯޗުގަލް ހާސްކޮށްލި ތަނެވެ.
ދެވަނަ ހާފް ފަށައިގެން 64 ވަނަ މިނެޓުގައި އެމެރިކާއިން އެއްވަރު ކުރީ ޖެރެމައިން ޖޯންސެވެ. އަދި ޕޯޗުގަލް ސިއްސުވާލުމަށްފަހު އެމެރިކާއަށް ލީޑް ނަގައިދިނީ 81 ވަނަ މިނެޓުގައި ކްލައިން ޓްޑެމްޕްސީއެވެ.
މިލަނޑާއެކު ގްރޫޕް ސްޓޭޖުން ޕޯޗުގަލް ކަޓައި ދެވަނަ ބުރުން އެމެރިކާއަށް ޖާގަ ލިބުން ކަށަވަރުވުމަށް ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް ޕޯޗުގަލްއަށް އެއްވަރު ކޮށްދިނީ ވިންގަރ ސިލްވެސްޓާ ވަރެލާއެވެ.
މިމެޗުގައި ޕޯޗުގަލްގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނު ނަމަވެސް އެންމެފަހު ވަގުތު ޕޯޗުގަލްއިން އެއްވަރު ކުރި ލަނޑު ޖެހީ ރޮނާލްޑޯ ނަގައިދިން ހުރަހަކުންނެވެ.
ޕޯޗުގަލްގެ ކޯޗް ޕައުލޯ ބެންޓޯ މިމެޗަށް ނިކުތުމުގެ ކުރިން ބުނެފައި ވަނީ އެމެރިކާ ބަލި ނުކުރެވިއްޖެނަމަ ފޮށި ތަންމަތި ތައްޔާރުކޮށް އެނބުރި ރަށަށްދާން ތައްޔާރު ވާންވީ ކަމަށެވެ. މެޗަށް ފަހު އޭނާ ބުނީ ދެވަނަ ބުރުން ޕޯޗުގަލްއަށް ދެން ޖާގަ ލިބުނަސް ލިބޭނީ އަދަޔާ ހިލާފް ނަތީޖާތަކެއް ނިކުމެގެން ކަމަށެވެ.
އެމެރިކާގެ ކޯޗް ޖަރުމަނުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޔޯގަން ކްލިންސްމަން ބުނީ ދެވަނަ ބުރުން ޖާގަ ކަށަވަރުވާން ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށް ޕޯޗުގަލްއިން އެއްވަރު ކުރުމުން ހިތްދަތިވި ކަމަށެވެ. "އެކަމަކު އަހަރެމެން ހިތްވަރު އެލުވައެއް ނުލާނަން. ދެވަނަ ބުރުން ޖާގަ ހޯދުމަށް ވަރަށް ބޮޑު ފުރުސަތެއް އަހަރެމެންނަށް އެބައޮތް" ޖަރުމަނަށް 2006 ގެ ވޯލްޑްކަޕް ތިންވަނަ ހޯދައިދިން ކޯޗް ކްލިންސްމަން ބުންޏެވެ.
ގްރޫޕް ސްޓޭޖް ފަހު މެޗުގައި އެމެރިކާ ނިކުންނަން ޖެހޭނީ ޖަރުމަނާ ދެކޮޅަށެވެ. ކްލިންސްމަން ބުނީ އަމިއްލަ ގައުމާ ދެކޮޅަށް ކުޅެން ޖެހުނަސް ދުލެއް ނުދޭނެ ކަމަށެވެ.
އެމެރިކާ އަތުން އެއްވަރު ވުމުން ގްރޫޕް ސްޓޭޖުން ޕޯޗުގަލް ނުކެޓި ނަމަވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަބާރު އެގައުމަށް ވަނީ ގެއްލިފައެވެ. ފުރަތަމަ މެޗުގައި ޖަރުމަނު އަތުން 4-0 އިން ޕޯޗުގަލް ބަލިވެފައިވާއިރު ގްރޫޕް ފުލުގައި ޕޯޗުގަލް އޮތީ އެއްޕޮއިންޓާއި ގެއްލުން 4 ލަނޑާ އެކުއެވެ.
ޕޯޗުގަލްއަށް ދެވަނަ ބުރުން ފުރުސަތު ލިބެން އޮތީ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ގާނާއަތުން 3 ލަނޑަށްވުރެ ކުޑަނޫން ތަފާތަކުން މޮޅުވެ، ޖަރުމަނު އަތުން އެމެރިކާ 3 ލަނޑަށްވުރެ ކުޑަނޫން ތަފާތަކުން ބަލިވެގެންނެވެ.
ޕޯޗުގަލް އަތުން ލިބުނު ތިންޕޮއިންޓާ އެކު ދެވަނަ ބުރުގެ ފުރުސަތު އެމެރިކާއަށް އޮތީ ވަރަށް ބޮޑަށްހުޅުވިފައެވެ. 2002 ގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ކުޅުނު އެމެރިކާ މިގްރޫޕުގެ ދެވަނައިގައި އޮތީ 4 ޕޮއިންޓާއި ފައިދާ 1 ލަނޑާ އެކުއެވެ. ގްރޫޕުގެ ކުރީގައި ޖަރުމަނު އޮތީ 4 ޕޮއިންޓާއި ފައިދާ 4 ލަނޑާ އެކުއެވެ. ތިންވަނައިގައި ގާނާ އޮތީ 1 ޕޮއިންޓާއި ގެއްލުން އެއްލަނޑާ އެކުއެވެ.
ގްރޫޕް ސްޓޭޖް ފަހު މެޗުގައި ޕޯޗުގަލް ނިކުންނާނީ ގާނާއާ ދެކޮޅަށެވެ. އަދި ޖަރުމަނު ނިކުންނާނީ އެމެރިކާއާ ދެކޮޅަށެވެ. މިދެމެޗްވެސް ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 21:00 ގައެވެ.
ކިޔުންތެރިންގެ ހިޔާލު