މިރޭ ޕޯޗުގަލް ކުޅޭ މެޗަށް ރޮނާލްޑޯ ހުރީ ފިޓްކޮށް: ބެޓޯ

image

ދެވަނަ ބުރުން ޖާގަހޯދުމަށްޓަކައި މޮޅުވުން މަޖުބޫރު މެޗަކަށް އެމެރިކާއާ ދެކޮޅަށް ޕޯޗުގަލް މިރޭ ނުކުންނައިރު ކެޕްޓަން އަދި ނުރައްކާތެރި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ ފިޓްކޮށްކަމަށް ޕޯޗުގަލްގެ ރިޒާވް ކީޕަރު ބެޓޯ ބުނެފިއެވެ.

" ރޮނާލްޑޯ ހުރީ %100ފިޓްކޮށް. މިއީ އެމެރިކާއާ ދެކޮޅަށް ނުކުންނައިރު މުޅި ޕޯޗުގަލްއަށް ލިބޭ ހިތްހަމަޖެހުމެއް" މިރޭ ޕޯޗުގަލްގެ ގޯލު ބަލަހައްޓާނެކަމަށް ބެލެވޭ ބެޓޯ ބުންޏެވެ.

ޕޯޗުގަލްއަށް ދެވަނަ ބުރުގެ އުއްމީދު ދެމެހެއްޓެން އަންނަނީ މިރޭ އެމެރިކާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިމެޗް އެއްވަރު ވެއްޖެނަމަ ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު ޕޯޗުގަލްއަށް ގެއްލޭނެއެވެ. އަދި ބަލިވެއްޖަ ނަމަ މުބާރާތުން އަލްވަދާއު ކިޔަންޖެހޭނެއެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން ވާތު ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން، ވޯލްޑް ކަޕަށް ތައްޔާރު ވުމުގެގޮތުން ޕޯޗުގަލް ކުޅުނު އެކުވެރިކަމުގެ ދެމެޗުގެ ތެރެއިން އެއްމެޗުގައި ރޮނާލްޑޯ ނުކުޅެއެވެ. ދެވަނަ މެޗުގައި އޭނާ ކުޅެފައި ވަނީ 65 މިނެޓް ވަންދެނެވެ.

މީގެ އިތުރުން ވޯލްޑް ކަޕް ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި ޖަރުމަނު އަތުން 4-0 އިން ޕޯޗުގަލް ބަލިވި މެޗުގައި ރޮނާލްޑޯގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ފެނިފައި ނުވަނީ ތަޖުރިބާކާރުންގެ ނަޒަރުގައި އޭނާ މުޅިން ފިޓް ނުވާތީއެވެ. އެ މެޗުގައި އޭނާ ފެނިފައި ވަނީ އެހެން މެޗުތަކާ ހިލާފަށް ވަރުބަލިކޮށެވެ.

އެމެރިކާއާ ދެކޮޅަށް ނުކުންނަ އިރު ޕޯޗުގަލްގެ ކޯޗް ޕައުލޯ ބެންޓޯގެ ބޮލުގެ ރިހުމަކަށް ވެފައި ވަނީ އަނިޔާ ގެސަބަބުން ޑިފެންޑަރު ކޮންޓް ރާއޯ އާއި ކީޕަރު ރުއި ޕެޓް ރިސިއޯއަށް އަދި ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން އިތުބާރު ޑިފެންޑަރު ޕެޕޭއަށް މިރޭ ނުކުޅެވޭނެތީއެވެ.

އެމެރިކާ ވަނީ ގްރޫޕް ސްޓޭޖްފުރަތަމަ މެޗުގައި ގާނާ 2-1 އިން ބަލިކޮށްފައެވެ. މިރޭ ޕޯޗުގަލް އަތުން މޮޅުވެއްޖެނަމަ އެމެރިކާއަށް ދެވަނަ ބުރުން ފުރުސަތު ލިބޭނެއެވެ. މިމެޗުންއެއްވަރު ނުވަތަ ބަލިވި ނަމަވެސް ގްރޫޕް ސްޓޭޖް ފަހު މެޗުގައި ޖަރުމަނު ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު އެމެރިކާއަށް އޮންނާނެއެވެ.

ޕޯޗުގަލްއާއި އެމެރިކާ ބައްދަލު ކުރާ މެޗް ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 3:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް