އާޖެންޓީނާ އަތުން ޕޮއިންޓެއް ލިބުމަކީ "މުސްތަހީލް" ކަމެއް – އިރާން ކޯޗް

image އިދިކޮޅު ޓީމުގެ ކުޅުންތެރިންގެ އަތުން ބޯޅަ ހޯދައިގެން އާޖެންޓީނާގެ ކެޕްޓަން މެސީ ކުރިއަށްދަނީ

ވޯލްޑް ކަޕް ގްރޫޕް"އެފް" ގައި އިރާން ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދުމަށް އާޖެންޓީނާ މިރޭނިކުންނާނެއެވެ.

އިރާނާ ދެކޮޅަށް ނުކުންނައިރު އާޖެންޓީނާގެ ކޯޗް އަލެހެންދްރޯ ސަބެއްލާ ބުނީ މެޗް ފަސޭހަކޮށް ނުނަގާނެ ކަމަށާއިވޯލްޑް ކަޕުގައި 'އާދައިގެ" ގައުމެއް ވާދަ ނުކުރާނެ ކަމަށެވެ.

މީގެ އިތުރުން ފުރަތަމަ މެޗުގައި ބޮސްނިޔާ އަތުން 2-1 އިން މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި 5-3-2 ފޯމޭޝަނަށް ކުޅުވުމުން ޓީމުގެ ކެޕްޓަން އަދި އެންމެ މުހިއްމު ކުޅުންތެރިޔާ ލިއޮނަލް މެސީ ހިތްހަމަ ނުޖެހިފައި ހުރިކަމަށް މީޑިޔާގައި ދެކެވެމުންދާ ވާހަކަތައް ސަބެއްލާ ވަނީ ދޮގު ކޮށްފައެވެ. "މެސީ ދެއްކި ވާހަކަތައް ކޮންމެވެސް ވަރަކަށް މީޑިޔާއަށް އޮޅިފައި އޮތީ. މެސީ ފާޅު ކުރީ އޭނާގެ ހިޔާލް. އެއީ މައްސަލައެއް ނޫން. މެސީއަކީ އެހެން މީހުންނަށް ވަރަށް އިހްތިރާމް ކުރާ ކުޅުންތެރިއެއް. ޓީމު އޮތީވަރަށް ރަނގަޅު ރޫހެއްގައި" ސަބެއްލާ ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިން މެޗުތަކާއި އެކުވެރިކަމުގެ މެޗުތަކުގައި އާޖެންޓީނާ ކުޅެފައި ވަނީ 4-3-3 ފޯމޭޝަނަށެވެ. އެހެންނަމަވެސް ފުރަތަމަ މެޗުގައި ބޮސްނިޔާއަށް ދެކޮޅަށް ފުރަތަމަހާފްގައި 5-3-2 ފޯމޭޝަނަށް ކުޅުމުން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ދެވަނަ ހާފުގައި 4-3-3 ފޯމޭޝަނަށް ބަދަލުކޮށްލުމުން ނުރައްކާތެރި ގިނަހަމަލާތަކެއް އާޖެންޓީނާއިން އުފެއްދިއެވެ. އަދި މެސީގެ ފަރާތުން މޮޅު ލަނޑެއްވެސްވަނީ ފެނިގެން ގޮސްފައެވެ. އެމެޗަށްފަހު މެސީ ބުނެފައި ވަނީ އޭނާއަށް ކަމުދަނީ 4-3-3 ފޯމޭޝަނަށް ކުޅުމުންކަމަށެވެ.

އާޖެންޓީނާ އަތުން އެންމެމަދުވެން ޕޮއިންޓެއް ހޯދައި ދެވަނަ ބުރުން ޖާގަ ހޯދުމުގެ އުއްމީދު ދެމެހެއްޓުމަށް ނިކުންނައިރު އިރާނުގެ ކޯޗް ޕޯޗުގަލްގެ ކާލޮސް ކުއިރޯޒް ބުނީ އާޖެންޓީނާ އަތުން ޕޮއިންޓެއް ލިބޭނީ "މުއުޖިޒާތަކުން" ކަމަށެވެ. "އާޖެންޓީނާ އަތުންޕޮއިންޓެއް ލިބުނަސް އެކަންވާނީ މުއުޖިޒާތަކުން. އާޖެންޓީނާއަކީ ދުނިޔޭގައިމިވަގުތު އޮތް އެންމެ ވަރުގަދަ އެއްގައުމު. އަނެއްކާ އަހަރެމެންނަށް ވުރެ އިތުރަށް އެއްދުވަސް އަރާމް ކުރަން އާޖެންޓީނާއަށް ލިބުނު" ކުއިރޯޒް ބުންޏެވެ.

މީގެ އިތުރުން ކުއިރޯޒް ބުނީ 90 މިނެޓް ވަންދެން މެސީ ނުހުއްޓުވޭނެ ކަމަށާއި މިޑްފީލްޑަރު އެންހެލް ޑިމާރިއާ އާއިފޯވާޑް ގޮންޒާލޯ ހިގުއިން އަދި މިޑްފީލްޑަރު ހާވިޔާ މަޝެރާނޯއަކީ އޭނާ ޖެހިލުންވާ ކުޅުންތެރިން ކަމަށެވެ.

މެޗް އެންމެ ބޮޑަށް ހާއްސަވާ ކުޅުންތެރިޔާ: މިމެޗް އެންމެ ބޮޑަށް ހާއްސަވާ ކުޅުންތެރިޔަކީ އާޖެންޓީނާގެ ހާވިޔާމަޝަރާނޯއަށެވެ. މިމެޗް މަޝަރޯނާއަށް ހާއްސަ ވެގެންދާނީ މިއީ އާޖެންޓީނާގެ ގައުމީޓީމަށް އޭނާ ކުޅެދޭ 100 ވަނަ މެޗަށް ވުމުންނެވެ.

ދެޓީމް އޮތް ހާލަތު:

ގްރޫޕް ސްޓޭޖުގައި ކުޅުނުފުރަތަމަ މެޗުގައި 2-1 އިން ބޮސްނިޔާ ބަލިކޮށް 3 ޕޮއިންޓާއި ފައިދާ އެއްލަނޑާއެކު އާޖެންޓީނާ އޮތީ ގްރޫޕުގެ އެއްވަނައިގައެވެ. މިރޭ އިރާން އަތުން މޮޅުވެއްޖެނަމަ ދެވަނަ ބުރުގެ ޖާގައެއް އާޖެންޓީނާއަށް ކަށަވަރު ވާނެއެވެ.

 ފުރަތަމަ މެޗުގައި ނައިޖީރީއާ ވާދަކޮށް އިރާނުންވަނީ 0-0 އިން އެއްވަރުކޮށްފައެވެ. އެއްޕޮއިންޓާއެކު އިރާން އޮތީ ދެވަނައިގައެވެ. ތިންވައިގައި ނައިޖީރިއާވެސް އޮތީ 1 ޕޮއިންޓާ އެކުއެވެ.

ކުރީގެ ނަތީޖާތައް:

ދެފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ އާޖެންޓީނާ އާއި ވޯލްޑް ކަޕް ދެވަނަ ބުރަށް އަދި މިހާތަނަށް ދެވިފައިނުވާ އިރާން މީގެ ކުރިން ބައްދަލު ކޮށްފައި ވަނީ އެންމެ . ފަހަރެކެވެއެއީއެކުވެރި ކަމުގެ މެޗެއްގައި 1977 ވަނަ އަހަރުއެވެ. ސްޕެއިންގެ މެޑްރިޑުގައި ކުޅުނުމިމެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މުހިއްމު ކުޅުންތެރިން:

 އާޖެންޓީނާގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 4 ފަހަރު ހޯދާފައިވާ ނުރައްކާތެރި ފޯވާޑް އަދި ކެޕްޓަން ލިއޮނަލް މެސީއެވެ. މީގެ އިތުރުން މިޑްފީލްޑަރު އެންހެލް ޑިމާރިއާ އާއި ފޯވާޑް ސާޖިއޯ އަގުއޭރޯ އަދި ޑިފެންސިވް މިޑްފީލްޑަރު ހާވިޔާ މަޝެރާނޯ އަކީ ޓީމުގައި ނަގާކިޔަންތިބި ކުޅުންތެރިންނެވެ.

އިރާނުގެ އެންމެ މުހިއްމުކުޅުންތެރިޔަކީ ކެޕްޓަން ޖާވިދު ނެކޫނަމްއެވެ. މެދުތެރޭގައި ވަރުބަލިކަމެއް ނެތިމަސައްކަތް ކުރާ ނެކޫނަމްއަކީ އިރާން ގައުމީ ޓީމުގެ މައިބަދައެވެ. މީގެ އިތުރުންފޯވާޑް ރެޒާއަކީވެސް ފާހަގަ ކޮށްލެވޭ ކުޅުންތެރިއެކެވެ.

މެޗް ކުޅޭ ވަގުތު: ރާއްޖޭގަޑިން މިރޭ 21:00

މެޗް ކުޅޭ ދަނޑު: އެސްޓާޑިއޯމެނެއިރޯ ، (ސަޕޯޓަރުންގެ ޖާގަ: 58170 )

ސިޓީ: ބެލޯ ހޮރިޒޯންޓެ 

މެޗް އޮފިޝަލުން: ( ރެފްރީ،މިލޮރާޑް މަޒިކް، ސާބިއާ) ، (އެސިސްޓެންޓް ރެފްރީ، މިލޮވަން ރިސްޓިކް، ސާބިއާ) ، އެސިސްޓެންޓްރެފްރީ، ޑަލިބޯ ޖޫޖެވިކް، ސާބިއާ) (ހަތަރުވަނަ އޮފިޝަލް، ނޯބަޓް ހައުޓާ، ޓަހީޓީ).

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް