ކޮސްޓަރިކާއާ ދެކޮޅަށް ކުޅޭނީ ފައިނަލެއްކަމަށް ދެކިގެން – އިޓަލީ

image

ވޯލްޑް ކަޕް ގްރޫޕް "ޑީ" ގައި މިރޭ ކޮސްޓަރިކާއާ ދެކޮޅަށް ކުޅޭނީ ފައިނަލެއްކަމަށް ދެކިގެންކަމަށް އިޓަލީގެ މުހިއްމު މިޑްފީލްޑަރު ތިއާގޯ މޮއްޓާ ބުނެފިއެވެ.

މޮއްޓާ ބުނީ ދެވަނަ ބުރުން ޖާގަ ކަށަވަރު ކުރުމަށްޓަކައި މިރޭ 3 ޕޮއިންޓް ހޯދުން މުހިއްމުކަމަށާއި ކުޅުންތެރިން އިތުރުކަމަކާ ނުވިސްނާނެކަމަށެވެ. "މިއީ އަހަރެމެންނަށް ފައިނަލެއް. ކުޅުންތެރިންގެ ވިސްނުން ހުރީ ހަމައެކަނި ތިން ޕޮއިންޓް ހޯދުމަށް" މޮއްޓާ ބުންޏެވެ.މިމެޗުން ތިން ޕޮއިންޓް ހޯދާ ގައުމަށް ދެވަނަ ބުރުން ފުރުސަތު ހޯދުމަށް ދެން ބޭނުންވާނީ އެންމެ ޕޮއިންޓެކެވެ.. މިމެޗަށް ނުކުންނައިރު މިގްރޫޕުގެ ކުރީގައި ކޮސްޓަރިކާ އޮތީ 3 ޕޮއިންޓާއި ފައިދާ 2 ލަނޑާއެކުއެވެ. އިޓަލީ ދެވަނައިގައި އޮތީ 3 ޕޮއިންޓާއި ފައިދާ 1 ލަނޑާއެކުއެވެ.

އިޓަލީ:

އިޓަލީއަކީ ބްރެޒިލަށްފަހު ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ގައުމެވެ. އިޓަލީން ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާއިރު މިފަހަރުގެ ވޯލްޑް ކަޕަށްވެސް އެގައުމު ކުރިމަތިލީ ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައެވެ.މިފަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑުގެ މައްޗަށް އިޓަލީ ކުރި ހޯދީ 2-1 އިންނެވެ.

ކޮސްޓަރިކާ:

ކޮސްޓަރިކާއަކީ ދުނިޔޭގެ ފުޓްބޯޅައިގެ އާދައިގެ ގައުމެކެވެ. ވޯލްޑް ކަޕުގައި ކޮސްޓަރިކާއަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ އިޓަލީގައި 1990 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ދެވަނަ ބުރުން ޖާގަ ހޯދުމެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ކޮސްޓަރިކާއިން ކުރިމަތިލީ ވަރަށް ޒުވާން ޓީމަކާއެކުއެވެ. އެހެންނަމަވެސް ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި ވަރުގަދަ އުރުގުއޭ އަތުން 3-1 އިން ކޮސްޓަރިކާ ވަނީ މޮޅުވެފައެވެ. މިއާއެކު މިފަހަރުގެ ވޯލްޑް ކަޕުގައި ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރެފާނެ ގައުމެއްގެ ގޮތުގައި ކޮސްޓަރިކާ ބެލެވެއެވެ.

އިޓަލީ އާއި ކޮސްޓަރިކާގެ ކުރީގެ ކުރިމަތިލުންތައް:

އިޓަލީ އާއި ކޮސްޓަރިކާ ވޯލްޑް ކަޕުގައި މީގެ ކުރިން ބައްދަލު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެކުވެރިކަމުގެ މެޗެއްގައި 1994 ވަނަ އަހަރު ވަނީ ބައްދަލު ކޮށްފައެވެ. އެމެޗް 1-0 އިން ކާމިޔާބު ކުރީ އިޓަލީއެވެ.

މުހިއްމު ކުޅުންތެރިން:

ދެބަސްވެވެން ނެތް ގޮތުގައި އިޓަލީގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ޓީމު ލައްވައި ކުޅުވައިދެމުން ލިބޭ ހިލޭ ޖެހުންތަކުގައި މޮޅެތި ލަނޑުތައްޖަހާ ޕްލޭމޭކަރު އަންދްރޭ ޕިރްލޯއެވެ. އޭނާގެ މޮޅެތި ޕާސްތަކާއި ބޯޅަ ގެންގެގުޅޭ ގޮތުގެ ސަބަބުން އިދިކޮޅު ޓީމުތަކަށް އޭނާގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. މީގެ އިތުރުން ކީޕަރު އަދި ކެޕްޓަން ޖިއަލުންޖީ ބުފޮންއަކީ އިޓަލީގެ އެންމެ މުހިއްމު އެއްކުޅުންތެރިޔާއެވެ. އަނިޔާގެ ސަބަބުން އިންގްލެންޑް މެޗުގައި ނުކުޅެވުނުނަމަވެސް މިރޭ ކޮސްޓަރިކާއާ ދެކޮޅަށް ބުފޮން ކުޅުމުގެ ފުރުސަތު ބޮޑެވެ.

ކޮސްޓަރިކާއަށް ބަލާއިރު މަޝްހޫރު ތަރިއެއް ނެތެވެ. އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔަކީ ފޯވާޑް ޖޯލް ކެމްބެލްއެވެ. އުމުރުން އެންމެ 21 އަހަރުގެ ކެމްބެލް ވަނީ އުރުގުއޭއާ ދެކޮޅަށް މޮޅަށް ކުޅެ ލަނޑެއްވެސް ކާމިޔާބު ކޮށްފައެވެ.

މިރޭ އިޓަލީ މޮޅުވެއްޖެނަމަ އެންމެ ބޮޑަށް އުފާނެ ބަޔަކީ އިނގިރޭސިންނެވެ. އެއީ މިރޭ އިޓަލީ މޮޅުވެއްޖެނަމަ، ދެވަނަ ބުރުން ޖާގަ ހޯދުމުގެ ކޮންމެވެސް ވަރެއްގެ ފުރުސަތެއް އިނގިރޭސިންނަށް ލިބިގެންދާނެތީއެވެ.

މިގްރޫޕުގައި އިޓަލީ އާއި ކޮސްޓަރިކާ އާއި އިންގްލެންޑުގެ އިތުރުން ދެން ހިމެނެނީ އުރުގުއޭވެ. އިންގްލެންޑް ފިޔަވައި އަނެއް ތިން ގައުމު ވަނީ މިހާތަނަށް 3 ޕޮއިންޓް ހޯދާފައެވެ.

އިޓަލީ އާއި ކޮސްޓަރިކާ ގެ އިތުރަށް މިމެޗުގެ އިތުރަށް މިރޭ 0:00 ގައި ބައްދަލުކުރާނީ ފްރާންސާއި، ސްވިޓްޒަލޭންޑް އެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް