މަރަޑޯނާ ދަނޑަށް ވައްދަން ފީފާއިން ދެކޮޅު ހަދައިފި

image މަރަޑޯނާ

1986 ގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމަށް އާދަޔާހިލާފް މޮޅު ކުޅުމެއް ދެއްކި މަޝްހޫރު ޑިއޭގޯ މަރަޑޯނާއަށް ކޮންމެ ވޯލްޑް ކަޕެއްގައިވެސް ތަފާތު މައްސަލަތަކާއި ކުރިމަތިލާން ޖެހެއެވެ.

މިފަހަރު މަރަޑޯނާއަށް ދިމާވީ މުޅިން ތަފާތު މައްސަލައެކެވެ. ގްރޫޕް ސްޓޭޖުގައި ބޮސްނިޔާއާ ދެކޮޅަށް އާޖެންޓީނާ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗް ބެލުމަށް މަޝްހޫރު މަރަކާނާ ސްޓޭޑިއަމް ދިޔުމުން އޭނާ ދަނޑަށް ވެއްދުމަށް ފީފާއިން ދެކޮޅު ހެދީއެވެ.

މިކަމާ ރުޅިގަދަވެފައި ހުރި މަރަޑޯނާ ބުނީ ދަނޑަށް ނުވެއްދި ސަބަބުވެސް ފީފާއިން އޭނާއަށް އޮޅުން ފިލުވައި ނުދިންކަމަށެވެ. "ދަނޑަށް ވަންނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިން. އެކަމަކު ހަމަ އެއްގޮތަކަށްވެސް އަހަރެން ދަނޑަށް ވަންނާކަށް ފީފާއިން ހުއްދައެއް ނުދިން. ދެން މެޗް ބެލީ އެނބުރި ހޮޓަލަށް އިސް. އޭރު ފުރަތަމަ ހާފް ނިމިއްޖެ" މަރަޑޯނާ،53، ބުންޏެވެ.

މަރަޑޯނާ ބުނީ ގްރޫޕް ސްޓޭޖުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ އިރާނާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗް ބެލުމަށް ދަނޑަށް ވަދެވޭނެ ގޮތް ފީފާއިން ހަދައިދޭނެކަމަށް އުއްމީދު ކުރާކަމަށެވެ. "އުއްމީދު ކުރަން މިމައްސަލަ ހައްލުކޮށް އަހަންނަށް ދަނޑަށް ވަދެވޭނެ ގޮތް ހަދައިދޭނެކަމަށް. ގައުމު ކުޅޭތަން ބަލަން ދަނޑަށް ނުގޮސް ހުރުމަކީ ވަރަށް އުނދަގޫކަމެއް" މަރަޑޯނާ ބުންޏެވެ.

ފީފާއިން ވަނީ މީގެ ކުރިންވެސް މަރަޑޯނާއާމެދު ބޭއިންސާފުން ވަރަށް ގިނަ ކަންތައް ކޮށްފައެވެ. މީގެ ތެރޭގައި ގަރުނުގެ ފުޓްބޯޅަ ޝަހްސިއްޔަތު ހޮވުމަށް ފީފާއިން 2000 ވަނަ އަހަރު ނެގި ހިޔާލު ހޯދުމުގެ ވޯޓް މަރަޑޯނާ ކާމިޔާބު ކޮށްފައި ވަނިކޮށް ގަރުނުގެ ފުޓްބޯޅަ ޝަހްސިއްޔަތުގެ މަގާމް ބްރެޒިލްގެ ޕެލޭއަށް ދިނުން ފާހަގަ ކޮށްލެވެއެވެ.

ހުނަރުގެ ގޮތުން އެފަދަ ދެވަނައެއް ނެތްނަމަވެސް ފުޓްބޯޅައިގެ ދުނިޔޭގައި މަރަޑޯނާގެ ގަދަރު ކުޑަވެގެންދިޔައީ މަސްތުވާތަކެއްޗާއި ހިލޭ އަންހެނުން ގެންގުޅުމުގެ ކަންތަކުގައި ހައްދަފަހަނަ އަޅައި ދިޔުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް