ގްރީސް އާއި ޖަޕާން ދެވަނަ ބުރުން ޖާގަ ހޯދުމުގެ އުއްމީދު ދަމަހައްޓައިފި
ވޯލްޑް ކަޕް ގްރޫޕް "ސީ" ގައި ގްރީސް އާއި ޖަޕާން ބައްދަލު ކުރި މެޗް ލަނޑެއް ނުޖެހި އެއްވަރުވެ ދެވަނަ ބުރުން ޖާގަ ހޯދުމުގެ އުއްމީދު ދެގައުމުންވެސް ދަމަހައްޓައިފިއެވެ.
ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވާ ޖަޕާނާއި ގްރީސް ރޭ ބައްދަލު ކުރި މެޗުގައި ލަނޑުޖަހާނެ ރަގަޅު ފުރުސަތައް ދެގައުމަށްވެސް ލިބުނެވެ. މީގެތެރޭގައި ޖަޕާނުގެ ހުނަރުވެރި މިޑްފީލްޑަރު ކެއިސޫކޭ ހޮންޑާ ފޮނުވާލި ހިތްގައިމު ހިލޭ ޖެހުން ފާހަގަ ކޮށްލެވެއެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ގްރީސްގެ ކޮންސްޓަންޓިނޮސްއަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑް ދެއްކުމުން މެޗުގެ ބޮޑުބައި އެގައުމުން ކުޅެންޖެހުނީ އެއްކުޅުންތެރިޔަކު މަދުކޮށެވެ. އެހެންނަމަވެސް މީގެ ފައިދާ ޖަޕާނަށް ނެގޭ ގޮތެއް ނުވިއެވެ.
މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ދެގައުމުވެސް އޮތީ ގްރޫޕް ފުލުގައެވެ. ފުރަތަމަ މެޗުގައި ކޮލަމްބިއާ އަތުން ގްރީސް 3-0 އިން ބަލިވެފައިވާއިރު ފުރަތަމަ މެޗުގައި އައިވަރީކޯސްޓް އަތުން ޖަޕާން ބަލިވީ 2-1 އިންނެވެ.
ގްރޫޕް ސްޓޭޖް ފަހު މެޗުގައި ޖަޕާން ވާދަކުރަން ޖެހޭނީ މިގްރޫޕުން ދެވަނަ ބުރުން މިހާރުވެސް ޖާގަ ކަށަވަރު ކޮށްފައިވާ ކޮލަމްބިޔާއާއެވެ. ގްރީސް ވާދަކުރަން ޖެހޭނީ އައިވަރީކޯސްޓާއެވެ. ގްރީސް އަތުން އައިވަރީކޯސްޓް މޮޅުވެއްޖެނަމަ، ކޮލަމްބިއާ އަތުން ކިތައްމެ ތަފާތު ބޮޑު ނަތީޖާއަކުން ޖަޕާން މޮޅުވިޔަސް ދެވަނަ ބުރުން ޖާގަ ލިބޭނީ އައިވަރީކޯސްޓަށެވެ. އެއީ މިހާރުވެސް އައިވަރީކޯސްޓަށް 3 ޕޮއިންޓް ލިބިފައިވުމާއި ކޮލަމްބިއާ އަތުން މޮޅުވިޔަސް ޖަޕާނަށް ލިބޭނީ 4 ޕޮއިންޓް ކަމަށްވުމުންނެވެ.
ކިޔުންތެރިންގެ ހިޔާލު